ޢުޔޫން އިންސްޓިޓިއުޓްގެ ޓީމެއް މިމަހުގެ 24 ވަނަ ދުވަހު މެލޭޝިއާއަށް

ޢުޔޫން އިންސްޓިޓިއުޓް ގެ ޓީމެއް މިމަހުގެ 24 ވަނަ ދުވަހު މެލޭޝިއާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 24 އިން 30 އަށް މެލޭޝިއާއަށް ކުރާ މިދަތުރުގައި މެލޭޝިއާގެ ކޮލެޖްތަކުގެ ތެރެއިން ފެންވަރު ރަނގަޅު، އަދި ދަރިވަރުންނަށް ފައިދާވާނެ ފަދަ ގޮތަކަށް ޒަމާނީ ތަޢުލީމުގެ މުޤައްރަރުތަކެއް ހުރިކަމަށް ޢުޔޫން އިންސްޓިޓިއުޓަށް ޤަބޫލުކުރެވޭ ބައެއް ކޮލެޖްތަކުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޢުޔޫން އިންސްޓިޓިއުޓްގެ ސީނިއާރ މެނޭޖަރު އަޙްމަދު ޔާމީން ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް މިހާރުވަނީ ވަރަށް ރަނގަޅު ދެ ކޮލެޖަކުން އެޕޮއިންޓްމަންޓް ހަމަޖެހިފަ. އަޅުގަނޑުމެން މި ބަލަނީ ދަރިވަރުންނަށްވެސް ކޯސް ފީ ބޮޑު ބުރައަކަށް ނުވެ ފެންވަރު ރަނގަޅު ކޯހެއް އަޅުގަނޑުމެންނަށް ފޯރުކޮށްދޭނެ ކޮލެޖަކާ ގުޅިގެން ބައެއް ޑިޕްލޮމާ ޕްރޮގްރާމްތައް ޢުޔޫން އިންސްޓިޓިއުޓްގައި 2019 ވަނަ އަހަރު ފެށޭތޯ. ރާއްޖޭގައި މިވަގުތު ނެތް ދާއިރާތަކަށް ބޮޑަށް އިސްކަންދީގެން މަޝްވަރާތައް ކުރިއަށް ގެންދާނީ. އިންޝާﷲ މި ހުރިހާ ޕްރޮގްރާމެއްވެސް ކުރިއަށްދާނީ އެމް.ކިޔު.އޭ އެޕްރޫވްޑް ކޯސްތަކެއްގެ ގޮތުގައި. މިދަތުރުގައި ކޮލެޖްތަކުގެ އިތުރުން މެލޭޝިޔާގެ ބޮޑެތި ބައެއް ސްކޫލްތަކަށް ޒިޔާރަތް ކުރުމަށްވެސްވަނީ ހަމަޖެހިފަ“ ޔާމީން ވިދާޅުވިއެވެ.
ޤުރްއާން، އިނގިރޭސި އަދި ޢަރަބި ބަހުގެ ސެޓްފިކެޓް ކޯސްތައް މިހާރުވެސް ކުރިއަށްގެންދާ ޢުޔޫން އިންސްޓިޓިއުޓްގައި 2019 ވަނަ އަހަރުވެސް އިތުރު ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހައިސްކޫލެއް އުފައްދައި ހިންގުމަށް ކަނޑައަޅައި، ސްކޫލެއް ހިންގަން ބޭނުންވާ ފަންނީ އަދި ތަޢުލީމީ ލަފަޔާއި އިރުޝާދު ހޯދުމާއި ޕްރޮޕޯސަލްއެއް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ. އެހެންކަމުން މިދަތުރުގައި ހައިސްކޫލްގެ ކަންތަކާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާނީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކްރީ އާއި އަލްއަޚް އަޙްމަދު ޔާމީން އަދި އަލްއަޚް މުޙައްމަދު ސުޖާޢު އެވެ.

 376 total views