ރާއްޖޭގެ އިސްލާމްވަންތަކަން ނަގާލަން މަސައްކަތްކުރާ ބަޔަކާ އެއްކޮޅުވެވޭނެ ޝަރުޢީ ހަމައެއް ނެތް: ޝައިޚް ޢަބްދުﷲ

ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމްވަންތަކަމާއި، މިޤައުމުގެ އަމިއްލަވަންތަކަމާއި، އިސްތިޤްލާލްއާއި އަދި އަޚްލާޤިއްޔާތު ނަގާލަން މަސައްކަތްކުރާ ބަޔަކާއި އެއްކޮޅުވެވޭނެ ޝަރުޢީ އެއްވެސް ހަމައެއް ނެތްކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ރޭ ގެނެސްދިން ’29 މިނެޓް‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ އަޅުގަނޑުމެންގެ މަސްލަޙަތާއި ސަލާމަތްތެރިކަން އޮތީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ހިފެހެއްޓި މިންވަރަކުންކަމަށާއި ރާއްޖޭގެ އިސްތިޤްލާލްއާއި އަދި އަޚްލާޤިއްޔާތު ޙިމާޔަތްވެގެން ދިއުމާއިމެދު އެބައެއްގެ އިތުބާރު ގެއްލިފައިވާ ބަޔަކަށް އެއްކޮޅު ވެވޭނެ ޝަރުޢީ ހަމައެއް ނެތްކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ކޮންމެ ބުދަ ދުވަހެއްގެރޭ ގެނެސްދޭ ’29 މިނެޓް‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވީ އުއްމަތާއި އަދި މުޖްތަމަޢުއާއި ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި އަޅުގަނޑުމެންގެ އަމިއްލަ މަސްލަޙަތެއް ނެތީމައި އެކަމާއި ދެކޮޅުވެފައި، އަޅުގަނޑުމެންނަށް ވަގުތީ މަންފާއެއް ކުރާތީ އެކަމާއި އެއްކޮޅުވުން އެއީ ހަގީގަތުގައި ޝަރުޢީ އުޞޫލެއް ނޫންކަމަށެވެ.

”ޝަރުޢީގޮތުން ބައެއްފަހަރަށް އަޅުގަނޑުމެންނަށް ޒާތީގޮތުން ގެއްލުމެއް ލިބޭކޮޅުވެސް އިޚްތިޔާރު ކުރަން ޖެހިދާނެ. އެގޮތަކީ ޝަރުޢީ ހަމަތަކާއި އުޞޫލުތަކުން އަޅުގަނޑުމެންނަށް މަޖުބޫރު ކުރުވާ ގޮތްކަމަށްވަނީނަމަ އެގޮތް އަޅުގަނޑުމެން އިޚްތިޔާރު ކުރަންޖެހޭނީ. އެކަމުން އަޅުގަނޑުމެންގެ ހިތުގައި ނުތަނަވަސްކަމެއް އޮތް ކަމުގައިވިޔަސް. އެއީ ހަގީގަތުގައި އީމާންކަމުގެ މާނައަކީ. ތިމާ ރުހޭގޮތް ކޮންމެފަހަރަކު ހަދާކަށް ނޫން. ދީނުގައި ތިމާ ނުރުހޭ ގޮތްތައްވެސް ހަދަންޖެހޭ ފަހަރު އެބައާދޭ“ ޝައިޚް ވިދާޅުވިއެވެ.