އިންސާނުން ހަދާ ޤާނޫނުތަކަކީ އެމީހުންގެ އަމިއްލަ ފައިދާއަށް ހަދާ އެއްޗެއް – އައްޝައިޚް ޢަބްދުﷲ ސަޢުދާން

އިންސާނުން އަމިއްލައަށް ހަދާ ޤާނޫނުތަކަކީ އެއިރެއްގައި ތިބޭ ބައެއްގެ އަމިއްލަ މަސްލަޙަތާއި ފައިދާއަށް ހަދަމުންގެންދާ އެއްޗެއް ކަމަށާއި ނަމަވެސް އިސްލާމީ ޝަރީއަތަކީ އިންސާނުން ހެއްދެވީއްސުރެ ޤިޔާމަތާއި ޖެހެންދެން އެ އިންސާނާގެ ޙާލު މޮޅަށް ދެނެވޮޑިގެންވާ އަދި އެ އިންސާނާއަށް ފަލާޙާއި މަންފާ ލިބޭނޭ ގޮތް މޮޅަށް ދެނެވޮޑިގެންވާ ރައްބު ﷲ ސުބްޙާނަހޫ ވަތަޢާލާ ލެއްވި ޝަރީޢަތްކަމަށް އައްޝައިޚް ޢަބްދުﷲ ސަޢުދާން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ފޮނުވި ’އޮނަތިރީސްމިނެޓް‘ ގެ 91 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ސަޢުދާން ވިދާޅުވީ އިންްްސާނުން ހަދާ ޤާނޫނުތަކަކީ އަބަދުވެސް އެކިގޮތްގޮތަށް ބަދަލު ކުރަމުންގެންދާ އެއްޗެއްކަމަށާއި މިއަދު ބަޔަކު ހަދާ ޤާނޫނެއް މާދަމާ އަންނަބަޔަކަށް އެޤާނޫނު ބޮޑު ޖޯކަކަށްވެސް ވެގެންހިނގައިދާނެ ކަމަށެވެ.

”އިސްލާމީ ޝަރީޢަތޭ ބުނެވޭ ބަހުގެ މާނައަކީ އަޅުތަކުން އެކަލާނގެއަށް އަޅުވެތިވުމަށްޓަކައި، އެކަލާނގެއަށް ތަބާވުމަށްޓަަކައި އެކަލާނގެ ރުހިވޮޑިގަންނަވާ ނިޒާމަކަށް ކިޔާނަމެއް އިސްލާމީ ޝަރީޢަތަކީ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އިސްލާމީ ޝަރީއަތަކީ އިސްލާމްދީން. މި ޝަރީޢަތަކީ ނެތުމުގެ ތެރެއިން ހުރިހާ އެއްޗެއް ލެއްވި ފަރާތުން ބާވައިލެއްވި ޝަރީޢަތެއް. ޣައިބުގައިވާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ޢައްލާމުލް ޣުޔޫބު ލެއްވި ޝަރީޢަތް މި ޝައީޢަތަކީ. އެހެންވީމައި މި ޝަރީޢަތް ކިހާ ފުރިހަމަ ވާނެތޯ“ ޝައިޚް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތާއިގުޅޭގޮތުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި އިސްލާމީ ޝަރީޢަތަކީ އިންސާނީ މަސްލަޙަތާއި، މުޖްތަމަޢުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދޭނެ އެންމެފުރިހަމަ ނިޒާމުކަމަށާއި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަން ހިތުގެ އަޑިން ޤަބޫލު ކުރާ އެއްވެސް މީހަކަށް އިސްލާމީ ޝަރީޢަތަށް ކުޑައިމީސް ބަހެއް ބުނަން ނުކެރޭނެކަމަށެވެ.

”އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހިނގާ ނޭއްގާނީ އެންމެހައި ޖަރީމާތަކެއްގެ އަސްލަކީ ޝަރީއަތް އެމީހުންގެ މައްޗަށް ނުހިންގުމުން ކުރިމަތިވަ ކަންތައްތައް. އިސްލާމީ ޝަރީޢަތް ތަންފީޒުކުރެވޭތޯ އަޅުގަނޑުމެން އެންމެންވެސް އެމީހަކަށް ވެވުނު މަސައްކަތެއް ކުރަން އެބަޖެހޭ.