މަދީނާގައި ހިނގާފައިވާ ލޯބީގެ ޙާދިސާއެއް – 1

”ލޯބި“ މިއީ ވަރަށް ފުން އިޙްޞާޞެކެވެ. ވަރަށް މަތިވެރި ޞިފައެކެވެ. ހުރިހާ ދީނަކާއި ޤައުމިއްޔަތެއްގައިވެސް މަތިވެރި މަޤާމެއް ދެވިފައިވާ ޞިފައެކެވެ. އެއްބަޔަކު ލޯބި ލިބޭތޯ އާދޭސްކުރެއެވެ. އަނެއްބަޔަކު ލޯބި ލިބޭވަރުން އުފަލުން ކަރުނަ އަޅައެވެ. ލޯބި އެއީ ކިހާ މަތިވެރިކަމެއްކަން އެއްބަޔަކަށް އިޙްޞާޞް ނުވާއިރު ލޯބިދޭނެ މީހެއް ނެތިގެން ދުނިޔޭގައި ބިކަވެފައިވާ އެތައްހާސް އިންސާނުންނެއް އުޅެއެވެ.

ލޯބީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ލޯބީގެ ތަފާތު ވާހަކަތަކާއި ޙާދިޘާތައް މީހުންގެމެދުގައި ޖީލަކަށްފަހު ޖީލަކަށް ވާރުތަވަމުން އާދެއެވެ. ކާމިޔާބު ލޯބީގެ އަސަރުތަކެވެ. ލޯބިގެއްލުމުން މީހުންނަށް ކުރާ އިޙްސާސްތަކެވެ. ލޯބި ހޯދުމަށް ކުޅަ ބުރަ މަސައްކަތްތަކެވެ. އެއްކަމެއް ނުކޮށް ހުއްޓާ ލޯބި ލިބުމުން ކުރެވޭ ފުން އަސަރުތަކެވެ. ލޯބި ”މަރު“ ވެދިޔުމުން ހިތުގައި އަޅާ ވޭނީ ކެކުޅުންތަކެވެ.

އެރަށަކީ އަހަރެމެން އެންމެވެސް ލޯބިވާ ތަނެކެވެ. އެރަށުގެ މަގުތަކުގައި ހިނގާލަން އަހަރެމެން މުސްލިމުން ނުހަނު ލޯބިކުރަމެވެ. ދުވަސްވަރަކީ އެދުވަސްވަރެއްގައި އަހަރެމެން ދުނިޔޭގައި ތިބުމަށް އެންމެ ލޯބިކުރާ ދުވަސްވަރެވެ. އެއްކަލަ ރަށުގެ މަގެއްގެ މަތީގައި ބާރުބާރަށް ހިންގަވާފައި އެއަންނަ އަންހެންބޭކަނބަލަކީ އަހަރުމެން ވަރަށް ލޯބިކުރައްވާ ބޭކަނބަލެކެވެ. އެބޭކަނބަލުގެ ފަހަތުން ކީރިތިކުރައްވަމުން އެއަންނަ ބޭކަލަކީވެސް އަހަރެމެން ލޯބިވާ ބޭކަލަކެވެ. އެމަންޒަރު ބައްލަވަން މާދުރުނޫން ހިސާބެއްގައި އެހުންނެވި ބޭކަލަކީތޯއެވެ! ހަމަ ހިލާ އެބޭކަލެއްދެކެ ލޯބިނުވެ އަހަރެމެންނަށް ދެދުނިޔޭގައި އެއްވެސް ބާއްޖަވެރިކަމެއް ނުލިބޭނެއެވެ.

ތިޔަހީފުޅުކުރެއްވީ ރަނގަޅަށެވެ. އެރަށަކީ މަދީނާއެވެ. ޞަހާބީ ބޭކަނބަލެއްގެ ފަހަތުން އެކަމަނާގެ ފިރިކަލުން ކީރިތިކުރަވަމުން އަންނަ މަންޒަރު ބައްލަވަން އެހުންނެވީ އަހަރެމެން އެންމެ ލޯބިވާ އިންސާނާއެވެ. ކައުއިތުރުޞާޙިބާ ﷲގެ މަތިވެރި ރަސޫލާއެވެ. ﷲތަޢާލާ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

ބަރީރާ –رضى الله عنهاއާއި އެކަމަނާގެ ފިރިކަލުން މުޣީޘް رضى الله عنهއަކީ ދެއަޅުންނެވެ. އެ ދެބޭކަލުންގެ ޞާހިބުން އެ ދެބޭކަލުން ކައިވެނި ކުރުވީއެވެ. ކައިވެނި ބައްލަވައިގެން މުޣީޘް رضى الله عنهއެކަލޭގެފާނު އަނބިކަނބަލުންދެކެ ވަރަށްބޮޑަށް ލޯބިވެވަޑައިގަތެވެ. ނަމަވެސް އަނބިކަނބަލުން ފިރިކަލުންދެކެ ލޯބިވެވަޑައި ނުގަންނަވައެވެ. ދުވަސްތައް ވޭތުވަމުންގޮސް ކައިވެއްޏަށް ތުއްޕުޅު ބޭކަލުންވެސް ލިބިލައްވާފައި ވަނިކޮށް ބަރީރާ –رضى الله عنها އަޅުވެތިކަމުން މިނިވަންވެއެވެ. ނަމަވެސް ފިރިކަލުން މުޣީޘްرضى الله عنهމިނިވަނެއް ނުވިއެވެ. ދެން އެހާހިސާބުން މުޅި ދިރިއުޅުމަށް ކުއްލި ބަދަލެއް އަތުވެއްޖެއެވެ. އުފާވެރި ކޮށް އުޅެމުން ދިޔަ ދެމަފިރިންގެ ޙަޔާތަށް ކުއްލި ތޫފަނެއް ކުރިމަތިވި ކަހަލައެވެ.

(ނުނިމޭ)