ރަވާތިބު ސުންނަތްތަކަކީ ކޮބާ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަބިއްޔާ صلى الله عليه وسلم ވަނީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައްވެސް ކުރާނެ ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ސުންނަތް ނަމާދުތަކެއް އެކަލޭގެފާނުގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތައް ހިމެނެއެވެ. ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެއް ނޫނެވެ.

رَوَاتِب އަކީ رَاتِبَة ގެ ގިނަ ގޮތެވެ. މާނައަކީ: ދާއިމީ ގޮތެއްގައި ކަމެއް ކުރުމެވެ.[1]

”ރަވާތިބު ސުންނަތްތަކުގެ ޢަދަދަކީ ބާރައެވެ. އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތެވެ.[2]

މިހުރިހާ ނަމާދެއްވެސް ކުރާނީ ދެރަކުޢަތުން ސަލާމްދެމުންނެވެ. ނަބިއްޔާ صلى الله عليه وسلم ރަށުގައި ޤާއިމުވެ ހުންނަވާއިރު މި ނަމާދުތަކަށް ރައްކާތެރިވެވަޑައިގަންނަވައެވެ. އަދި ޙަދީޘްކުރެއްވިއެވެ.

((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [أخرجه مسلم]

މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ.“

މިބާރަ ރަކުޢަތުގެ ތަފްސީރު އުންމު ޙަބީބާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ. އޭގައި ވަނީ އެއީ މި ބާރަ ރަކުޢަތްކަމުގައެވެ. ފަހެ، މިނަމާދުތަކަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާ އެހުރީ ވަރަށް ބޮޑު ހެޔޮކަމެއްގެ މަތީގައެވެ. މިޙަދީޘްގައިވާ ގޮތުން އެނަމާދުތައް ކުރާ މީހާއަށް އެވަނީ ސުވަރުގެއިން ގެއެއް ލިބޭނެކަމުގައި ވަޢުދުވެވޮޑިގެންނެވެ.

އެއީ ކުރިންވެސް ދެންނެވި ފަދައިން މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބުނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސްނަމާދުގެ ކުރިން ދެ ރަކުޢަތެވެ. ރަވާތިބު ސުންނަތްތަކޭ މިކިޔަނީ މިނަމާދުތަކަށެވެ.

ފަހެ މެންދުރު ނަމާދުގެ ފަހުން (ސުންނަތް) ހަތަރު ރަކުޢަތްކުރުން މޮޅު އިތުރުވެގެންވެއެވެ. ޙަދީޘްގައިވެއެވެ.

((مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ)) [رواه الترمذي وصححه الألباني]

މާނައީ: “މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި މެންދުރުނަމާދުގެ ފަހުން ހަތަރު ރަކުޢަތަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲ ވަނީ ނަރަކަ ޙަރާމްކުރައްވާފައެވެ.“

މެންދުރުނަމާދު ފަހުން ކުރާ ހަތަރު ރަކުޢަތަކީ ރަވާތިބު ސުންނަތެއް ނޫނެވެ. ރަވާތިބު ސުންނަތުގެ ގޮތުގައި ކުރާނީ ދެ ރަކުޢަތެވެ. ނަމަވެސް މިޙަދީޘްއަށް އަމަލުކުރުމަށްޓަކައި އިތުރު ދެރަކުޢަތް (އެބަހީ: މެންދުރު ނަމާދުގެ ފަހުން ޖުމްލަ ހަތަރު ރަކުޢަތް) ކުރުމަކީ މޮޅުއިތުރުކަމެކެވެ. އެއީ އިސްވެ ބަޔާންކުރެވުނު އުންމު ޙަބީބާ ބިންތު އަބީ ސުފްޔާނުގެ ޙަދީޘްގައިވާ ފަދައިންނެވެ…

ޢަޞުރުނަމާދުގެ ކުރިންވެސް ހަތަރު ރަކުޢަތްކުރުމަކީ މުސްތަޙައްބުކަމެކެވެ. ނަމަވެސް އެއީވެސް ރަވާތިބު ސުންނަތްތަކެއް ނޫނެވެ. އެހަތަރު ރަކުޢަތްކުރާނީވެސް ދެރަކުޢަތުން ސަލާމްދެމުންނެވެ.

ޙަދީޘްގައިވެއެވެ.

((رَحِمَ اللَّهُ امْرَأً صَلَّى قَبْلَ العَصْرِ أَرْبَعًا)) [رواه أحمد والترمذي والجماعة بسند صحيح عن ابن عمر رضي الله عنهما]

މާނައީ: “ޢަޞުރުނަމާދުގެ ކުރިން ހަތަރު ރަކުޢަތްކޮށްފިމީހަކަށް ﷲ ރަޙުމަތްލައްވާށިއެވެ.“

ހަމައެފަދައިން ކޮންމެ ބަންގިއަކާއި ޤަމަތަކާއި ދެމެދު ނަމާދެއްކުރުން ސުންނަތްވެގެންވެއެވެ. އެގޮތުން މަޣްރިބުނަމާދުގެ ބަންގިއާއި ޤަމަތާ ދެމެދުގައްޔާއި ޢިޝާނަމާދުގެ ބަންގިއާއި ޤަމަތުގެ ދެމެދުގައި އެފަދައިން ކުރެވިދާނެއެވެ. އެހެނީ ޙަދީޘްގައިވެއެވެ.

((بَيْنَ كُلِّ أَذَانَيْنِ صَلاَةٌ، بَيْنَ كُلِّ أَذَانَيْنِ صَلاَةٌ))، ثُمَّ قَالَ فِي الثَّالِثَةِ: ((لِمَنْ شَاءَ)) [رواه البخاري ومسلم]

މާނައީ: “ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ.” – ދެން ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.“

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((صَلُّوا قَبْلَ صَلاَةِ المَغْرِبِ))، قَالَ: ((فِي الثَّالِثَةِ لِمَنْ شَاءَ)) [رواه البخاري]

މާނައީ: “މަޣްރިބުނަމާދުގެ ކުރިން (ސުންނަތް) ނަމާދު ކުރާށެވެ.” – ދެން އެއަށްފަހު ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.“

އެގޮތުން ޞަޙާބީ ބޭކަލުން މަޣްރިބު ނަމާދުގެ ފަހުން (ސުންނަތް) ދެރަކުޢަތް ކުރައްވައެވެ. އަދި މަޣްރިބުނަމާދުގެ ބަންގީގެ ފަހުން، ޤަމަތްދިނުމުގެ ކުރިންވެސް ދެ ރަކުޢަތް ކުރައްވައެވެ. މި ސުންނަތް ނަމާދަކީ އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ނަމަވެސް ސުންނަތް ނަމާދެކެވެ. މެންދުރު ނަމާދުގެ ފަހުން ހަތަރު ރަކުޢަތްކުރުމަކީވެސް ސުންނަތެކެވެ. ނަމަވެސް އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ރަވާތިބު ސުންނަތުގައި ހިމެނެނީ މެންދުރުނަމާދުގެ ފަހުން ދެރަކުޢަތެވެ. ޢަސުރުނަމާދުގެ ކުރިން ދެރަކުޢަތުން ސަލާމްދެމުން ކުރާ ހަތަރު ރަކުޢަތަކީވެސް ސުންނަތެކެވެ. ނަމަވެސް އެއީ ރަވީތިބު ސުންނަތެއް ނޫނެވެ…

ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅަށް ޢަމަލުކުރުމުގެ ގޮތުން ޢަޞުރުނަމާދުގެ ކުރިން އެހަތަރު ރަކުޢަތަށް ރައްކާތެރިވުން މޮޅުއިތުރުވެގެންވެއެވެ. މަޣްރިބުނަމާދު ބަންގިއާއި ޤަމަތާ އަދި ޢިޝާނަމާދު ބަންގިއާއި ޤަމަތާދެމެދު ސުންނަތް ދެރަކުޢަތްކުރުންވެސް މޮޅުއިތުރުވެގެންވެއެވެ…“[3]

 

[1]  ބައްލަވާ: الشرح الممتع لابن عثيمين (4/68).

[2]  ރަވާތިބުގެ ސުންނަތުގެ ޢަދަދާމެދު ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް އުފެދިފައިވެއެވެ. އެގޮތުން ރަވާތިބު ސުންނަތުގެ ޢަދަދު މިއަށްވުރެ މަދުކަމުގައިވެސް ބައެއް ޢިލްމުވެރިން ވިދާޅުވާ އިރު އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ މިއަށްވުރެ ގިނަކަމުގައެވެ.

[3]  من فتاوى نور على الدرب لابن باز، بترتيب الشويعر (10/289 – 294).