ﷲ ޙަރާމް ކުރައްވާފައިވާ ކަމެއްގެ ނަން ބަދަލު ކުރުމަކުން އެކަން ޙަލާލު ވެގެންނެއް ނުދާނެ: އައްޝައިޚް ޝިހާމް މުޙައްމަދު

ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމަށްޓަކައި އޭގެ ނަން ރީތިހެން ހީވާ ނަންތަކަށް ނުވަތަ ޝިޢާރުތަކަށް ބަދަލުކޮށްގެން ބައެއް މީހުން އެކަން ކުރަމުންދާ ކަމަށާއި ، އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަމެއްގެ ނަން ބަދަލު ކުރުމަކުން އެކަން ޙަލާލުވެގެން ނުދާނެކަމަށް އައްޝައިޚް ޝިހާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ރޭ ފޮނުވި ’އޮނަތިރީސްމިނެޓް‘ ގެ 90 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޝިހާމު ވިދާޅުވިގޮތުގައި މުންކަރާތްތައް މީސްތަކުންނަށް ޒީނަތްތެރިކުރުމަކީ ޝައިޠާނާގެ ޢަމަލެއްކަމަށާއި، ރިބާގެ މުޢާމަލާތްތައް ﷲ ތައާލާ ޙަރާމް ކުރައްވާފައިވާއިރުވެސް، ރިބަވީ އެކިއެކި މުޢާމަލާތްތައް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ފަތުރަމުންދަނީ އެކިއެކި ރީތިހެންހީވާ ނަންނަމުގައި ކަމުގައެވެ. އެގޮތުން އެއަށް ’އިންޓަރެސްޓް‘ ނުވަތަ އެހެނިހެން ރީތި ނަންނަން ކިޔައިގެން މީސްތަކުންނަށް އެކަން ޒީނަތްތެރިކުރުވައިގެން ފަތުރަމުންދާކަމަށާއި ރިބަވީ މުޢާމަލާތްތަކަކީ އެކަމުގައި ގަދަފަދަ ޢުޤޫބާތް ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ކަމެއްކަމަށް ޝައިޚް ވިދާޅުވިއެވެ.

”ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވޭ ތިމަން ކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކު އަންނާނޭ މިއުޒިކު ހުއްދަ ކުރާނޭބަޔަކު. މިއަދު އަޅުގަނޑުމެންގެތެރޭގައި ބަޔަކު ނުކުމެ މިއުޒިކު ކުޅޭނީ ހައްދުގެތެރޭގައޭ ނުވަތަ ހައްދުން ނުނެއްޓިއޭ ބުނެ އަމިއްލައަށް ހުއްދަކޮށްގެން ކުރަމުންދަނީ. މިއީ މިކަން ކުރުމަށްޓަކައި ބަޔަކު ހަދާ ހީލަތެއް. ތަފާތު އެކިއެކި ޝިޢާރުތަކުގެ ދަށުން މިއުޒިކު ކުޅުނަސް އެއީ ﷲ ޙަރާމް ކުރައްވާފައިވާކަމެއް. އަދި ﷲ ޙަރާމް ކުރައްވާފައިވާކަމެއް އަޅުގަނޑުމެންނަށް ހުއްދަ ކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެ.

ރޭގެ ޕްރޮގްރާމުގައި ޝައިޚް ވާހަކަފުޅު ދެއްކެވީ ’ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައިކަންތައްތައް ނަހީކުރުން‘ މި މައުޟޫއަށެވެ. މި މައުޟޫޢުއަށް އަލިއަޅުވާލައްވަމުން ޝައިޚް ވިދާޅުވީ ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެތެރެއިން ޝިޢާރެއްކަމަށާއި އަދި އެއީ މުއުމިނުންގެ ސިފައެއްކަމަށެވެ. އަދި ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ އިސްލާމްދީނުގެ 6 ވަނަ ރުކުންކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވާކަމަށާއި މިކަމުންވެސް މީގެ މުހިއްމުކަން އެނގިގެންދާކަމަށެވެ.

 780 total views