އިންސާނާގެ ޢަމަލުތައް ﷲ ޤަބޫލު ކުރައްވަނީ ޙަލާލް ތަކެތި ކައިބޮއެގެން: އައްޝައިޚް އަޙްމަދު ސަމީރު

އިންސާނާގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލު ކުރައްވަނީ އޭނާ ޙަލާލް ތަކެތި ކައިބޮއެ އުޅޭކަމަށްވަންޏާކަމަށާއި މީހުންނަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލައިގެން ފައިސާ ހޯދައިގެން އެ ފައިސާއިން އޭނާ ކައިބޮއެ ހަދާކަމަށްވަންޏާ އޭނާގެ ހެޔޮ ޢަމަލުތައް ﷲ ގެ ޙަޟްރަތުގައި ޤަބޫލު ނުކުރެވިދާނެކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ރޭ ގެނެސްދިން ’އޮނަތިރީސް މިނިޓް‘ ގެ 81 ވަނަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި މީސްތަކުންގެ އަތުން ދޮގާއިމަކަރުން ފައިސާ ހޯދުމުގައި ބައެއް މީހުން އެމީހުންގެ މުޅި ޙަޔާތް ވޭތިކުރަމުންދާ ކަމަށާއި މީހުންގެ އަތުން އެގޮތަށް ފައިސާ ފޭރޭ މީހުން އެކުރާ ކަންތަކުގެ ނުބައިކަން ޚުދު އެމީހުންވެސް ދަންނަން ޖެހޭކަމަށެވެ.

”އިންސާނާގެ ޢަމަލުތަކާއި އަދި އިންސާނާގެ ދުޢާ ﷲ ތަޢާލާ ޤަބޫލު ކުރައްވަނީ ޙަލާލް ތަކެތި ކައިބޮއެ އުޅެންޏާ. މީހުންނަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލައިގެން ފައިސާ ހޯދައިގެން އެ ފައިސާއިން އޭނާގެ ކެއިންބުއިން ކުރިއަށްގެންދަންޏާ ކިހިނެއްތޯ އޭނާގެ ނަމާދާއި ދުޢާ ﷲ ތަޢާލާ ޤަބޫލު ކުރައްވާނީ؟ ބައެއް މީހުން އެމީހުންގެ މުޅި ޙަޔާތް މިގޮތަށް އެބަ ހޭދަކުރޭ. މީސްތަކުންނަށް މަކަރާއި ހީލަތް ހަދައިގެން މިދުނިޔެމަތީގައި ވަރަށް ސްމާޓް މީހެއްގެ ގޮތުގައި އުޅެވިދާނެ. އެކަމަކު ޤިޔާމަތްދުވަހު އެންމެހައި މީސްތަކުންގެ ކުރިމަތީގައި ދިދައެއް އޭނައަށް އުފުލޭނެ، އެއީ ޣަދަރާއި މަކަރާއި ހީލަތުގެ ދިދައެއްގެ ގޮތުގައި. އެންމެންގެ ކުރިމަތީގައި އޭނާ ފަލީޙަތް ކުރެވޭނެ. އެހެންވީމައި މުސްލިމުންނަށް މަކަރާއި ހީލަތް ހެދުމަކީ އެއީ އާދައިގެ ކަމެއް ނޫންޝައިޚް ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ އަމިއްލަ އުފެއްދުމެއްކަމަށްވާ ’އޮނަތިރީސް މިނިޓް‘ ޕްރޮގްރާމަކީ ސަލަފްގެ ސްޓޫޑިއޯއިން ކޮންމެ ބުދަ ދުވަހެއްގެ ރޭ 10:30 އިން 10:59 އަށް ފޮނުވާ ޕްރޮގްރާމެކެވެ. ދީނީ އިޖްތިމާޢީ އެކިއެކި މައުޟޫތަކަށް އަލިއަޅުވާލައި ގެނެސްދޭ މިޕްރޮގްރާމުގައި ޢާއްމުގޮތެއްގައި ބައިވެރިވެވަޑައިގަންނަވަނީ ޖަމްޢިއްޔަތުއްސަލަފުގެ ޝައިޚުންނެވެ.