ބާރަދުވަހު މަޢުލޫދު ކިޔުމަކީ ސިޔާސީ ކަމެއް

އިހުޒަމާނުގައި ދިވެހިން ދުވަސްތައް ފާހަގަކުރަމުން އައީ މުޅިންވެސް ދީނުގެފަރާތާއި ގުޅުވައިގެންނެވެ. އެއީ ދިވެހިންގެ ތެރޭގައި ދީނަށް ދެވިފައިވާ މަތިވެރި މަޤާމު ހާމަވާކަމެކެވެ. ނަމަވެސް ކިތަންމެ އިޚްލާޞްތެރިކަމާއި އެކުވިޔަސް އެކަމަކީ ދީނުގައި ނެތްކަމެއްކަމަށްވާނަމަ އަދި އެއީ ނަބަވީ ސުންނަތުގައި އައިސްފައިވާކަމެއް ނޫންކަމަށްވާނަމަ އެކަމެއް ދީނުގައި ޤަބޫލުވެވިގެންނެތް ނުވެއެވެ.

 

އެގޮތުން ކޮންމެ އަހަރެންގެވެސް ރަބީޢުލް އައްވަލު މަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގެ ވަރަށްގިނަ މުސްލިމުން އަދި ދިވެހިންވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ދިވެހި ބަހުން ބުނާނަމަ ”ބާރަދުވަސް“ ފާހަގަކުރުމަކީ ކުރީ ޒަމާނުގައި ބޮޑުކަމެކެވެ. މާލެ ފައިބައި ތިބޭ މީހުން ރަށަށް އަންނަ ދުވަސްތަކުގެތެރޭގައި ”ބާރަދުވަސް“ ހިމަނައެވެ. ދެން އަންނާނީ ”ރޯދައަށާއި ބޮޑުޢީދަށެވެ.“ ކޮންމެ އަކަސް ލިބޭ މަދު ކާއެތިކޮޅު ރައްކާކޮށްގެންވެސް ”ބާރަދުވަހު މަޢުލޫދު“ ކޮންމެހެންވެސް ކިޔާނެއެވެ. ބައެއް ރަށްރަށުގައި ފަރުދީގޮތުން މިކަން ކުރާއިރު އަނެއްބައި ރަށްރަށުގައި ”ރަށުފެންވަރުގައި“ މުޅި އަތޮޅަށް ދަޢުވަތުދީގެން އެކަން ކުރެއެވެ.

 

ކަންމިހެން ހިނގަމުންއައިސް ދިވެހިންގެ ތެރެއަށް ފެތުރުނު ދީނީ ހޭލުންތެރިކަމުގެ ތެރެއިން ”ބާރަދުވަހު މަޢުލޫދު“ ކިޔުމަކީ އެއީ ”ބިދުޢަ“ އެއްކަން ޢިލްމުވެރިން ބަޔާންކޮށްދީ އަދި ސަރުކާރުންވެސް އެކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވި އެއީ ”މާޒީ“ ކަމަށް މިހާރުވެއްޖެއެވެ. ނަމަވެސް ބައެއް ބޭފުޅުން އަދިވެސް ”ކާބަފައިންކުރިކަމެއްވީތީ“ ކުރުމުގައި ފޫގަޅައިގެން އުޅޭތީ މަދުމަދުން ނުފެންނަ ވާހަކައެއްނޫނެވެ. ”ބާރަދުވަހުގެ މަޢުލޫދަށް“ ނަޒަރު ހިންގާލާއިރު އެދުވަހު އެކަންކުރުން ޢިލްުމުވެރިން މަނާކުރައްވާ އެންމެ ބޮޑުސަބަބަކީ އެއީ ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމް- ގެ ޒަމާނާއި ޞަޙާބީންގެ ޒަމާނާއި އަދި އޭގެފަހުން އައި ޒަމާންތަކުގައިވެސް މުސްލިމުން ކޮށްފައި ނުވާކަމަކަށްވާތީއެވެ. އެހެނީ ޞާހާބީން ނުކުރާ އަޅުކަމެއް އެހެންބަޔަކު އިސްލާމްދީނުގެ ކަމެއްގޮތުގައި ނުކުރެވޭނެއެވެ. ޚާއްޞަކޮށް ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- ދެކެ ލޯބިވުމުގެގޮތުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި އުޘްމާނުގެފާނުގެ ވެރިކަމުގައި ނުކުރާކަމެއް މިއުޅޭ ވެރިންގެ ވެރިކަމުގައި ކުރެވޭނެ ހެއްޔެވެ؟ މިހާރު މިއުޅޭ ”ލީޑަރުންނަށް“ މިއުޅެނީ ފަރުޟު ނަމާދުވެސް ނުކުރެވިގެންވިއްޔާއެވެ. މިފަދަ ކޮންމެ ކަމަކަށްވެސް އަޞްލު ”ތާރީޚަކީ“ ނިކަން ވަރުގަދަ ޖަވާބެެކެވެ.

 

ތާރީޚަށް ނަޒަރެއް ހިންގާލާއިރު ފެންނަށް އޮތް ޙަޤީޤަތަކީ ”ބާރަދުވަހުގެ މަޢުލޫދަކީ“ ސިޔާސީ ކަމެއްކަމެވެ. އެއީ އަޅުކަމެއް ކުރަން ބަޔަކު ކުރި ކަމެއްނޫންކަމެވެ. އެއީ ބައެއްގެ ވެރިކަން ދަމަހައްޓާ އެބަޔަކު އިސްލާމްދީނަށް ނިސްބަތްވެގަތުމަށް ހިންގި ”މަކަރުވެރި“ ޢަމަލެއްކަމެވެ. އެންމެ ފުރަތަމަ މިކަމެއް ހިންގީ ހިޖްރައިން 298 ވަނަ އަހަރު މިޞްރާއި މަޣްރިބާއި ޝާމުކަރައިގައި ޤާއިމުވެގެން އައި ”ޢުބައިދީންގެ ދަޢުލަތު “ ނުވަތަ މަޝްހޫރު ނަމުންނަމަ :ފާޠިމީ ދަޢުލަތުގެ ފަރާތުންނެވެ. އެމީހުންވެސް މިކަން ފެށީ ވެރިކަން ޤާއިމުކުރިތާވެސް އެތައް އަހަރެން ފަހުންނެވެ. އެއީ ހިޖްރައިން 361 ވަނަ އަހަރު އޭރު އެމީހުންގެ ޚަލީފާއަކަށް ހުރި މުޢުޒުލިދީނިﷲ އެވެ. މިކަން މިމީހުން ކުރީ މިޞްރާއި ޝާމުގެ މުސްލިމުން ”މައިތިރިކޮށް“ އެމީހުންނަކީ މުސްލިމުންކަމާއި އިސްލާމްދީނަށް ނިސްބަތްވާ ބައެއްކަން ދެއްކުމަށެވެ. އެގޮތުން އެމީހުންނަކީ ”ފާޠިމާ- ރަޟިއްޔަﷲ ޢަންހާ“ ދަރިކޮޅުބައެއްކަމަށްވެސް ދަޢުވާކޮށް އެމީހުންގެ ދަޢުލަތަށް ”ފާޠީމީން“ މިނަން ދިނެވެ. ނަމަވެސް މިމީހުންނަށްވެސް އެގިފައި ނެތް ތާރީޚީ ޙަޤީޤަތަކީ ޚުދު ފާޠިމާ- ރަޟިއްޔަﷲ ޢަންހާ- ވެސް އެކަމަނާގެ ބައްޕާފުޅުގެ ޢީދުމީލާދު ބާރަދުވަހު ފާހަގަކޮށް ”މަޢުލޫދު“ ނުކިޔާކަމެވެ. އެއަށްފަހު އެކަމަނާގެ ފިރިކަލުން ޢަލީގެފާނުގެ ޚިލާފަތާއި ދަރިކަލުން ޙަސަނުގެފާނުގެ ޚިލާފަތުގައިވެސް ”ބާރަދުވަސް“ ފާހަގަނުކުރާކަމެވެ.

 

ތާރީޚީ މި ޙަޤީޤަތަށް އިތުރަށް ބާރުލިބޭ އަނެއްކަމަކީ މިއަދުވެސް ދުނިޔޭގެ މުސްލިމުންގިނަ ޤައުމުތަކުގެވެރިކަން ކުރަމުން އަންނަ ”ޢަލްމާނިއްޔަތުގެ“ ފިކުރުގެ ވެރިން ”ބާރަދުވަސް“ ފާހަގަކޮށް ޖަލްސާބާއްވާ އަދި އެއީ ރަސްމީ ބަންދުދުވަހެއްކަމަށް ހަދާ ހެދުމެވެ. މިގޮތުން މަޝްހޫރު މުއައްރިޚް އައްޖަބްރޫތީ[1] ވިދާޅުވެފައިވެއެވެ. ފަރަންސޭސިން މިޞްރު އަޅުވެތިކޮށް އެތަނަށް ވެރިވެ ގަތުމަށް ފަހު ފަރަންސޭސި ވެރިޔާ ނާބޯލިޔޫން މިޞްރުގެ ޞޫފީ ބޮޑެއްކަމަށްވާ އަލްބަކްރީއަށް 300 ފަރަންސޭސި ރުފިޔާ ދީގެން ”ބާރަދުވަސް“ ފާހަގަކުރުވިއެވެ. އަދި އޭގެފަހުން ކޮންމެ އަހަރަކުވެސް މިދުވަސް މިޞްރުގައި ފާހަގަކުރެއެވެ. އަދި އެހަފްލާއަށް ނާބޯލިޔޫން ހާޟިރުވެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އަހަރެމެންގެ ނަބިއްޔާ ދެކެ ނުލާހިކު ލޯބިވާނެތާއެވެ.

 

މިފަދަ ކަންކަމުން ދޭހަވަނީ ”ބާރަދުވަހު މަޢުލޫދުކިޔުމަކީ“ ސިޔާސީ ކަމެއްކަމެވެ. އެއި ”ލާދީނީމީހުން“ ބޭނުންކުރާ ސިޔާސީ ހަތިޔާރެއްކަމެވެ. މިއަދުވެސް މިކަން މިމަގުން އެބަ ހިނގައެވެ. ދީން ސިޔާސި ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން މިއަންނަ އައުން ހުއްޓުވަން ވެއްޖެއެވެ. އަދި މި ބިދުޢަވެރި ޢަމަލުކުރުމަށް މިދުވަހު ސަރުކާރު ބަންދުނުކޮށް ރޯދަމަހުގެ ފަހުދިހެއް އެއީ ބަންދުދުވަސްތަކެއް ކަމަށް ހެދިއްޔާ ކީއްތޯއެވެ؟ ހަމަ ގައިމުވެސް އޭރުން އަޅުކަމަށް ވަގުތު ހުސްކުރެވޭނެތާއެވެ.

[1] ބައްލަވާ: انحرافات العقدية و العملية في القرنين الثالث عشر و الرابع عشر الهجريين ( ص 379-382)

 824 total views