ޢަޤީދާގެ 200 ސުވާލާއި ޖަވާބު (4): ސުވާލު 11 އިން 15 އަށް

ސ11 : އެ ޝަރުޢުއަކާ އެއްގޮތަށް މެނުވީ ދީނަށް ނުއުޅެވޭނެކަމަށް ﷲ އަމުރުކުރައްވާފައިވާ ޝަރުޢުއަކީ ކޮބާ؟

ޖ: އެއީ އިބްރާހީމް ޢަލައިހިއްސަލާމުގެ މިއްލަތު ”އަލް ޙަނީފިއްޔަތެވެ.“ ﷲ ތަބާރަކަ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ﴾ آل عمران: ١٩ މާނައީ: ”ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿أَفَغَيْرَ دِينِ اللَّـهِ يَبْغُونَ وَلَهُ أَسْلَمَ مَن فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا﴾ آل عمران: ٨٣ މާނައީ: ”އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެބައިމީހުން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ ﷲގެ ދީން ފިޔަވައި އެހެން ދީނަކަށް ހެއްޔެވެ؟“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ﴾ البقرة: ١٣٠ މާނައީ: ”އަދި އެމީހެއްގެ ނަފްސު އިހާނެތި ކޮށްލައިފި މީހަކު މެނުވީ، އިބްރާހީމްގެފާނުގެ މިއްލަތައް ނުރުހުންވެ، އެ މިއްލަތުން ދުރުވެގަންނާނީ ކާކުހެއްޔެވެ؟“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ آل عمران: ٨٥ މާނައީ: ”ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރެވޭ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ﴾ الشورى: ٢١ މާނައީ: ”ނުވަތަ ﷲ، އިޛުނަދެއްވާފައިނުވާ ކަމެއް، އެބައިމީހުންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެބައިމީހުންނަށް ވޭހެއްޔެވެ؟“ މިފަދަ އެހެނިހެން އާޔަތްތަކެވެ.

ސ12 : އިސްލާމްދީނުގައިވަނީ ކިތައް ހަރުފަތް؟

ޖ : އިސްލާމްދީނުގައިވަނީ ތިން ހަރުފަތެވެ. އެއީ އިސްލާމްކަމާއި، އީމާންކަމާއި، އިޙްސާންކަމެވެ. މީގެ ތެރެއިން ކޮންމެ ހަރުފަތެއްވެސް ޢާއްމުކޮށް ބޭނުންކޮށްފިނަމަ، އެ ހަރުފަތެއްގައި މުޅި ދީން ފުރިހަމަވާނެއެވެ.(1)

ސ13 : ”الإسلام“ ގެ މާނައަކީ ކޮބާ؟

ޖ: ”الإسلام“ ގެ މާނައަކީ ތައުޙީދާއިއެކު ﷲއަށް ކިޔަމަންތެރިވުމާއި، އެއިލާހަށް ފުރިހަމަޔަށް ބޯލަނބައި ކިޔަމަންގަތުމާއި، ޝިރުކުން އެއްކިބާވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿ وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُ لِلَّـهِ﴾ النساء: ١٢٥ މާނައީ: ”އަދި އެމީހެއްގެ އެންމެހައި ކަންތައް ﷲއަށް ކިޔަމަންކޮށްފި މީހަކަށްވުރެ، ދީނުގެ ގޮތުން ހެޔޮކަންބޮޑީ ކާކުހެއްޔެވެ؟“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَن يُسْلِمْ وَجْهَهُ إِلَى اللَّـهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ﴾ لقمان: ٢٢ މާނައީ: ”އަދި އިޙްސާންތެރިވާ ޙާލު، ﷲއަށް ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ ވަރުގަދަ ވާފަށުގައި ހިފަހައްޓައިފިކަން ކަށަވަރެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا وَبَشِّرِ الْمُخْبِتِينَ﴾ الحج: ٣٤ މާނައީ: ”ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، އިސްލާމްވާށެވެ! އަދި މަޑުމޮޅިވާ ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ.“

ސ14 : ”الإسلام“ މިލަފުޒު ދީނުގެ ހުރިހާކަމަކަށް ޝާމިލުވާކަމުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿ إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ﴾ آل عمران: ١٩ މާނައީ: ”ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމްދީނެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ))(2) މާނައީ: ”އިސްލާމްދީން ފެށިގެން އައީ ބީރައްޓެހިކޮށެވެ. އަދި އެދީން ފެށިގެން އައިގޮތަށް އަލުން ރުޖޫޢަވާނެއެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((أَفْضَلُ الإِسْلاَمِ إِيمَانٌ بِاللَّهِ))(3) މާނައީ: ”އިސްލާމްދީނުގައި އެންމެ މަތިވެރި ކަމަކީ ﷲއަށް އީމާންވުމެވެ.“ މިފަދަ އެތައް ދަލީލުތަކެއް ވެއެވެ.

ސ15 : ތަފުޞީލުގޮތެއްގައި އިސްލާމްދީން ފަސް ރުކުނެއްގެ މައްޗަށް ބިނާވެގެންވާ ކަމުގެ ދަލީލަކީ ކޮބާ؟

ޖ: އެކަމުގެ ދަލީލަކީ، ދީނާބެހޭގޮތުން ޖިބްރީލްގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ކުރެއްވި ސުވާލުގެ ޖަވާބުގައި، ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްފުޅުކުރެއްވި ޙަދީޘް ފުޅެވެ. ((الإِسْلاَمُ أَنْ تَشْهَدَ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلاَةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلاً))(4) މާނައީ: ”އިސްލާމްކަމަކީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެންއެއްވެސް އިލާހަކުނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ތިބާ ހެކިވުމެވެ. އަދި ތިބާ ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި، އަދި ތިބާއަށް ކެރިކުޅަދާނަވެއްޖެނަމަ ގެފުޅަށްގޮސް ޙައްޖުވުމެވެ.“ އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((بُنِيَ الإِسْلاَمُ عَلَى خَمْسٍ))(5) މާނައީ: ”އިސްލާމްދީން ބިނާވެފައި ވަނީ ފަސްކަމެއްގެ މައްޗަށެވެ.“ މި ޙަދީޘްގައި ރޯދައިގެ ކުރިއަށް ޙައްޖުގެ އަޅުކަން ގެންނަވާފައިވެއެވެ.(6) މި ދެ ޙަދީޘްވެސް ޞަޙީޙައިނި (ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމް) ގައި ވެއެވެ.

_________________________

(1) އެބަހީ: އިސްލާމްކަން ޢާއްމުގޮތެއްގައި ބޭނުންކޮށްފިނަމަ، އެއީ ދީނުގައިވާ ހުރިހާ ކަމަކަށް ނިސްބަތްކުރެވޭކަމެކެވެ. އަދި އީމާންކަމާއި އިޙްސާންކަންވެސް ހަމައެފަދައެވެ.

(2) رواه مسلم (الإيمان / 232) ، والترمذي (2629) ، وابن ماجه (3986، 3987) ، وغيرهم.

(3) رواه مسلم من حديث أبي هريرة رضي الله عنه، قال: “ سئل رسول الله صلى الله عليه وسلم أي الأعمال أفضل؟ قال: إيمان بالله. . ”. (الإيمان 135) ، ورواه أحمد (4 / 114) ، وعبد الرزاق (11 / 127) من حديث عمرو بن عتبة.

(4) رواه البخاري (50، 4777) ، ومسلم (الإيمان / 1، 5) ، وغيرهما.

(5) رواه البخاري (4514) ، ومسلم (الإيمان / 19) ، وغيرهما.

(6) ނަންގަނެވުނު ޙަދީޘް ވާރިދުވެފައިވަނީ މި ލަފްޒުންނެވެ. ((بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُوْلُ اللهِ وَإِقَامِ الصَّلاَةِ وَإِيْتَاءِ الزَّكَاةِ وَحَجِّ الْبَيْتِ وَصَوْمِ رَمَضَانَ)) މާނައީ: ”އިސްލާމްދީން ބިނާވެފައި ވަނީ ފަސްކަމެއްގެ މައްޗަށެވެ. (އެއީ) ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށްގޮސް ޙައްޖުވުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ.“