ނުބައި ރައްޓެހީންނަކީ ތިބާ ދީނުން އެއްކިބާ ކުރުވާނެކަމެއް: ޝައިޚް މުޖްތަބާ ޙަމީދު

ހެޔޮލަފާ ރަނގަޅު ރައްޓެހީންނަކީ އިސްލާމްދީނުގެމަތީގައި ތިބާ ސާބިތުކޮށްދޭނެ ކަމެއްކަމަށާއި ހަމައެގޮތަށް ނުބައި ނުލަފާ ރައްޓެހީންނަކީ އިސްލާމްދީނުން ތިބާ އެއްކިބާ ކުރުވާނެކަމެއްކަމަށް އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ގެނެސްދިން ’އޮނަތިރީސް މިނެޓް‘ ގެ 85 ވަނަ ޕްރޮގްރާމުގައި ’ފައިކައްސާލުން‘ މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިގޮތުގައި އިސްލާމްދީނުން ތިމާގެ ފައި ކައްސާލުމުން އެއްކިބާ ކުރުމަށްޓަކައި ހެޔޮލަފާ ޞާލިޙު އެކުވެރިން އިޚްތިޔާރު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެކަމެއްކަމަށާއި ޞާލިޙު ރަނގަޅު އެކުވެރިން ނެތްކަމަށްވާނަމަ އިސްލާމްދީނުން ފައިކައްސާލުމަކީ ވަރަށް ގާތްކަމެއްކަމަށެވެ.

”ކިތަންމެ ބޮޑު ޢާލިމެއްކަމަށްވިޔަސް ނުބައި ބަޔަކާއެކު އުޅެންފަށައިފިކަމަށްވާނަމަ އޭނާ އިސްލާމްދީނުން ދުރަށް ދިއުން އެއީ ވަރަށްގާތްކަމެއް. މިފަދަ އެތައް މިސާލުތަކެއް މިޒަމާނުގައިވެސް އަޅުގަނޑުމެންނަށް އެބަހުރި ފެންނަން. ހަގީގަތުގައި ޢިލްމުވެރިޔާ ދީނުން ފައިކައްސާލުމުގައި، އޭނާ ޢިލްމު ހޯދާ މަޤްސަދު ވަރަށްބޮޑު ދައުރެއް އަދާކުރޭ. އަޅުގަނޑުމެންނަށް އެމީހެއްގެ ބޭރުފުށުން ކިތަންމެ ރީތިކޮށް ދީންވެރިކޮށް ފެނުނުކަމުގައިވިޔަސް އޭނާގެ ނިޔަތެއް އޮވެދާނެ އެ ޢިލްމުގެ ޒަރީޢާއިން ދުނިޔޭގެ މަންސިބެއް، ރިޔާސަތެއް ނުވަތަ މަތީ މަޤާމެއް ނުވަތަ މަޝްހޫރުކަމެއް ހޯދުން. އެ ނިޔަތުގެ މައްޗަށް އޭނާ ޢިލްމު ޠޮލަބުކޮށް ހޯދައިފިކަމުގައިވަނީނަމަ އޭނާ މަރުވުމުގެކުރިން ﷲ ތައާލާ އޭނާ ކޮންމެވެސްކަހަލަ ފިތުނައެއްގެ ތެރެއަށް ވެއްދުމަކީ ވަރަށް ގާތްކަމެއް“. ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި އިސްލާމްދީނުން ފައިކައްސާލުމުގެ އެންމެބޮޑު އަނެއް ސަބަބަކީ ކިބުރުވެރިވުންކަމަށާއި ޝައިޠާނާ ﷲ ގެ ރަޙްމަތުން ބޭރު ކުރެވިގެން ދިޔައީ އެސޮރު ﷲ ގެ އަމުރަށް ނުކިޔަމަންތެރިވެ ކިބުރުވެރިވުމުންކަމަށެވެ. އަދި ސިއްރުން ކުރެވޭ ނުބައި ކަންތައްތަކަކީވެސް ދީނުން ފައިކައްސާލާ ކަމެއްކަމަށް ޝައިޚް ވިދާޅުވިއެވެ.