مسائل الجاهلية (6): އެމީހުން ތަބާވީ ކޮންއެއްޗަކަށްތޯ ބެލުމެއްނެތި އިހުގެ ގޮތްތަކަށް ތަބާވުން

އެމީހުން ޙުއްޖަތެއްކަމުގައި ބަލަނީ އިހުގެ މީހުންގެ ގޮތްތަކަށެވެ. މާތް ﷲ އެމީހުންގެ ޙާލަތު ބަޔާންކުރައްވައި ވަޙީކުރައްވާފައިވެއެވެ. ”قَالَ فَمَا بَالُ الْقُرُونِ الْأُولَى“ (طه : 51 ) މާނައީ: ”އޭނާ (ފިރުޢައުނު) ބުންޏެވެ. އިހުގެ ޖީލުތަކުގެ ކަންތައް ހުރިގޮތަކީ، ފަހެ، ކޮބައިހެއްޔެވެ؟“ އަދިވެސް މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”مَّا سَمِعْنَا بِهَذَا فِي آبَائِنَا الْأَوَّلِينَ“ (المؤمنون : 24 ) މާނައީ: ”ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ.“

[އެމީހުންގެ ގާތަށް ޙައްޤުވެގެންވާ ގޮތާއިގެން ރަސޫލުން ވަޑައިގަތުމުން ޙުޖަތެއްކަމުގައި (ދަލީލެއްކަމުގައި) ދައްކާފައިވަނީ ކާބަފައިގެން ވާހަކަތަކެވެ.

މޫސާގެފާނު ފިރުޢައުނަށް އީމާންވުމަށް ގޮވައިލެއްވުމުން ފިރުޢައުނުވެސް ދަލީލެއްގެ ގޮތުގައި ދެއްކީ އެންމެކުރީގެ މީހުން އެގޮތަށް އުޅެފައިނުވާ ވާހަކައެވެ. ފިރުޢައުނުގެ ވާހަކަތައް އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  ”قَالَ فَمَا بَالُ الْقُرُونِ الْأُولَى“ (طه : 51 ) މާނައީ: ”އޭނާ (ފިރުޢައުނު) ބުންޏެވެ. އިހުގެ ޖީލުތަކުގެ ކަންތައް ހުރިގޮތަކީ، ފަހެ، ކޮބައިހެއްޔެވެ؟“ (އެމީހުން އެ ގޮތްތަކަށް އުޅުނީ ކީއްވެގެން ހެއްޔެވެ؟)

އޭނާގެ ކުރީން އިސްވެދިޔަ ޤަރުނުތަކުގައި ކާފިރުކަންމަތީގައި އުޅެފައިދިޔަ މީހުންގެ ވާހަކަތައް ޙުއްޖަތެއްގެ ގޮތުގައި ދެއްކިއެވެ. އެއީ ބާޠިލު ޙުއްޖަތެކެވެ. އެއީ ޖާހިލިއްޔަ ޒަމާނުގެ މީހުންގެ ޙުއްޖަތެވެ. ނޫޙުގެފާނުގެ ގައުމުގެ މީހުންނަށް އީމާންވުމަށް އެކަލޭގެފާނު ގޮވައިލެއްވުމުން އެކަލޭގެފާނަށް އެމީހުން ޖަވާބުދިނީ މިފަދައިންނެވެ. ”فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا هَذَا إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَاء اللَّهُ لَأَنزَلَ مَلَائِكَةً مَّا سَمِعْنَا بِهَذَا فِي آبَائِنَا الْأَوَّلِينَ“ (المؤمنون : 24 ) މާނައީ: ”ފަހެ، އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ ކާފިރުވި ބޮޑުން ބުންޏެވެ. ތިޔަބައިމީހުންކަހަލަ އާދަމުގެދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ ބޭނުންވަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. ﷲ އިރާދަކުރެއްވިނަމަ (ރަސޫލުން ކަމުގައި) މަލާއިކަތުން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ.“

ޤުރައިޝުވަންހައިގެ ކާފިރުންވެސް ބުނެއުޅުނީ ހަމައެފަދައިންނެވެ. ”مَا سَمِعْنَا بِهَذَا فِي الْمِلَّةِ الْآخِرَةِ إِنْ هَذَا إِلَّا اخْتِلَاقٌ“ (صـ : 7 ) މާނައީ: ”ފަހުގެ މިއްލަތުގައިވެސް (އެބަހީ: ޢީސާގެފާނުގެ މިއްލަތުގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވާނެއެވެ.“

އެހެންކަމުން އެމީހުން ސިފަކޮށް ބުނެއުޅުނީ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެންނެވި ކަންތައްތަކަކީ ދޮގުކަމުގައެވެ. އެއީ އެމީހުންގެ ކާބަފައިންގެ ގޮތްތަކާއި ޚިލާފު ބަސްތަކެއް ކަމުގައިވާތީއެވެ. އެމީހުންގެ ކާބަފައިންނަކީ ބުދުތަކާއި ހިލަތަކަށް އަޅުކަންކުރާ ބައެކެވެ. އެމީހުންގެ ތެރެއިން ފަހުގެ މީހުން ތަބާވީ ކާބައިފައިންގެ ތެރެއިން އިސްމާޢީލުގެފާނާއި އިބްރާހީމުގެފާނުގެ ދީނަކަށް ނޫނެވެ. އަދި ކިއެއްތަ އެމީހުން އިޚްތިޔާރުކޮށްފައިވަނީ ކާބައިފައިންގެ ތެރެއިން ފަހުގެ ބައެކެވެ. އެމީހުން ތަބާވީ މައްކާގެ މުޝްރިކުންގެ ގޮތްތަކަށެވެ. ކާފަރުންގެ ގޮތަކީ މިއީއެވެ. ޖާހިލީ ޒަމާނުގެ މީހުންގެ މަގަކީ މިއީއެވެ.

ބުއްދިވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ ރަސޫލު ބޭކަލުންގެ ގޮވައިލެއްވުމަށް އިޖާބަ ދިނުމެވެ. އަދި އެބޭކަލުންގެ ދަޢުވަތުގައި އަމުރުކުރާ ކަންކަމާއި ކާބަފައިގެން ގޮތްތަކާއި ދެމެދުގައި އަޅާކިޔައި ވިސްނައި ފިކުރުކުރުމަށެވެ. އޭރުން ޙައްޤާއި ބާޠިލު ވަކިވެ އެނގިގެންދާނެއެވެ.

ނަމަވެސް ބުއްދިކޮށް ވިސްނުމުގެ ދޮރުތައް ބަންދުކުރުމަށްފަހު، ތިމާމެން ތަބާވާނީ ޒަމާނުއްސުރެ ތިމާމެންގެ ތެރޭގައި ކަންތައް ހިނގާގޮތުގެ މައްޗަށޭ ބުނުމަކީ ބުއްދިވެރިންގެ ގޮތެއްނޫނެވެ. އަދި ކާބަފައިންގެ ޒަމާނުއްސުރެ ކަންހިނގަމުން އައި ގޮތާއިޚިލާފަށް ޢަމަލެއް ނުކުރާނަމޭ ބުނުމަކީ ހަމަޖެހޭކަމެއް ނޫނެވެ.

ޒިޔާރަތްތަކަށް ނަދުރުބުނެ ހަދާމީހެއްކައިރީގައި، ނުވަތަ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢީދުމީލާދީ ފާހަގަކުރާ މީހެއްގެ ކައިރީގައި، އެކަން ނުކުރުމަށް ބުނުމުން އޭނާގެ ދަލީލަކަށްވެގެންދާނީ އެއީ އެވެނިބަޔަކު ކުރާ އަދި މިވެނިބަޔަކުވެސް ކުރާ އަދި ކާބައިފައިގެން ޒަމާނުއްސުރެ ކުރެވެމުން އައިސްފައިވާ ކަމެއްކަމުގައެވެ. އެކަމަކީ ބިދުޢަ އެކޭ ބުނެއްޖެނަމަ އޭނާ ބުނާނެތެވެ. ކުރިއްސުރެ މިކަން ކުރެވިފައިވާއިރު، ބިދުޢައެއް ކަމުގައިވާނަމަ އެމީހުންވެސް މިކަން ނުކުރީހެވެ.

މިއީ ޖަހިލިއްޔަ ޒަމާނުގެ އަހުލުވެރިންގެ ޙުއްޖަތެވެ. ޙައްޤުގެ މަގަކީ ޒަމާނުއްސުރެ މީސްތަކުން އެކަމެއްގެ މަތީގައި ދެމިތިބި ގޮތްތަކުގެ މައްޗަށް ތަބާވުމެއް ނޫނެވެ. ޙުއްޖަތަކީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެންނެވި ކަންކަމެވެ. އަހަރުމެންގެ މަންޗަށް ވާޖިބުވެގެންވަނީ އެކަލޭގެފާނަށް ތަބާވުމަށެވެ.]

 

 608 total views