ޢަޤީދާގެ 200 ސުވާލާއި ޖަވާބު (1): މުޤައްދިމާ

ސިލްސިލާ ލިޔުންތަކެއްގެ ގޮތަށް ކިޔުންތެރިންނަށް ހުށަހަޅާލަމިދެނީ، އައްޝައިޚު ޙާފިޡު ބުން އަޙްމަދު އަލްޙަކަމީ ރަޙިމަހުﷲ ލިޔުއްވާފައިވާ ((أَعْلَام ُالسُنَّةِ الـمَنْشُوْرَةِ، لِاعْتِقَادِ الطَّائِفَةِ النَّاجِيَةِ الـمَنْصُوْرَةِ)) މި ފޮތުގެ ދިވެހިތަރުޖަމާއެވެ.

بسم الله الرحمن الرحيم

خطبة الكتاب

ޙަމްދު ހުރީ އުޑުތަކާއި ބިންހައްދަވައި، އަނދިރިކަމާއި، އަލިކަންލެއްވި ﷲ އަށެވެ. ދެންވެސް ކާފިރުވި މީހުން އެބައިމީހުންގެ ވެރި ރައްބާއި، އެހެންތަކެއްޗާއި ހަމަހަމަކޮށް ޝަރީކުކުރަނީއެވެ. އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. ދެން، ތިޔަބައިމީހުން މަރުވުމަށް އަޖަލެއް ކަނޑައަޅުއްވައި، ނިޔާކުރެއްވިއެވެ. އަދި ތިޔަބައިމީހުން އަލުންދިރުއްވުމަށް އެކަލާނގެ ޙަޟްރަތުގައި ކަނޑައަޅުއްވާފައިވާ އަޖަލެއް ވެއެވެ. އެއަށްފަހު (ވެސް) ތިޔަބައިމީހުން ޝައްކުކުރެއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގައި (އަޅުކަންކުރުން ޙައްޤުވެގެން)ވާ، ﷲ އެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

          އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހީ، އެއިލާހަށް ޝަރީކަކުނުވާ އެއްކައުވަންތަ ފަރާތެވެ. އަދި އެއިލާހީ، އެންމެހާ ތަކެތި އެއިލާހަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެއިލާހު ބޭނުންވެވޮޑިގެންނުވާ އިލާހެވެ. އަދި އެއިލާހަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެއިލާހު އުފަންވެވޮޑިގެން ނުމެވޭމެއެވެ. އަދި އެއިލާހާ އެއްފަދަވެގެންވާ، ހަމައެކައްޗެއްވެސް ނުވެއެވެ. އަދި ކިއެއްތަ! އުޑުތަކާއި ބިމުގައިވާހާ ތަކެއްޗަކާއި ކަމެއް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އެންމެހާ ތަކެއްޗާއި ކަންތައް އެކަލާނގެއަށް ކިޔަމަންވެ، އަޅުވެތިވެގެންވެއެވެ. އެކަލާނގެއީ އިސްވެދިޔަ މިސާލަކާނުލައި އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ، އެކަމަކަށް ވަޙީ ކުރައްވާކަން ކަށަވަރީ، ”ވާށޭ“ އެވެ. ދެން އެކަމެއް ވެދެއެވެ. އަދި ކަލޭގެފާނުގެ ވެރި ރައްބު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވައެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކު ނަބީކަމަށް ޚިޔާރުކުރައްވައެވެ. އެބައިމީހުންނަކަށް ޚިޔާރުކުރުމެއް ނެތެވެ. އެބައިމީހުން ޝަރީކުކުރާ ތަކެތިން ﷲ ހުސްޠާހިރުވެ މަތިވެރިވެ ވޮޑިގެންވެއެވެ. އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ ސުވާލެއް ނުކުރެވޭހުށްޓެވެ. އެބައިމީހުން ކުރާ ކަންތަކާމެދު އެބައިމީހުންނާ ސުވާލުކުރައްވާނެތެވެ.

          އަދި އަހަރެމެންގެ ސާހިބާ، މުޙައްމަދުގެފާނީ އެއިލާހުގެ އަޅެއްކަމަށާއި، ރަސޫލެއްކަމަށް އަޅުހެކިވަމެވެ. އެކަލާނގެ، އެކަލޭގެފާނު ފޮނުއްވާފައިވަނީ ހިދާޔަތާއި، ޙައްޤުވެގެންވާ ދީނާގެންނެވެ. އެއީ މުޝްރިކުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން ފާޅުކުރެއްވުމަށްޓަކައެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި ޞަޙާބީންނަށް ޞަލަވާތާއި ސަލާމް ލައްވާށި! އެބޭކަލުންނީ ޙައްޤަށް ޙުކުމްކޮށް، އަދި އެކަމުގެ މައްޗަށް ޢަދުލުވެރިވި ބޭކަލުންނެވެ. އަދި މިޞަލަވާތުގައި ޞަޙާބީންނަށް ހެޔޮގޮތުގައި ތަބާވި ތާބިޢީ ބޭކަލުންވެސް ޝާމިލުކުރައްވާށި! އެބޭކަލުންނީ، ސުންނަތުގެ މަގުން ގެއްލިނުގޮސް، އަދި އެ ސުންނަތުން އެއްކިބާނުވެ ތިއްބެވި ބޭކަލުންނެވެ. އަދި ކިއެއްތަ! އެބޭކަލުން އެ ސުންނަތަށް ތަބާވެ، އެ ސުންނަތުގައި ވަރުގަދަޔަށް ހިއްޕެވިއެވެ. އަދި އެ ސުންނަތުން މަގުދައްކާ ގޮތުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ، ޢަދާވާތްތެރިވިއެވެ. އަދި އެބޭކަލުން އެ ސުންނަތުގެ މަގުގައި ދެމިތިއްބެވިއެވެ. ހަމައެހެންމެ، އެ ސުންނަތަށް ގެއްލުން ދިނުމަށް ރޭވި އެންމެހާ މީސްތަކުންގެ ކިބައިން އެ ސުންނަތް ހިމާޔަތް ކުރައްވައި، އެ ސުންނަތުގެ ދިފާޢުގައި ދަތުރުތައް ކުރެއްވިއެވެ. އަދި މިޞަލަވާތުގައި، ޤިޔާމަތާ ޖެހެންދެން މިބޭކަލުންގެ މަގަށް ތަބާވެ، އެބޭކަލުންގެ ބަސްފުޅުތަކުގައި ހިފި އެންމެހާ މީސްތަކުން ޝާމިލުކުރަމެވެ.

އެއަށްފަހު ދަންނައެވެ! ފަހެ މިޚުލާސާ ފޮތަކީ، މިފޮތުގެ ސަބަބުން ކިޔުންތެރިޔާއަށް ނުހަނު ބޮޑު މަންފާއެއް ކުރާނޭ ފޮތެކެވެ. މިފޮތުގައި އެކުލެވިގެންވަނީ އިސްލާމްދީނުގެ ޤަވާޢިދުތަކެވެ. އަދި ރަސޫލުބޭކަލުން އެކަމަކަށް ގޮވާލައްވައި، އެކަމަކަށްޓަކައި ފޮތް ބާވާލެއްވި ތައުޙީދުގެ އުޞޫލުތަކެވެ. އެ އުޞޫލުތަކާ ޚިލާފަށް ދީންވެރިވެގެންފިމީހަކަށް ސަލާމަތްކަމެއް ނެތެވެ. އަދި އެ އުޞޫލުތަކަކީ؛ ސާފުވެގެންވާ ތެދުމަގަށް، އަދި ބަޔާންވެގެންވާ ޙައްޤުމަގުގެ މަންހަޖަށް މަގުދައްކައިދީ އިރުޝާދުދޭނޭ އުޞޫލުތަކެކެވެ. މި ފޮތުގައި އަހަރެން އަލިއަޅުވާލާފައިވާނީ އީމާންކަމަށާއި، އޭގެ ތަފްޞީލަށެވެ. އަދި އެ އީމާންކަން އެއްކޮށް ފިލާދަނިވި ކަންކަމަށާއި، އެކަން ފުރިހަމަވުން ނަފީކުރާނެ ކަންކަމަށެވެ. އަދި ކޮންމެ މައްސަލައެއްގައިވެސް އެކަމަކާއިގުޅޭ ދަލީލު ބަޔާންކޮށްފައިވާނެއެވެ. އެއީ އެ މައްސަލަތައް ބަޔާންކޮށްދީ، އެކަމުގެ ޙަޤީޤަތާއި، އޭގެ ޙައްޤުމަގު ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. އަދި އަހަރެންގެ ބަސްތައް ބިނާކޮށްފައިވާނީ ސުންނަތުގެ އަހުލުވެރިންނާއި، އަދި އެސުންނަތަށް ތަބާވި މީހުންގެ މަޛުހަބަށެވެ. ހަމައެހެންމެ، ހަވާ ނަފުސަށްތަބާވެފައިވާ މީހުންނާއި، ބިދުޢަވެރިންގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނާއި، ސުންނަތުގެ ތީރު އެ ރައްދުތަކަށް ފޮނުވާލުމަށްޓަކައި މެނުވީ، އެބައިމީހުންގެ ބަސްތައް ގެނެސްފައެއް ނުވާނެއެވެ. ބޮޑެތި އިމާމްވެރި ބޭކަލުން ވަނީ އެފަދަ މީހުންގެ ބަސްތައް ފާޅުކޮށްދެއްވައި، އެ ބަސްތަކަށް ރައްދުދިނުމުގެ ގޮތުން ވަކި ޚާއްޞަ ފޮތްތައް އެކުލަވާލައްވާފައެވެ. އެހެނީ، އެއްޗެއްގެ އިދިކޮޅު އެނގޭނީ އެއިގެ އިދިކޮޅު އެނގިފާޅުވެގެންނެވެ. ފަހެ، އިރުއަރައްޖެނަމަ ދުވާލުވެއްޖެކަމަކަށް ދަލީލެއް ބޭނުމެއް ނުވާނެއެވެ. އަދި ޙައްޤު ބަޔާންވެ ފާޅުވެއްޖެނަމަ، އެ ޙައްޤު ފިޔަވައި ދެން ބާޠިލުނޫން އެހެން އެއްޗެއް ނޯންނާނެއެވެ. އަދި ކިޔަވާމީހާ ފަރުވާތެރިވެ، ހޭއެރުވުމަށްޓަކައި އަހަރެން ފޮތް ހުށަހަޅާދީފައިވާނީ ސުވާލުތަކެއްގެ ގޮތަށެވެ. ދެން ކޮންމެ ސުވާލަކާ ވިދިގެން އެ ސުވާލެއްގެ ޖަވާބު ގެނެސްދީފައިވާނެއެވެ. މިކަން ދެނެގަތުން ހުއްޓެވެ. އަދި އަހަރެން މިފޮތަށް ކިޔާފައިވާ ނަމަކީ ((أَعْلَام ُالسُنَّةِ الـمَنْشُوْرَةِ، لِاعْتِقَادِ الطَّائِفَةِ النَّاجِيَةِ الـمَنْصُوْرَةِ)) މި ނަމެވެ.

ދުޢާއަކީ، އަހަރެންގެ މި މަސައްކަތަކީ ﷲ އަށްޓަކައި ކުރި މަސައްކަތެއްކަމުގައި ލެއްވުމެވެ. އަދި އެކަލާނގެ އަޅަމެންނަށް އުގަންނައި ދެއްވި ޢިލްމަކުން މަންފާ ކުރުމެވެ. އަދި އެކަލާނގެ ނިޢުމަތާއި ފަޟުލުވަންތަވެރިކަމުން އަޅަމެންނަށް މަންފާ ކުރަނިވި ޢިލްމު އުގަންނައި ދެއްވުމެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ. އަދި އެކަލާނގެއީ އަޅަމެންނަށް އެހީތެރިވެވޮޑިގެންވާ ފަރާތެވެ. އަދި އެންމެ މޮޅު އެހީތެރިޔާއެވެ. އަދި އެންމެ މޮޅު ނަޞްރުދެއްވާ ފަރާތެވެ.

(ނުނިމޭ)