صلى الله عليه وسلم ލިޔުމުގެ ބަދަލުގައި ص ނުވަތަ SAW ލިޔުމުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ލިޔުންތައް ލިޔުމުގައި ވަރަށް ގިނަ ފަހަރަށް ރަސޫލާ صلى الله عليه وسلم ގެ ނަންފުޅުގަނެވެއެވެ. އަދި ޗެޓްކޮށް މެސެޖްކުރުމުގައި، ދީނީ ވާހަކަތައް ދެކެވޭއިރު އެކަލޭގެފާނުގެ ނަންފުޅުގަނެވެއެވެ.  ރަސޫލާ صلى الله عليه وسلم ގެ ނަންފުޅުގަނެވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުމަކީ ކީރިތި ޤުރުއާނުގައި އަމުރުކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّ اللّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴾ [سورة الأحزاب ٥٦]

މާނައީ: ”ހަމަކަށަވަރުން، ﷲ އާއި، އެއިލާހުގެ މަލާއިކަތުން، ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުންއެދި ގިނަގިނައިން ދުޢާ ކުރާށެވެ.“

އަދި އެކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު ޞަލަވާތް ނުކިޔާ ގަސްދުގައި ދޫކޮށްލުމަކީ ވަޢީދު ބަސްފުޅު އައިސްފައިވާކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(صحيح) «الْبَخِيلُ مَنْ ذُكِرْتُ عِنْدَهُ، ثُمَّ لَمْ يُصَلِّ عَلَيَّ» [رواه أحمد في المسند في مسند على بن حسين رقم: ١٧٣٦ وصحح إسناده أحمد شاكر في تحقيق المسند / جزء: 2 / ص: 352 / طبعة: دار الحديث]

މާނައީ: ”ދަހިމީހަކީ އޭނާގެ ގާތު ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވުމުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔާ މީހާއެވެ.“

އަދި އެހެން ޙަދީޘެއްގައި ވެއެވެ.

(صحيح) «رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ» [رواه الترمذي / كتاب: الدعوات / باب: قول رسول الله صلى الله عليه وسلم رغم أنف رجل / رقم: 3545 وصححه الألباني في الإرواء الجزء: 1 / ص: 36 / طبعة: المكتب الإسلامي]

މާނައީ: ”މީހެއްގެ ގާތު ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވި، ތިމަންކަލޭގެފާނުގެ މައްޗަށް އެމީހަކު ޞަލަވާތް ނުކިޔައިފިނަމަ، ފަހެ އެމީހެއްގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ.“[1]

ތަކުރާރުކޮށް އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ބުރައަކަށް ވެގެން ނުވަތަ މިނޫން ބައެއް ސަބަބުތަކާހުރެވެސް ބައެއް މީހުން صلى الله عليه وسلم ލިޔުމުގެ ބަދަލުގައި ކުރު ޢިބާރާތްތައް ބޭނުންކުރެއެވެ. މިގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ص ނުވަތަ SAW ވަރަށް ގިނައިން ބޭނުންކުރެއެވެ. މިކަމުގެ ޙުކުމާ ބެހޭގޮތުން ކުރީގެ ޢިލްމުވެރިންނާ އަދި ފަހުގެ ޢިލްމުވެރިންވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

މިގޮތުން ރަސޫލާ صلى الله عليه وسلم  ގެ މައްޗަށް ޞަލަވާތް ލިޔެ އުޅޭއިރު، صلى الله عليه وسلم  ގެ ބަދަލުގައި ބައެއް މުޙައްދިޘުން ރަމްޒުތައް ބޭނުންކުރައްވާތީ، އެކަމަށް އަލިއަޅުވާލައްވަމުން އިމާމް އައްސަޚާވީ رحمه الله  ”ފަތްޙުލް މުޣީޘް“ އޭކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ.

”އޭ ލިޔާމީހާއެވެ. އެއަށް ރަމްޒު ބޭނުންކުރުމުން ތިބާ ދުރުހެލިވާށެވެ. އެބަހީ: ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރުމަށް އެފަދައިން ބޭނުންނުކުރާށެވެ. ތިބާ އަތުލިޔުމުން ލިޔާއިރު އެ ކުރުކޮށް، ދެއަކުރަށް ބަދަލުކުރުންފަދަ ކަންކަން ކުރުމުން ދުރުހެލިވާށެވެ. ފަހެ އޭގެ ސަބަބުން އޭގެ ޞޫރައަށް އުނިކަމެއް އަންނާނެއެވެ. އެއީ ”އަލްކިސާއީ“ ކުރާ ކަމެކެވެ. އަދި އެއީ ކިޔަވާކުދިންގެ ތެރެއިން ގިނަ ކުދިންނާއި ޢަޖަމީންގެ ތެރެއިން ގިނަކުދިންތަކެއް އާންމުކޮށް ކުރާކަމެކެވެ. صلى الله عليه وسلم ގެ ބަދަލުގައި އެބައިމީހުން ލިޔަނީ ص ނުވަތަ صم ނުވަތަ صلم ނުވަތަ صلعمއެވެ. ލިޔުމުގައި ގެނެވޭ މިއުނިކަމުގެ ސަބަބުން އަޖުރު މަދުވެވެގެންދާނެއެވެ. އަދި މިއީ އައުލާގޮތާ ޚިލާފުކަމެކެވެ.“[2]

އަދި ”ތަދްރީބުއްރާވީ“ މިފޮތުގައި އައްސުޔޫޠީ رحمه الله ވިދާޅުވެފައިވެއެވެ.

”އަދި ލިޔުމުގައި އެދެކަމަށް (އެބަހީ: ޞަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރުމަށް) ރަމްޒު ބޭނުން ކުރުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. އެއީ އެއް އަކުރު ނުވަތަ ދެ އަކުރު ބޭނުންކޮށްގެން صلعم ލިޔާ ފަދައިންނެވެ.“[3]

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله އާ މިމައްސަލާގައި ސުވާލު ދެންނެވުނެވެ.

ސުވާލު: އަޅުގަނޑުމެންގެ އުސްތާޒާ ވިދާޅުވިއެވެ. صلى الله عليه وسلم ކުރުކޮށްލާފައި ص އަކުރުގެ ގޮތުގައި ނުވަތަ صلعم ގެ ގޮތުގައި ލިޔުން ހުއްދަނުވާނެއެވެ. ފަހެ މިއީ ތެދެއްހެއްޔެވެ؟ އަދި މިކަމުގެ ދަލީލެއްވޭ ހެއްޔެވެ؟

ޖަވާބު: ”އާއެކެވެ. އެއީ ކުރުން އެކަށީގެންވާކަމެއް ނޫނެވެ. އެކަމުގެ އެންމެ ދަށުދަރަޖައަކީ މަކުރޫހަކަމަކަށް ވުމެވެ. އެހެނީ އެދެވިގެންވާ ގޮތަކީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމެވެ. އެކަމަށް އިޝާރަތްކުރުމެއް ނޫނެވެ…

ހަމައެކަނި ص، މިފަދައިން ލިޔުމުން ކިޔާމީހާއަށް ނުވިސްނި ދާނެއެވެ. ދެން ފަހެ ކަންނެތްކަމާއި ނުކުޅެދުންތެރިވެގަތުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ޛިކުރުކުރެވިއްޖެނަމަ ފުރިހަމައަށް صلى الله عليه وسلم ކިޔާށެވެ.  އަދި ލިޔާނަމަވެސް صلى الله عليه وسلم މިފަދައިން ފުރިހަމައަށް ލިޔާހުށިކަމެވެ. ص ނުވަތަ صلعم  ނުލިޔާށެވެ. މިކަމުގެ އެންމެ ދަށުދަރަޖައަކީ މަކުރޫހަކަމަކަށްވުމެވެ.“[4]

 

ޚުލާޞާ

صلى الله عليه وسلم ކުރުކޮށް ލިޔުމަކީ މަކުރޫހަކަމެއްކަމުގައި އިތުބާރުހިފޭ ޢިލްމުވެރިންތަކެއް ވިދާޅުވެފައިވާތީވެ އަޅުގަނޑުމެން މިފަދަ ޢަމަލުތަކުން ދުރުހެލިވާން ޖެހޭނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޗެޓްކުރާއިރު ދިގުވާހަކަތައް ނަކަލުކޮށް އުޅެއެވެ. އަދި ޓީވީ ސީރީސްތަކާއި ފިލްމުތަކުގައިވާ ކަންތައްތައްވެސް ތަފުޞީލުކޮށް ބަޔާންކުރެއެވެ. އަދި ސިޔާސީ މަސްރަހުގައި ހިނގާ ކަންތައް އެއްވެސް އުނިކަމެއް ނުގެނެސް ފުރިހަމައަށް ލިޔެއުޅެއެވެ. ނަމަވެސް ބައެއް ޝަރުޢީ ޢިބާރާތްތައް ބޭނުންކުރުމުގައި ކަންނެތްވެ ބުރަކަން އިޙުސާސް ކުރެވެއެވެ. ފަހެ އަޅުގަނޑުމެންނީ މުސްލިމުންނަށް ވީހިނދު، ޝަރުޢީ ނައްސުތަކަށް ސަމާލުކަންދިނުން މާމުހިންމުކަން ބޮޑެވެ.

ހެޔޮބަސްބުނެ އެއާ އެއްގޮތަށް ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާނދޭވެ. އާމީން.

_______________________________________

 

[1] މިޢިބާރާތަކީ އެފަދަމީހުން ނިކަމެތި ކޮށްދެއްވުމަށް އެދި އެބައިމީހުންގެ މައްޗަށް ކުރައްވާފައިވާ ބަދު ދުޢާއެކެވެ.  ބައްލަވާ:  طلبة الطلبة في الإصطلاحات الفقهية للنسفي / كتاب : الصوم / ص: 22 / طبع في المطبعة العامرة.

[2] فتح المغيث للسخاوي / مجلد 3 / ص: 47 / طبعة: مكتبة دار المنهاج.

[3] تدريب الراوي للسيوطي / مجلد: 2 / ص: 22  / طبعة: دار العاصمة.

[4] މަޞްދަރު