مسائل الجاهلية (3) : ވެރިންނަށް ކިޔަމަންވުމަކީ ނިކަމެތިކަމެއް ކަމުގައި ޤަބޫލުކުރުން

އެމީހުން ދެކޭގޮތުގައި ވެރިންނާ ދެކޮޅުވެރިވެ ނުކިޔަމަންތެރިވުމަކީ މޮޅުއިތުރުވެގެންވާކަމެވެ. އަދި ވެރިންނަށް ބޯލަނބައި ކިޔަމަންތެރިވުމަކީ ނިކަމެތިވުމެކެވެ. އެމީހުންގެ މި ފިކުރާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޚިލާފުވެވަޑައިގަތެވެ. އަދި އަނިޔާވެރި ވެރިންގެ އަނިޔާއަށް ކެތްތެރިވުމަށް އަމުރުކުރެއްވިއެވެ. އަދި އެމީހުންގެ ބަސްއަހައި ކިޔަމަންތެރިވުމަށާއި އެމީހުންނަށް ނަޞީޙަތްދިނުމަށް އަމުރުކުރެއްވިއެވެ. އަދި ކިޔަމަންތެރިކަން އަދާކުރުމަށް ކުރެއްވި އަމުރަކީ ވަރުގަދަވެގެންވާ އަމުރެކެވެ.

މިތިންކަމަކީ އެކަލޭގެފާނުގެ އަރިހުން ޞައްޙަވެގެންވާ ބަސްފުޅުގައިވެސް ބަޔާންކުރައްވާފައިވާ ތިންކަމެވެ. « إِنَّ اللَّهَ يَرْضَى لَكُمْ ثَلاَثًا وَيَكْرَهُ لَكُمْ ثَلاَثًا فَيَرْضَى لَكُمْ أَنْ تَعْبُدُوهُ وَلاَ تُشْرِكُوا بِهِ شَيْئًا وَأَنْ تَعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلاَ تَفَرَّقُوا وَأَنْ تُنَاصِحُوا مَنْ وَلَّى اللَّهُ أَمْرَكُمْ » މާނައީ: ”ހަމަކަށަވަރުން މާތްތިޔަބައިމީހުންނަށް ތިން ކަމަކަށް ރުހިވޮޑިގެންވެއެވެ. އެއީ އެކަލާނގެއަށް އަޅުކަންކުރުމާއި، އެކަލާނގެއާއި އެއްވެސް ފަރާތެއް ބައިވެރިކޮށް ޝަރީކު ނުކުރުމެވެ. އަދި އެކަލާނގެ ވާފަށް (ދީނުގައި) އެންމެންއެކުގައި ހިފަހައްޓައި ބައިބައިވެ ނުގަތުމަށާއި، އަދި ތިޔަބައިމީހުންގެ ކަންކަމުގެ މައްޗަށް މާތް ﷲ ވެރިކުރައްވައިފި މީހަކަށް ނަޞީޙަތްތެރިވުމަށެވެ.“

މީސްތަކުންގެ ދީނުގައި ނުވަތަ ދުނިޔެވީ ކަމެއްގައި ހަމަނުޖެހުމެއް އުފެދެނީ މިތިންކަމުގެ ތެރެއިން ކަމެއް ނުވަތަ އެއިގެ ތެރެއިން އެއްބައި ނަމަވެސް އުނިވުމުންނެވެ.

]މިވާހަކަތަކުގެ ޝަރަޙައިގައި އަލްޢައްލާމާ އިބްނު ޖިބްރީން ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. ޖާހިލިއްޔަ ޒަމާނުގެ ފިކުރުތަކުގެ ތެރޭގައި ވެރިމީހާއަށް ކިޔަމަންތެރިވުމަކީ ނިކަމެތިވުމެކެވެ. އަދި އޭނާއާ ދެކޮޅުވެރިވެ ނުކިޔަމަންތެރިވުމަކީ މޮޅުއިތުރުވެގެންވާ ކަމެކެވެ. މިނިވަންކަމަކީ އެއީއެވެ. އެހެންވީމާ އެމީހުންގެ ތެރޭގައި އެންމެން ތަބާވާ ވެރިޔަކު، އަދި އަމީރަކު ނުހުރެއެވެ. އެއީ އެމީހުން ވެރިއެއްގެ ކިޔަމަންތެރިކަމުގެ ދަށަށް ދިޔުމަށް ނުއެދޭތީއާއި، އެމީހުންގެ ކިބައިގައިހުރި ހަރުކަށިކަމާއި ކިބުރުވެރިކަމުގެ ސަބަބުންނެވެ.

އިސްލާމްދީން އައީ އެއާއި ޚިލާފަށެވެ. އަދި އަމުރުކުރަނީ ވެރިޔާގެ ބަސްއަހައި ކިޔަމަންތެރިކަން އަދާކުރުމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُواْ أَطِيعُواْ اللّهَ وَأَطِيعُواْ الرَّسُولَ وَأُوْلِي الأَمْرِ مِنكُمْ (النساء: 59)މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ!

ވެރިންނަށް ކިޔަމަންތެރިވުމަށް ދީން އަމުރު ކުރެއެވެ. އަދި ކިޔަމަންތެރިވާންވީ މިންވަރުވެސްވަނީ ދީނުގައި ބަޔާންކުރައްވާފައެވެ.”لا طاعة لمخلوق في معصية الخالق“ މާނައި: ”ޚާލިޤުވަންތަ އިލާހަށް އުރެދުމެއްވާ އެއްވެސްކަމެއްގައި މަޚްލޫޤަކަށް ކިޔަމަންތެރިވުމެއް ނުވެއެވެ.“

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. ”إنما الطاعة في المعروف“ މާނައީ: ”ކިޔަމަންތެރިކަން އަދާކުރުން އޮތީ ހެޔޮކަންކަމުގައި އެކަންޏެވެ.“ އެހެންކަމުން މާތް ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ވެރިމީހާއަށް ކިޔަމަންތެރިވުމަށާއި، އެކަލާނގެއަށް އުރެދުމަކަށް އަމަރުކޮށްފިނަމަ ކިޔަމަންތެރިވުމެއް ނުވާކަން ބަޔާންކޮށްދެއްވިއެވެ. އެކަމަކު އެފަދަ ވެރިއެއްގެ އެހެންހުރިހާ ކަމެއްގައި އޭނާއާ ޚިލާފުވުމެއް ނުވެއެވެ.

ފާސިގުވެރިޔަކު އިސްލާމް ދީނުން ބޭރު ނުވާހާހިނދަކު، އެ ވެރިމީހާ އިސްލާމްދީނުގެ މަތީގައި ހުރެއްޖެނަމަ އޭނާއާ ދެކޮޅުވެރިވުން ހުއްދަވެގެން ނުވެއެވެ. އެއް ވެރިޔެއްގެ ކިޔަމަންތެރިކަމުގެ ދަށުގައި ތިބުމަކީ ލޭ އޮހޮރުވުން ނެތިކުރުވާ ކަމެކެވެ. އަދި އަމާންކަން ލިއްބައިދީ، އަނިޔާވެރިންގެ އަނިޔާވެރިކަމުން އިންޞާފު ލިއްބައިދޭކަމެކެވެ.އެހެނީ ޙައްޤުތަކުގެ އަހުލުވެރީންނަށް އެޙައްޤެއް އަދާކުރުމާއި، މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއެކު ޙުކުމްކުރުން ޙާޞިލުވެގެންދަނީ ވެރިއަކަށް ކިޔަމަންވުމުންނެވެ. އެވެރިމީހާއަކީ ދީނުގައި އެންމެ ބަރާބަރަށް ސީދާވެގެން ހުރި މީހެއްކަމުގައި ނުވިޔަސް، އަދި އޭނާއަކީ ފާސިޤެއް ކަމުގައިވިޔަސް ކުފުރުވާ ދަރަޖައަށް ނުދާކަމުގައިވާނަމަ އޭނާއަށް ކިޔަމަންވާންޖެހެއެވެ.

އަދިވެރިންގެ ކަންކަން ހެޔޮމަގަށް އެޅުވުމަށް ނަޞޭޙަތްތެރިވުމަކީ، އެމީހުންގެ ކަންކަން އިޞްލާޙު ކޮށްދެއްވުންއެދި ދުޢާކުރުމާއި، އެމީހުންގެ ޢައިބުތައް ފޮރުވައިދިނުމާއި، އެމީހުންގެ ކަންކަމުގައި ގޯހުގެ މަގުން ހިނގާކަންކަން ހެޔޮ ގޮތުގައި އެމީހުންނަށް ބަޔާންކޮށްދިނުމެވެ.[