މަދީނާގައި ހިނގާފައިވާ ލޯބީގެ ޙާދިސާއެއް – 2

ކޮންމެއަކަސް ވާހަކައިގެ ތެރެއަށް ވަންނާނަމެވެ. ބަރީރާ –رضى الله عنها އާއި އެކަމަނާގެ ފިރިކަލުން މުޣީޘު-رضى الله عنه އާއި އަދި އެދެމަފިރިކަލުންގެ ދަރިންނާއިއެކު އޭރު ދުނިޔޭގައި އޮތް އެންމެ ތަހުޒީބު އެންމެ އަމާން ޢަދުލުވެރި ވެރިކަން ޤާއިމުވެފައިވާ މަދީނާގައި ދިރިއުޅެމުން ދަނިކޮށް މި ކުޑަ ޢާއިލާއަށް އައި ތޫފާނަކީ ބަރީރާ –رضى الله عنها ގެ ހިތްޕުޅުގައި ”މިނިވަން“ ކަމަށް ދެވިފައިވާ މަތިވެރި މަޤާމެވެ. ”އަޅުވެތިކަމުގެ“ ކުރިމަތީގައި އެކަމަނާ ބަލިޤަބޫލު ނުކުރެއްވުމެވެ. އަދި މިކަންތަކުގެ އިތުރުން އެކަމަނާއަށް ”މިނިވަންކަން“ ހޯދައިދިނުމަށް މަދީނާގެ އެ ދަޢުލަތުގެ އެއް ”މަހާ ރެހެންދި“ ވެވަޑައިގެން ޤުރުބާނީއެވެ. ކޮންމެއަކަސް އެވާހަކަ މިތާގައި ކިޔާލަދޭނަމެވެ.

މިވީގޮތަކީ އިސްލާމްދީން އައުމުގެ ކުރިންވެސް ޢަރަބިންނަކީ ޖާހިއްލިއްޔަ ޒަމާނުއްސުރެ އިންސާނުން އަޅުވެތިކޮށްގެން އުޅުނުބައެކެވެ. ނަމަވެސް އިސްލާމްދީން އައުމަށްފަހު އަޅުންމިނިވަންކުރުމަށް އެދީން ބާރުއަޅާ އަޅުން މިނިވަންވާނެ އެތައް ދޮރުތަކެއް ހުޅުވާލިއެވެ. އަދި އަޅުވެތިކުރެވޭނެ ގިނަ ދޮރުތައް ލައްޕާ އަބަދުގެ އަބަދަށް ތަޅުލިއެވެ. މިގޮތުން އަޅަކު މިނިވަންވާން ބޭނުންނަމަ ”މުކާތަބު އަޅަކަށް“ ބަދަލުވުމުގެ މަތިވެރި އުޞޫލު އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ދިޔައެވެ. އެއީ އަޅުމީހާއި އޭނާގެ ޞާހިބުމީހާ އާއި ދެމީހުންގެ ދެމެދު މަހުންމަހަށް ނުވަތަ ބައިބަޔަށް ވަކި އެއްޗެއް ދައްކައިގެން އަޅު މީހާ އޭނާގެ ”މިނިވަންކަން“ ގަތުމެވެ. މިހާރުގެ ބަހުންނަމަ ”އިންސްޓޯލްމަންޓަށް“ އަޅުމީހާ އޭނަގެ ”މިނިވަންކަން“ ޞާޙިބުމީހާގެ އަތުން ގަތުމެވެ. މިގޮތުން ބަރީރާ –رضى الله عنها ވެސް އެކަމަނާގެ ޞާޙިބުމީހާއާއެކު ވަކި މިންވަރެއްގެ ޚާލިޞް ރަން އަގުގެ ގޮތުގައި ދައްކާގޮތަށް ”މުކާތަބު އަޅަކަށް“ ވެވަޑައިގަތެވެ. އަދި އެކަމުގައި އެކަމަނާއަށް އެހީތެރިވުމަށް އެދި މިއުއްމަތުގެ މުއުމިނުންގެ މަންމާފުޅު ޢައިޝާ –رضى الله عنها ގެ އަރިހުން އެދިވަޑައިގަތެވެ. ވަގުތުން ޢައިޝާ –رضى الله عنها ބަރީރާ –رضى الله عنها އަށް އެހީތެރިވެ ވަޑައިގެން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ބަރީރާ –رضى الله عنهاއެކަމަނާގެ އަގު ޞާހިބުމީހާއަށް ދައްކާ އަމިއްލަ އިޚްތިޔާރު ލިބިގެންވާ އަންހެން ބޭކަނބަލެއްގެ ގޮތުގައި ދުނިޔެއަށް ނުކުތެވެ. ނަމަވެސް ﷲތަޢާލާ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި އެކަމަނާ ހުންނެވިއެވެ. އަދި މަތިވެރި އިލާހީ ޝަރީޢަތުން އެކަމަނާއަށް ދެއްވާފައިވާ ޙައްޤެއް ބޭނުން ކުރެއްވުމަށް ކުރިމަތިލެއްވިއެވެ. މިކަމަށް ކުރިމަތިލެއްވުން ވެގެންދިޔައީ މުޣީޘު-رضى الله عنه އާއިއެކު އެކަމަނާ ބިނާކުރެއްވި ޢާއިލާއަށް އައި ތޫފާނަކަށެވެ. ދެން އޮތީ އެ ތޫފާނުގެ ވާހަކައެވެ.

އެއީ މުޣީޘު-رضى الله عنه އަށް އައި ތޫފާނެކެވެ. އެކަލޭގެފާނުގެ ދިރިއުޅުމަށް އައި ބިންހެލުމެއްކަހަލަ ކަމެކެވެ. ހަމައެއާއިއެކު އެއީ އިސްލާމްދީނާއި މެދު ޝައްކު އުފައްދާ އަންހެނުންގެ ޙައްޤުތައް މުސްލިމު އުޚްތުންގެ ކިބައިން ދީން ނިގުޅައިގެންފައިވާކަމަށް ދަޢުވާކުރާ ”ފެމިނިސްޓް“ ގުރޫޕުތަކުގެ މައްޗަށް ޖަހާ ބުރުހާނާއި ޙުއްޖަތުން ފުރިންގެންވާ ގަދަފަދަ ގުގުރިއެކެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ފުރަތަމަކަމަކީ ބަރީރާ –رضى الله عنها މިނިވަންވާން ބޭނުންފުޅުވުމުން އެ މަގު އިސްލާމްދީނުގައި ފަހިކޮށްދީފައިއޮތް ފުޅާ ކަމެވެ. އެހެނީ ބައެއް ޢިލްމުވެރިންގެ ގާތުގައި އަޅަކު އޭނާ މިނިވަންވުމަށް ”މުކާތަބު“ އަޅަކަށް ވާން ޞާހިބުމީހާ ގާތު އެދިއްޖެނަމަ އެކަން އެ ޞާހިބުމީހާ ކޮށްދިނުމަކީ އޭނާގެ މައްޗަށް ލާޒިމުވެގެންވާކަމެއްކަމަށް ބަޔާންކުރައްވާފައިވެއެވެ. ދެވަނަ ކަމަކީ އެކަމަނާ މިނިވަން ކުރުމުގައި ޢައިޝާ–رضى الله عنها މާލީގޮތުން އެހީތެރިވެ ވަޑައިގަތުން ދޭހަކޮށްދެނީ މަދީނާގެ އެ މުޖުތަމަޢުގައި އަންހެނުންނަށް މިނިވަންކަމާއި ޙައްޤު ހޯދައިދީ ހެޔޮ ޠާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް އެދަޢުލަތުގެ އެންމެ އިސްވެރިޔާ ދެއްވާފައިވާ އަހަމިއްޔަތުކަމެވެ. އެހެނީ އެކަލޭގެފާނު އެ ރަށުގެ ވެރިކަމަށް ޙަވާލުވީ ”ބޮޑު ކެންޕެއިނެއް“ ކުރައްވާ ”ގިނަ ވަޢުދުތަކެއް“ ވެގެން ހޯދި ”ވޯޓު“ ތަކަކުން ނޫނިއްޔާއެވެ. އެހެން އެކަން އޮތްއިރުވެސް ނިކަމެތި އަޅު އަންހެނަކަށް އެކަލޭގެފާނުގެ ގެކޮޅަށްގޮސް އެކަލޭގެފާނުގެ އަނބިކަނބަލުންގެ އަރިހުން އެހީތެރިކަމަށް އެދުމަށް އެއްވެސް ހުރަހެއް ނެތްކަން ދޭހަކޮށްދެނީ ނަބިއްޔާ –صلى الله عليه وسلمހިންގެވީ ރަސްކަމެއް އަދި ޖުމްހޫރިއްޔަތެއް ނުމެނޫންކަމެކެވެ. ތިންވަނަ އަދި އެންމެ މުހިއްމު ނުކުތާ ތިރީގައި މިބަޔާންކުރަނީއެވެ.

އެއީ އިސްލާމްދީނުގައި ދެ އަޅުން ކައިވެނިކުރުމަށްފަހު އެތަނުން އަނބިމިހާ މިނިވަންވެ ފިރިމީހާ އަޅެއްގެ ގޮތުގައި ހުރެއްޖެނަމަ އެކައިވެނި ފަސްޚު (ކެންސަލު) ކޮށްލުމުގެ އިޚްތިޔާރު އަނބިމީހާއަށް ދެއްވާފައިވާ މަތިވެރި ދެއްވުމެވެ. އަޅެ މިއިސްލާމްދީން އަންހެނުންނަށް މިނިވަންކަމާއި ކަރާމާތް ހޯދައި ނުދޭތޯއެވެ. އަޅެއްގެ ގޮތުގައި ބަރީރާ –رضى الله عنها ހުރެ އެކަމަނާގެ ފިރިކަލުންނާއި ކައިވެނިކުރި އިރުވެސް އެކަމަނާގެ ނަމުގެ ފަހަތަށް ”މުޣީޘު“ އިތުރު ކުރާކަށް ނުޖެހުނެވެ. އަދި މިނިވަން ވުމަށްފަހު އެކަމަނާ އެކައިވެނި ފަސްޚު ކޮށްލެއްވުމަށް ބޭނުންވި ހިނދު އެކަން ކުރުމުގެ އެއްވެސް ހުރަހެއް އެކަމަނާއަކަށް ކުރިމައްޗެއް ނުވިއެވެ.

ނަމަވެސް ބަރީރާ –رضى الله عنها ގެ މި ނިންމެވުންވީ މުޣީޘު-رضى الله عنهއަށް ބަރުދާސްތު ކުރަން އުނދަގޫވި ކަމަކަށެވެ. އެކަލޭގެފާނު ބަރީރާ –رضى اللهعنها އަށް ވިސްނައިދެވޭތޯ އެތައް މަސައްކަތެއް ކުރެއްވިއެވެ. އެންމެ ފަހުން މުޣީޘު-رضى الله عنه އަޅުގަނޑުމެން ހިތަށްނާރާ ކަހަލަ ކަމެއްވެސް ބަރީރާ –رضى اللهعنها ވަކިވެ ހިނގައިދާނެތީ އެކަން ހުއްޓުވުމަށްޓަކައި ކުރެއްވީއެވެ. އެއީ….

(ނުނިމޭ)