ސަހަރާގެ ތެރެއިން ލިބުނު ޢިބްރަތް

މިއީ ޙަޤީޤީ ވާހަކައެކެވެ. ދަތުރުވެރިއެއްގެ ވާހަކައެކެވެ. ހަނަފަސް ސަހަރާއެއްގައި ދަތުރުކޮށްފައި ދިޔަ މީހެކެވެ. އޭނާ ޙާލުގައި ޖެހި އެހީތެރިކަމަށް ބޭނުން ޖެހުނު ހިނދު އެހީވާނެ އިންސާނެއް ނެތެވެ. މުޅިގައިގައިވަނީ ހިރަފުހެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. އޭނާގެ ކިބައިން ފެންނަނީ ނިކަމެތިކަމެވެ. އާރެއްބާރެއް ނެތްކަމެވެ. އެވަގުތު އޭނާގެ ދެއަތް އުފުލާލިއެވެ. އޭނާގެ ދުލުން ”ޔާ ރައްބި ޔާ ރައްބި“ ކިޔަންފެށިއެވެ. އޭނާ ނެތުމުގެ ތެރެއިން ހެއްދެވި ޢާލަމްތަކުގެ ވެރިރައްބަށް އޭނާގެ ޙާލުބަޔާންކޮށް ދުޢާކުރަށް ފެށިއެވެ. ނަމަވެސް….

އެފަދަ ނިކަމެތިކަމާއިއެކު ދުޢާކުރަމުން ދިޔަ އެ ދަތުރުވެރިޔާގެ ވާހަކަ ބަޔާންކޮށްދެއްވުމަށްފަހު މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު –ޞައްލަﷲޢަލައިހިވަސައްލަމަ- އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘްކުރެއްވިއެވެ. ”އޭނާގެ ކޮއްތަކީ ޙަރާމް އެއްޗެއްސެވެ. އޭނާ ކަރުހިއްކަން ބޮއެ ހަދަނީ ޙަރާމް އެއްޗެއްސެވެ. އޭނާ ލައިގެން ހުރީޙަރާމްގޮތުގައި ހޯދާފައިވާ އަންނައުނެވެ. އޭނާގެ ހަށިގަނޑުގައި ހުރީ ޙަރާމް ކާނާއެވެ. ދެން ފަހެ އޭނާގެ ދުޢާ އިޖާބަކުރައްވާނީ ކިހިނަކުންހެއްޔެވެ؟“

ޙަރާމްގޮތުގައި މުދާ ހޯދުމަކީ ﷲ ތަޢާލާގެ އެހީތެރިކަމާއި މަދަދުވެރިކަމުން އަޅާ މަހުރޫމުކުރުވާ ބޮޑުފާފައެއްކަން އެނގޭއިރުވެސް މިއަދުގެ އިސްލާމީ މުޖުތަމަޢުތަކުގައި މިކަންކަމާއިމެދު ސަމާލުކަން ދެނީ ކިހާވަރަކަށްތޯއެވެ؟ޢަރަބި ހަނަފަސް ސަހަރާއެއްގައި ދަތުރުކޮށްފައި ދިޔަ މީހާގެ ދުޢާ އިޖާބުނުކުރެއްވީ އޭނާގެ ކޮއްތާއި އަންނައުނު ޙަރާމް ވުމުންނެވެ. ހަމައެބީދައިން މި ކުދިކުދި ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ދިވެހިން ކުރާ ދުޢާވެސް އެބައިމީހުން ޙަރާމްގޮތުގައި ފައިސާ ހޯދަކަމަށްވާނަމަ އިޖާބުނުކުރައްވަފާނެކަން ދަންނަން ޖެހެއެވެ.

މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ދިރިއުޅުމުގެ ކޮންމެކަމެއް ކުރުމަށްވެސް ނަގަނީ ”އިންޓަރެސްޓް ހިމެނޭ ބޭންކު ލޯނެވެ.“ މިފަދަ ލޯނުތައް ނަގާއިރު މިއީ ”ރިބާކަން“ އެނގިގެން އެކަންތަކުން ދުރުހެލިވަނީ ކިތައްމީހުން ތޯއެވެ. ”ރިބާ“ ގެ މުޢަމަލާތުން ޤައުމުގެ އިޤްތިޞާދު ސަލާމަތް ކުރުމަށް ”އިއްތިހާދުވަނީ“ ކިތައް މީހުންތޯއެވެ؟ މިއީ ޖަވާބު ހޯދަން ޖެހިފައިވާ ސުވާލުތަކެކެވެ. އެހެނީ މިއަދު ”ރިބާ“ މިވަނީ އިޤްތިޞާދުގެ ލޭނަރަށްވެފައެވެ. ނަމަވެސް އެއީ ބޮޑުވެގެންވާ ފާފަކެވެ. ކޮންމެ ނަމެއްކިޔަސް ”ރިބާ“ އަކީ އެ ޢަމަލު ހިންގާ ބަޔަކާއި ދެކޮޅަށް ﷲއާއި އެއިލާހުގެ ރަސޫލާ ހަނގުރާމަ އިޢުލާނު ކުރައްވާފައިވާ ބައެކެވެ. ކާއިނާތުގެ ވެރި ރައްބު އެބަޔަކާއި ދެކޮޅަށް ހަނގުރާމަ ޢިއުލާނުކުރައްވާފައިވާ ބަޔަކު ކާމިޔާބުވާނީ ފަހެ ކިހިނަކުންތޯއެވެ.

ހަމަހިލާ ރިބާގެ ލޯނު ދޭ ސަރުކާރުތަކާއި ބޭންކުތަކާއި އަދި ރިބާގެ ލޯނުނަގާ މީހުންނަށް ދެދުނިޔޭގައިވެސް ކާމިޔާބެއް ނުލިބޭނެތެވެ. މިކަން އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުންވެސް އެބަފެނެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައިގަތުމަށް ”ބޭންކު ރިބާ ލޯނެއް“ ނަގައިގެން ކޮޅަށްޖަހާ ވިޔަފާރީގެ ސަބަބުން ދިރިއުޅުން އެކީ އެކަށް ބަނގުރޫޓުވެފައިވާ ކިތައް ވިޔަފާރިވެރިން އެބަ އުޅޭތޯއެވެ. ބާރަށް ދޯނި ދުވާލުމަށްޓަކައި ”ރިބާ ލޯނަށް“ ގަން އިންޖީނު އަޅައިގެން ކުރި ފުރަތަމަ ދަތުރުން ދޯނިފެތި ދިރިއުޅުން އެހެލަން ޖެހިފައިވާ ކިތައް އޮޑިވެރިން އެބަ އުޅޭތޯއެވެ.ބޮޑު ގެއެއްގައި އުޅުމަށްޓަކައި ތެޅިގަލުން ރާނާ އުވަޖަހާފައި ހުރި ބައު ގެ ތަޅާލައި ”ރިބާ ލޯނުން“ ބިނާ ކުރި ”ގަނޑުވަރު“ ދޫކޮށް މަގުމަތިވެފައިވާ ކިތައް ޢާއިލާ އެބަ އުޅޭތޯއެވެ. އަލަތު ކައިވެނި ކުލަގަދަކޮށް ފާހަގަކުރަން ނެގި “ ރިބާގެ ލޯނު“ ދައްކާ ނުނިމެނީސް ”އަލަތު އަނބިމީހާ“ ވަރިވެގެންގޮސްފައިވަނީ ކިތައްފަހަރުތޯއެވެ.

މިފަދަ އެތައްއެތައް ޙަދިޘާތަކެއް މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުންދަނީ ތަކުރާރުކޮށް ފެންނަމުންނެވެ. ނަމަވެސް މިކަންކަމާއިމެދު ވިސްނާފިކުރު ހިންގަނީ މަދު ބައެވެ. ޔަހޫދީން ދުނިޔެއަށް ތަޢާރަފުކޮށް މިއަދުވެސް އެމީހުން އެ މުޢާމަލާތެއް ދުނިޔެއަށް ފަތުރާ ”ރިބާ“ ގެ މި ބޮޑުފާފައިން ދިވެހި އިސްލާމީ ފަސްގަނޑު ސަލާމަތްކުރުމަށްކުރުމަށް އަތުގުޅާލަމާތޯއެވެ. އެކަންކުރުމަށް އެންމެފުރަތަމަ ކަމަކީ ”ރިބާ“ އަކީ ކޮބައިތޯ ދެނެގަތުމެވެ. އެކަމުގެ ސަބަބުން ދެދުނިޔޭގައި ޖެހޭ ބަލާވެރިކަމާއި މުޞީބާތްތައް ދެނެގަތުމެވެ. ”ރިބާ“ އާއި ނުލައި ދިރިއުޅެވޭނީ ކިހިނެއްތޯ ދަސްކުރުމެވެ.މިކަންކުރަން ތިބާ ތައްޔާރުތޯއެވެ؟

 964 total views