މަދީނާގައި ހިނގާފައިވާ ލޯބީގެ ޙާދިސާއެއް – 3

އާއެކެވެ. އަޅުގަނޑުމެން ހިތުން ލޯތްބަކީ އެއީ ކައިވެނީގެ ކުރިން ވާ އެއްޗެއްވިއްޔާއެވެ. އަދި އެގޮތަށް ލޯބިވެގެން ހެއްދެވިފަރާތް ނަހީކުރެއްވިކޮންމެ ކަމެއް ކުރިޔަސް އެއީ ހުތުރުކަމަކަށް އަމުދުން ނުވެސް ބަލައެވެ. ނަމަވެސް ޞަޙާބީންގެ ތެރޭގައި ”ލޯބި“ ހޯދުމާއި ލޯބިވުމާއި ކަންކަން ހުންނަނީ ހެއްދެވިފަރާތް ރުއްސަވާ ގޮތަށެވެ. އަދި އެބޭކަލުންނަކީ އިންސާނުންނަށްވީތީ މިފަދަ ކަންކަމުގައި އިންސާނީ ޠަބީޢަތް ދައްކާމަގުން ހިންގަވަތެވެ. މިގޮތުން މުޣީޘް-رضى الله عنه- އެކަލޭގެފާނުގެ އަނބިކަމަނާދެކެ ވެވަޑައިގެންނެވި އާދަޔާޚިލާފު ލޯބީގެ ސަބަބުން އެކަމަނާގެ ފަހަތްޕުޅުން އާދޭސް ދަންނަވަމުން ގެންދެވިއެވެ. އެތައްގޮތަކުން އެކަމަނާއަށް ވިސްނައިދެއްވިއެވެ. އެންމެ ފަހުން މިކަން ގެއިންބޭރަށް ފާޅުވިއެވެ.

މަދީނާގެ މަގުތަކުގައި އެކަލޭގެފާނު ބަރީރާ-رضى الله عنها- ގެ ފަހަތްޕުޅުން އާދޭސްކުރައްވަމުން ކީރިތިކުރައްވަމުން ދާންފެށިއެވެ. އެކަލޭގެފާނު ކީރިތިކުރައްވާލެއް ބޮޑުކަމުން ތުބުޅިފުޅުވެސް ތެމެއެވެ. މިމަންޒަރު މަދީނާގެ މީސްތަކުންނަށް ފެނެއެވެ. އެކަމާ އަޖައިބުވެގެން އުޅެތެވެ. ޚުދު އަހަރެމެންގެ ނަބިއްޔާ-صلى الله عليه وسلم – ވެސް މިމަންޒަރު ފެނިވަޑައިގަތުމުން އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަލްޢައްބާސް –رضى الله عنه-ގެ ގާތުގައި ޙަދީޘްކުރެއްވިއެވެ. “  يا عباس ألا تعجب من حب مغيث بريرة ومن بغض بريرة مغيثا ( އޭ ޢައްބާސް އެވެ. ބަރީރާދެކެ މުޣީޘްވެވަޑައިގަންނަވާ ލޯތްބާއި އަދި އޭގެ ބަދަލުގައި ބަރީރާ މުޣީޘް އާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ވަރު ފެނިފައި ކަލޭގެފާނު ފަހެ އަޖައިބު ނުވޭތޯއެވެ.“)

އާއެކެވެ! ލޯތްބަކީ އެކަހަލަ ކަމެކެވެ. އެކަކު ލޯބިވާއިރު އަނެކަކު ނަފުރަތު ކުރެއެވެ. މިއީ ދުނިޔޭގެ އާދައެވެ. އިންސާނުންނަކީ ތަފާތު ބައެކެވެ. އެކަމަކު މިމަންޒަރު ފެނިވަޑައިގަތުމުން ނަބިއްޔާ އެކަމެއް މަނާ ނުކުރައްވަތެވެ. އެއީ ކީއްވެގެންތޯއެވެ! އެއްވެސް ޙާލެތްގައި ދެލޯބިވެރިންނަށް ވީމައެއްނޫނެވެ. އެއީ ދެމަފިރިންނަށް ވީމައެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ބަރީރާ-رضى الله عنها- ގެ ނިންމެވުން ބަދަލުވާނެގޮތެއް މުޣީޘް – رضى الله عنه- އަކަށް ނުފެނުނެވެ. އެންމެ ފަހުން އެކަލޭގެފާނު ދެން ކަންތައްކުރެއްވީ އިތުރު ފަރާތެއްގެ އެހީތެރިކަން ހޯއްދެވުމަށެވެ. އެކަމަކު އެކަލޭގެފާނަކީ އަޅެކެވެ. އެކަލޭގެފާނުގެ ޢާއިލާއެއް މަދީނާއެއްގައި ނެތެވެ. ވީއިރު ޚުދު އެކަލޭގެފާނު މަދަދަކަށް ނުވަތަ މަޝްވަރާއަކަށް އެދިގެންވަކި ދާނީވެސް ކާކުގެ ގާތަށްތޯއެވެ. އަދި އެ ދާމީހާއަކީ ބަރީރާ- رضى الله عنها- ގެ ގާތުގައި މަޤްބޫލު މީހަކަށް ވާންޖެހޭނެ އެވެ. އެހެންނޫނީ އެކަންވާނީ ފޫނެތްފަޔަކަށް ފެން ފުރުންކަހަލަ ކަމަކަށެވެ. ކޮންމެއަކަސް ވަރަށް ވިސްނަވާފައި އެންމެފަހުން އެކަލޭގެފާނު އެ ވަޑައިގަތީ މަދީނާގެ ޤާޟީގެ އަރިހަށެވެ. އެއީ ކޮންފަދަ ޤާޟީއެއްތޯ އެވެ. އެއީ ކިހާ ޢަދުލުވެރި ބޭކަލެއްތޯ އެވެ. އެއީ ކިހާ ނިކަމެތިން ދެކެ ލޯބިވާ ފަޑިޔާރެއްތޯ އެވެ. އަޅެ ވިސްނާލަ ބަލާށެވެ. (ނުނިމޭ)

މަދީނާގައި ހިނގާފައިވާ ލޯބީގެ ޙާދިސާއެއް – 1

މަދީނާގައި ހިނގާފައިވާ ލޯބީގެ ޙާދިސާއެއް – 2