ދަރިފުޅުގެ ހިތްއަލިކޮށްދޭނެ 3 ކަމެއް

އެއްވެސް އިންސާނަކު، އޭނާ ނޫން މީހަކު މޮޅުވެ، ކުރިއަރަން އެދޭނެ ބަޔަކަށްވާނީ އޭނާގެ އުފަން ދަރިންނެވެ. އެ ދަރިންނަކީ ތަޢުލީމީ ގޮތުންނާއި، އަޚްލާޤީ ގޮތުން ޤާބިލު މޮޅު ބަޔަކަށް ހެދޭތޯ މައިންބަފައިން އެތައް ގުރުބާނީތަކެއްވެ އެވެ. މިގޮތުން، ދަރިންގެ ކިޔެވުމަށް ހުރަސްއެޅިދާނެ އެންމެހާ ކަމަކުން އެކުދިން ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއްދެއެވެ. ފޮތްފަންސޫރުފަދަ ތަކެތި ހޯދާދިނުމުން ފެށިގެންގޮސް ބޮޑު އަގުގައި ޓިއުންޝަނަށް ފޮނުވުމަށް ދާންދެންނެވެ. ކިޔެވުމާ މަތިކޮށް، ދަރިން ކޮންމެ އެއްޗެއް ހޯދައިދެން އެދުނަސް ބައްޕައާއި މަންމަ ފަސްޖެހުމެއްނެތި އެ އެއްޗެއް ހޯދައިދެއެވެ. ދަރިންނަށް ޢިލްމު އުގަންނައިދިނުމަށްޓަކައި މިފަދަ ބޮޑެތި ގުރުބާނީތަކެއްވަމުންދާ ޙާލު، މައިންބަފައިންގެ ހިތުގައި އުފެދޭ މުހިއްމު ސުވާލެއްވެއެވެ. އެއީ ”އަހަރެންގެ ދަރިފުޅު ހިތްއަލި ކުއްޖަކަށް ހަދާނީ ކިހިނެއްހެއްޔެވެ“.

މި ކުރު ރިޕޯޓްގައި މި ހިމަނާލަނީ ދަރިންގެ ހިތްއަލިކޮށް އެކުދިންގެ ހިތުދަސްކުރުމުގެ ބާރު ގަދަކުރުމަށް ކުރެވިދާނެ މުހިއްމު ތިން ކަމަކަށެވެ.

އެންމެ ފުރަތަމަ ތިންވަނަ ކަމުން ފަށާނަމެވެ. އެއީ ކުދިންނަށް ކާންދޭ ނާސްތާގައި ވިސްނުމާއި ހިތުދަސްކުރުމުގެ ބާރުގަދަކޮށްދިނުމަށް އެހީތެރިވެދޭ ތަކެތި ހިމެނުމެވެ. ތައްޔާރީ ކާނާގެ ބަދަލުގައި ފައިދާކުރަނިވި ޠަބީޢީ ކާނާ ހިމެނުމެވެ. އެފަދަ ބައެއް ބާވަތްތަކުގެ ތެރޭގައި ހިކިމޭބިސްކަދުރު ހިމެނެއެވެ. ތަބީޢީ ޢިލްމުގެ ދަންނަބޭކަލެއްކަމަށްވާ އަލްއިމާމް އައްޒުހުރީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ: ”ޙަދީޘް ހިތުދަސްކުރަން ބޭނުން މީހަކު ޒަބީބު (އެބަހީ: ހިކިމޭބިސްކަދުރު) ކާށެވެ.“ އަދި އިމާމް އިބުނުލް ޤައްޔިމު- ރަޙިމަހުﷲ- އިނގުރަކީ ހިތުދަސްކުރުމުގެ ބާރުގަދަކޮށްދޭ އެއްޗެއްކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މާމުޔާއި، ކަދުރާއި، ކަޅުދިރި ފަދަ ”ތަބީޢީ“ ތަކެތި ބޭނުންކުރެވިދާނެއެވެ.

ހިތުދަސްކުރުމުގެ ބާރުގަދަކޮށް ދަރިފުޅުގެ ހިތް އަލިކޮށްދެން އެދޭނަމަ ދެވަނަކަމަކީ އެކުދިން ލައްވައި ތަކެތި ހިތުދަސްކުރުވައި، އެކުދިންގެ ނަފްސު ހިތުދަސްކުރުވުމަށް ހޭނުވުމެވެ. ޚާއްޞަކޮށް ޅައުުުރުގައި ކީރިތިޤުރްއާން ހިތުދަސްކޮށްދިނުމެވެ. އެހެނީ، ކުއްޖާގެ ޢުމުރުގެ ފުރަތަމަ ފަސްއަހަރު ތެރޭގައި ދަސްކުރާތަކެތި ހިލައެއްގައި އެއްޗެއް ކަނޑާނެގުމުން ހުންނަގޮތަށް ހިތުގައި ހަރުލާފައި ހުންނަކަމަށް ތަރުބަވީ މާހިރުން ވިދާޅުވެއެވެ. އެއީ އެ ޢުމުރުގައި އެކުދިންގެ ސިކުޑި ހުންނާނީ ފިޠުރަތުގެ ސާދާކަންމަތީކަމަށްވާތީ އެވެ. މިސަބަބާހުރެ، ޅައުމުރުފުރާގައި ކީރިތި ޤުރްއާން ހިތުދަސްކޮށްދިނުމަށް މުސްލިމުންގެ އިސްވެގޮސްފައިވާ ޒަމާންތަކުގެ މުރައްބީންވަނީ ޚާއްޞަ ސަމާލުކަމެއް ދެއްވާފައެވެ. އެއީ ބައެއްކުދިންނަކީ ފިޠުރީގޮތުން ހިތުދަސްކުރުމުގެ ބާރުގަދަ ކުދިންނަށްވާއިރު އަނެއްބައި ކުދިންނަކީ އެބާރު ދަށް ކުދިންނެވެ. ވީމާ މިފަރަޤު ދެނެގަތުމަކީ ވަރަށް މުހިއްމުކަމެވެ.

ދެން އޮތީ އެންމެ މުހިއްމު ނުކުތާއެވެ. އެއީ ހިތްއަލިކުއްޖަކަށް ދަރިފުޅު ހަދަންބޭނުންނަމަ، އެކުއްޖާގެ ހަށިގަނޑުގައި ހިތްލެއްވި ޚާލިޤުވަންތަ އިލާހަށް އުރެދެވޭ ކުދިބޮޑު އެންމެހާ ފާފަތަކުން އެކުއްޖާ ދުރުހެލިކުރުމެވެ. އެއްދުވަހަކު އިމާމު ޝާފިޢީ އެކަލޭގެފާނުގެ އުސްތާޛު އިމާމް އަލްވަކީޢުގެ އަރިހުގައި ހިތުދަސްކުރުމުގެ ބާރު ދަށްވާތީ ޝަކުވާދެންނެވިހިނދު، އުސްތާޛު ދެއްވި ޖަވާބު ޅެންބައިތަކުން ބަޔާންކޮށްދެއްވާފައިވެއެވެ. އިމާމު ޝާފިޢީ ވިދާޅުވިއެވެ.

شَكَوْتُ إلَى وَكِيعٍ سُوءَ حِفْظِي

فَأَرْشَدَنِي إلَى تَرْكِ المعَاصِي.

وَأَخْبَرَنِي بأَنَّ العِلْمَ نُورٌ

وَنُوْرُ اللهِ لَا يُهْدَى لِعَاصِي.

ތިމަންކަލޭގެފާނު ހިތުދަސްކުރުމުގެބާރު ދަށްކަމާމެދު ވަކީޢުއަށް ޝަކުވާކުރީމެވެ. އެހިނދު ކުށްފާފަތައް ދޫކޮށްލުމަށް އިރުޝާދު ދެއްވިއެވެ. އަދި ޚަބަރުކުރެއްވިއެވެ. ޢިލްމަކީ ނޫރެކެވެ. ފާފަތަކަށް އަރައިގަންނަ މީހަކަށް ﷲގެ ނޫރު ހާޞިލުކުރާނެ މަގެއް ނުދައްކަވާނެއެވެ.

އެހެންކަމުން ތިމާގެ ދަރިފުޅު ”ހިތްއަލި“ ކުއްޖަކަށް ހަދަން ބޭނުންނަމަ ”ފާފަތަކުން“ ދުރުހެލިވެފައިވާ ކުއްޖަކަށް އެކުއްޖާ ހަދާށެވެ. އެކަންކުރުމަށް މަންމައާއި ބައްޕަ އަކީ ﷲ އެންގެވިގޮތަށް އުޅޭ ދެމަފިރިންކަމުގައި ވަމާތޯއެވެ.

 

ނޯޓް: މި ރިޕޯޓް ގެ ވީޑިއޯ ވާޝަން ވަރަށް އަވަހަށް އިންޝާﷲ ނެރޭނެ ވާހަކަ ދަންނަވަމެވެ.

 2,472 total views