مسائل الجاهلية (4): އެމީހުންގެ ދީނަކީ ބުއްދިކުރުމެއްނެތި ތަޤްލީދުކުރުން

އެމީހުންގެ ދީނުގެ އެންމެ މަތީ ޤާއިދާއަކީ ތަޤްލީދު ކުރުމެވެ. އެންމެ އިހުގެވެސް އަދި އެންމެ ފަހުގެވެސް، ހުރިހާ ކާފަރުންގެ އަސާސީ ޤަވާޢިދަކީ އެއީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَكَذَلِكَ مَا أَرْسَلْنَا مِن قَبْلِكَ فِي قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّقْتَدُونَ (الزخرف : 23)މާނައީ: ”އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ އަސަރުތަކުގެ މަތީގައި ތިމަންމެން ތަބާގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް އިންޛާރުކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ.“

އަދިވެސް މާތް ﷲ ވަޙީކުރެއްވިއެވެ. وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللَّهُ قَالُوا بَلْنَتَّبِعُ مَا وَجَدْنَا عَلَيْهِ آبَاءنَا أَوَلَوْ كَانَ الشَّيْطَانُ يَدْعُوهُمْ إِلَى عَذَابِ السَّعِيرِ(لقمان : 21) މާނައީ: ”އަދި ﷲ ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން ތަބާވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެން ބުނާނެތެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން ތަބާވާހުށީ، ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، ނަރަކައިގެ ޢަޛާބަށް ޝައިޠާނާ އެއުރެންނަށް ގޮވާކަމުގައިވިޔަސް ހެއްޔެވެ!

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގޮވައިލެއްވީ މާތް ﷲ ގެ މިބަސްފުޅުގައިވާފަދައިންނެވެ. قُلْ إِنَّمَا أَعِظُكُم بِوَاحِدَةٍ أَن تَقُومُوا لِلَّهِ مَثْنَىوَفُرَادَى ثُمَّ تَتَفَكَّرُوا مَا بِصَاحِبِكُم مِّن جِنَّةٍ (سبأ : 46) މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް ނަޞީޙަތްތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިންއަށްޓަކައި (ޙައްޤުމަގު ހޯދުމުގައި) ޤާއިމުވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ގެ ކިބައިގައި އެއްވެސް މޮޔަކަމެއްނެތެވެ.

އަދިވެސް ވަޙީކުރެއްވިއެވެ. اتَّبِعُواْ مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلاَ تَتَّبِعُواْ مِن دُونِهِأَوْلِيَاء قَلِيلاً مَّا تَذَكَّرُونَ (الأعراف : 3 ) މާނައި: ”ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން ތަބާވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް ތަބާނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ.“

]އެމީހުންގެ ދީން ބިނާވެގެންވަނީ ނަބީބޭކަލުން ގެންނެވި އަސާސްތަކުގެ މައްޗަކަށްނޫނެވެ. އެހެނެއްކަމަކު އެމީހުން ދީން ބިނާކޮށްފައިވަނީ އެމީހުން އަމިލައަށް އުފެއްދި ކަންތައްތަކެއްގެ މަތީގައެވެ. އަދި އެކަންކަން ދޫކޮށްލުމަކަށް އެމީހުން އެއްބަހެއް ނުވެއެވެ.

އެފަދަ މީހުންގެ މިސާލު މާތް ﷲ ޖައްސަވާފައި އެވަނީ މުއްސަނދި މަހުޖަނުންގެ މިސާލުންނެވެ. އެހެނީ އެމީހުންނަކީ ގިނަފަހަރު އިސްރާފުކުރުމާއި ޙައްޤުން އެކިބާވެގެންފައިވާ ބައެކެވެ. އެއާޚިލާފަށް ފަޤީރުންގެ ތެރެއިން ގިނަބަޔަކީ މަޑުމައިތިރި ހިތްތިރި ބައެކެވެ. އެހެންކަމުން ޒުޚުރުފް ސޫރަތުގެ 23 ވަނަ އާޔަތުގައިއެވާ مُتْرَفُوهَاއޭ ބުނެވޭބަހުގެ މާނައަކީ އެގައުމުގެ މުއްސަނދި މަގާމާއި ޖާހުގެވެރިންނެވެ. އެމީހުން ބުނެތެވެ. إِنَّا وَجَدْنَا آبَاءنَا عَلَى أُمَّةٍ މިތާނގައި أُمَّةٍ އޭ އޮތް ބަހުގެ މުރާދަކީއެމީހުންގެ ކާބަފައިން ވަކި ގޮތެއް ނުވަތަ ދީނެއްގެ މަތީގައިވަނިކޮށް އެމީހުން ފެނުނުވާހަކައެވެ. އެހެކަމުން އެމީހުން ބުނެފައިއެވަނީ، އޭ ރަސޫލުންނޭވެ! ކަލޭމެންނަކަށް ތިމަންމެން ބޭނުން ޖެހިގެންނެއް ނުވެއެވެ. ތިމަންމެން މިތީ ކާބަފައިންގެ ގޮތުގައެވެ.

އެއީ تقليد الأعمى އެވެ. އެބަހީ އަދިރި ތަޤުލީދެވެ. ނޫނީ އެއްވެސް ބަލައިލުމެއް ފިކުރު ކުރުމެއްނެތި ތަބާވުމެވެ.

ހެޔޮގޮތުގައި ތަޤުލީދު ކުރުމަށް ޢަރަބި ބަހުގައި ކިޔަނީ އިއްތިބާޢު އެވެ. ނޫނީ އިޤްތިދާއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {وَاتَّبَعْتُ مِلَّةَ آبَائي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ مَا كَانَ لَنَا أَنْ نُشْرِكَ بِاللَّهِ مِنْ شَيْءٍ} [يوسف: 38] މާނައި: ”އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުންކުރެ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނުގެ ދީނަށް ތިމަންކަލޭގެފާނު ތަބާވެވަޑައިގަތީމެވެ. ﷲ އަށް އެއްވެސް އެއްޗެއް ޝަރީކުރުމަކީ ތިމަންމެނަށް އޮތްކަމެއް ނޫނެވެ.“

އަދިވެސް ވަޙީކުރައްވާފައިވެއެވެ. {وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ} (التوبة : 100 ) މާނައި: ”މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި ހެޔޮގޮތުގައި އެބޭކަލުންނާ ތަބާވީމީހުންނެވެ.“

މުޝްރިކުންނާއި ކާފަރުވީ މީހުންނަށް {اتَّبِعُوا مَا أَنْزَلَ اللَّهُ} އެބަހީ ޤުރްއާނަށްތަބާވާށޭ ބުނެވިއްޖެނަމަ އެމީހުންބުނާނެއެވެ. {قَالُوا بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ آبَاءَنَا أَوَلَوْ كَانَ الشَّيْطَانُ يَدْعُوهُمْ} (لقمان : 21 ) މާނައީ: ”އަދި ﷲ ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން ތަބާވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެން ބުނާނެތެވެ. އަދި ކިއެއް ހެއްޔެވެ؟ ތިމަންމެން ތަބާވާހުށީ، ތިމަންގެ ކާބައިފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، ނަރަކައިގެ ޢަޛާބަށް ޝައިޠާނާ އެއުރެންނަށް ގޮވާކަމުގައިވިސްހެއްޔެވެ!“

މާތް ﷲ އެމީހުންނަށް ވަޙީކުރެއްވިއެވެ. {إِلَى عَذَابِ السَّعِيرِ} (لقمان : 21 ) އެބަހީ ކާބަފައިންނާއެކުގައި ނަރަކައިގެ އަލިފާނަށް ދާންޖެހުނު ކަމުގައިވިޔަސް އެމީހުންނާ ތަބާވާނަން ހެއްޔެވެ؟[

ނޯޓް: ކާބަފައިންނަށް ތަބާވުމުގެ ޙުއްޖަތަކީ ޝައިޠާނާގެންނަ އެންމެ އަސާސީ ދަލީލުކަން މަތީގައި ބަޔާންވެ ހިނގައްޖެއެވެ. ދަންނާށެވެ! އަޅުގަނޑުމެންގެ ތެރޭގައި ބޮޑުބެރު މުބާރާތްތައް ބާއްވައި ކާބަފައިންގެ ކުޅިވަރުތައް ދިރުވުމަށް ގޮވައިލެވޭ ގޮވައިލެވުމަކީވެސް މިފަދަ ކަމެއްކަމުގައިވުން އެކަށީގެންވެއެވެ.

 716 total views