އަޅުގަނޑުމެންގެ ދަރިން ކުޅެމުންދާ ގޭމުތަކާއިމެދު ވަރަށްބޮޑަށް ފަރުވާތެރިވާންޖެހޭ: އައްޝައިޚް މުޙައްމަދު ސިނާން

މިއަދު އަޅުގަނޑުމެންގެ ދަރިން ކުޅެމުންދާ ގޭމުތަކަކީ އެއާމެދު ވަރަށްބޮޑަށް ފަރުވާތެރިވާންޖެހިފައިވާ އެއްޗެއްކަމަށާއި ކުދިންގެ އަޚްލާޤަށް ވަރަށްބޮޑަށް ނޭދެވޭ އަސަރު ފޯރާފަދަ ގޭމުތައް މިއަދު އަޅުގަނޑުމެންގެ އަތްފޯރާފަށުގައި އެބަހުރިކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ފޮނުވި ’އޮނަތިރީސް މިނެޓް‘ ގެ 82 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވީ މިއަދު އަޅުގަނޑުމެންގެތެރޭގައި އިސްލާމްދީނާއިޚިލާފް ގޭމުތަކާއި ފާހިޝް ކަންކަން އޭގައި އެކުލެވޭ ގޭމުތައް އެބަހުރިކަމަށާއި މިކަމަކީ ހުރިހާ ބެލެނިވެރިންވެސް މިއަދު ވަރަށްބޮޑަށް ފާރަވެރިވާން ޖެހިފައިވާ ކަމެއްކަމަށެވެ.

”އަޅުގަނޑުމެންގެ ދަރިންނަށް ވަރަށްބޮޑެތި ގެއްލުންތައް ލިބޭނެކަމެއް އެއީ އާދަޔާ ޚިލާފަށް ގޭމުކުޅެން ކުދިންނަށް ދިނުމަކީ. އެކަމަށް ދެވި ހިފުމަކީ. އަދިކޮބާތޯ ތަފާތު ވައްތަރުގެ ގޭމުތައް އޭގެތެރޭގައި އިސްލާމްދީނާއިޚިލާފް ގޭމުތަކާއި ފާހިޝް ކަންކަން އޭގައި އެކުލެވޭ ގޭމުތަކާއި ކުދިންގެ އަޚްލާޤަށް ބުރޫއަރާފަދަ ގޭމުތަކާއި ޢަޤީދާއާއިޚިލާފު ގޭމުތައް އެބަހުރި މިއަދު އަތްފޯރާފަށުގަ. އެހެންވީމަ މިކަމަކީ ހުރިހާ ބެލެނިވެރިންވެސް ވަރަށްބޮޑަށް ފާރަވެރިވާން ޖެހިފައިވާ ކަމެއް“ ޝައިޚް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި ’ޅަފަތުގެ ކެންސަރު‘ މި މައުޟޫއަށް އަލިއަޅުވާލައްވަމުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ގޭމުތަކަށް ދެވިހިފުމުން ދީނީގޮތުންނާއި ނަފްސާނީގޮތުންނާއި އަދި ސިއްޙީގޮތުންވެސް ކުއްޖާއަށް ގެއްލުންވާކަމަށާއި މިކަމަކީ ވަރަށް އާދައިގެ ކަމެއްގެގޮތުގައި ފެންނަކަމަކަށްވިޔަސް މިކަމުގެތެރެއަށް ކުދިން މާބޮޑަށް ވެއްދުމަކީ މުޅި މުޖްތަމަޢުއަށް އޭގެ ގެއްލުން ފޯރާނެކަމެއްކަމަށެވެ.

”ގޭމުތަކަށް ދެވިހިފުމުން ކުއްޖާއަށް ގެއްލުންވޭ އެބަ ދީނީގޮތުން، ނަފްސާނީގޮތުން އަދި ސިއްޙީގޮތުން. އަޅުގަނޑުމެންނަށް މިކަމަކީ ވަރަށް އާދައިގެ ކަމެއްގެގޮތުގައި ފެންނަކަމަކަށްވިޔަސް މިކަމުގެތެރެއަށް ކުދިން މާބޮޑަށް ވެއްދުމަކީ މުޅި މުޖްތަމަޢުއަށް އޭގެ ގެއްލުން ފޯރާނެކަމެއް. އަޅުގަނޑުމެން މުސްލިމުންނަކީ ވަކިއުސޫލަކަށް ވަކިގޮތްތަކަކަށް ތަބާވެގެން އުޅެން ޖެހޭބައެއް. އެހެންކަމުން އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރާއިރު ވަރަށްބޮޑަށް ފަރުވާތެރިވާން ޖެހޭނެ އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައިވާގޮތަށް އެކަން ކުރެވޭތޯ. މިއަދު އަޅުގަނޑުމެންނަށް ލިބޭ ލުއިކަމަކަށްވުރެ މުސްތަޤުބަލުގައި އެކުދިން އޭގެ ސަބަބުން އުފުލަންޖެހޭ ހިތާމަ މާބޮޑުވެދާނެ. އެހެންވީމަ މިކަންތައްތަކާދޭތެރޭ ހުރިހާ ބެލެނިވެރިންވެސް ވަރަށްބޮޑަށް ވިސްނައި ފަރުވާތެރިވާން ޖެހޭ“ އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވިއެވެ.

 404 total views