މައްކާގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ޖަމްޢިއްޔަތުއްސަލަފުން ބައިވެރިވެއްޖެ

މުސްލިމް ވޯލްޑް ލީގް ގެފަރާތުން އިންތިޒާމުކޮށްގެން މާތްވެގެންވާ މައްކާގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ޖަމްޢިއްޔަތުއްސަލަފުން ބައިވެރިވެއްޖެއެވެ.

”އިސްލާމީ އެއްބައިވަންތަކަން“ މި ޝިޢާރުގެ ދަށުން ، މިހިނގާޑިސެމްބަރ މަހުގެ 11 އިން 13 އަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ދުނިޔޭގެ 127ޤައުމަކުން 1200 މަންދޫބުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ބައެއް މުސްލިމު ޤައުމުތަކުގެ މުފްތީންނާއި އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުންވެސް ހިމެނިވަޑައިގަތެވެ. މިގޮތުން ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާއިބެހޭ ވަޒީރުވެސް ބައިވެރިވެ ވަޑައިގަތެވެ.

އަދި މިކޮންފަރެންސްގައި ސަޢުދީޢަރަބިއްޔާގެ އިސްމުފްތީ ސަމާޙަތުއްޝައިޚް ޢަބުދުލްޢަޒީޒި އަލް ޝައިޚް ތަޤްރީރުކުރެއްވި އެވެ. ޝައިޚްގެ ވާހަކަފުޅުގައި ކީރިތިޤުރްއާނާއި ސުންނަތް މާނަކުރުމުގައި އުއްމަތުގެ އިސްވެގޮސްފައިވާ ޞަޙާބީބޭކަލުންގެ މާނަކުރުމުގެ މައްޗަށް އެއްބައިވެ އިސްލާމީ މުޖްތަމަޢުތަކުގައިވާ ބައިބައިވުން ނައްތާލުމަށް ގޮވާލެއްވި އެވެ.

މިކޮންފަރެސްގައި ބައިވެރިވެވަޑައިގަތުމަށްފަހު ޖަމްޢިއްޔަތުއްސަލަފުގެ ރައީސް ރާއްޖެ ވަޑައިގަތީ 17 ޑިސެމްބަރު ވީ ހޯމަދުވަހު އެވެ.