މަސައްކަތްތައް ބައްޓަން ކުރަންޖެހޭނީ ނަމާދަށް ފުށުނާރާގޮތަށް: އައްޝައިޚް އިބްރާހީމް ރަޝީދު

އަޅުގަނޑުމެން ދިރިއުޅުމަށް ކުރަމުންދާ އެކިއެކި މަސައްކަތްތައް ބައްޓަން ކުރަންޖެހޭނީ އަޅުގަނޑުމެންގެ މައްޗަށް ﷲ ސުބްޙާނަހޫވަތަޢާލާ ފަރުޟު ކުރައްވާފައިވާ ނަމާދުތަކަށް ފުށުނާރާ ގޮތަށްކަމަށާއި ބަރާބަރަށް ނަމާދު ޤާއިމުކުރަމުން މަސައްކަތްކުރަމުން ދާކަމަށްވާނަމަ އަޅުގަނޑުމެންގެ ރިޒްޤު ﷲ ތަޢާލާ ތަނަވަސްކޮށްދެއްވާނެ ކަމަށް އައްޝައިޚް އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ގެނެސްދިން ’އޮނަތިރީސްމިނެޓް‘ ގެ 89 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް އިބްރާހީމް ވިދާޅުވީ އަޅުގަނޑުމެން ފައިސާ ހޯދުމަށްޓަކައި ރެއާއި ދުވާލު ކުރަމުންދާ މިދާ މަސައްކަތްތަކަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލު ކުރައްވާ މަސައްކަތެއްގެގޮތުގައި ހަދަންޖެހޭކަމަށާއި އެކަން ކުރެވޭނީ ﷲ ތަޢާލާއަށް ބަރާބަރަށް ނަމާދު ކޮށްގެންކަމަށެވެ.
”އަޅުގަނޑުމެން ފައިސާ ހޯދަންވީ، މުދާވެސް އެއްކުރަންވީ އޭގަ ނެތް އެއްވެސް މައްސަލައެއް. ނަމަވެސް އޭގެކުރިން އަޅުގަނޑުމެން އަދާކުރަންޖެހޭ ޙައްޤުތަކެއް އެބަހުރި. ފަރުޟު ފަސްނަމާދު ޖަމާޢަތުގައި ކުރަން އެބަޖެހޭ. އެކަމަށް ބާރުލިބޭ ޙަދީސްބަސްފުޅުތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެންގެ މުޅި ޙަޔާތުގެ ހުރިހާކަމެއް ބައްޓަން ކުރަންޖެހޭނީ ފަރުޟު ފަސްނަމާދުގެ ޖަމާޢަތަށް ފުށުނާރާގޮތަށް. އެގޮތަށް ކަންކަން ކުރެވިއްޖެނަމަ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ފަސޭހަ ދިރިއުޅުމެއް އިންޝާﷲ މެދުވެރިކުރައްވާނެ“ ޝައިޚް ވިދާޅުވިއެވެ.
ޖަމާޢަތުގެ ނަމާދާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކު ޖަމާޢަތުގައި ނަމާދު ކުރުމަށް މިއަދު ފަރުވާކުޑަވެފައިވާކަމަށާއި އެކަމުގެ އެންމެބޮޑު އެއްސަބަބަކީ ޖަމާޢަތުގައި ނަމާދު ކުރުމުން އެލިބޭ ސަވާބާއި ދަރުމަ އަޅުގަނޑުމެންނަށް އިޙްސާސް ނުކުރެވޭތީކަމަށެވެ.

 720 total views