ޢަޤީދާގެ 200 ސުވާލާއި ޖަވާބު (5): ސުވާލު 16 އިން 20 އަށް

ސ16 : ދީނުގައި ޝަހާދަތުގެ ދެކަލިމައިގެ މަޤާމަކީ ކޮބާ؟

ޖ: އެ ދެ ކަލިމަޔާއިނުލައި އިސްލާމްދީނަށް ނުވަދެވޭ ހުއްޓެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿ إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّـهِ وَرَسُولِهِ﴾ النور: ٦٢ އަދި الحجرات: ١٥ މާނައީ: ”މުއުމިނުން ވާކަން ކަށަވަރީ، ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވި މީހުން ކަމުގައެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا: أَنْ لاَ إِلَـٰهَ إِلَّا اللهُ، وَأَنَّ مُحَمَّدًا رَسُوْلُ اللهِ… الحديث))(1) މާނައީ: ”ތިމަންކަލޭގެފާނަށް އަމުރުކުރެވިގެންވަނީ، ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ ފަރާތެއްނުވާކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށް މީސްތަކުން ހެކިވެއްޖެއުމަށްދާންދެން އެބައިމީހުންނާ ހަނގުރާމަކުރުމަށެވެ.“ މިފަދަ އެހެނިހެން ބައިވަރު ދަލީލުތައް ވެއެވެ.

ސ17 : ”شَهَادَةُ أَنْ لاَ إِلَـٰهَ إِلَّا اللهُ“ ގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ﴾ آل عمران: ١٨ މާނައީ: ”ހަމަކަށަވަރުން، ﷲ، އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެކަލާނގެ ޤާއިމުވެ ވޮޑިގެންވެއެވެ. އެކަލާނގެ މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެއެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ﴾ محمد: ١٩ މާނައީ: ”ފަހެ، ﷲމެނުވީ، (ޙައްޤުވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ وَمَا مِنْ إِلَـٰهٍ إِلَّا اللَّـهُ﴾ آل عمران: ٦٢  މާނައީ: ”އަދި، ﷲ މެނުވީ، (ޙައްޤުވެގެން އަޅުކަމެއްވެވޭ) އެއްވެސް އިލާހަކު ނުވެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿مَا اتَّخَذَ اللَّـهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَـٰهٍ﴾ المؤمنون: ٩١ މާނައީ: ”ﷲ، އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. އަދި އެކަލާނގެއާއެކު، އެހެންއެއްވެސް އިލާހަކު ނުވެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿قُل لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذًا لَّابْتَغَوْا إِلَىٰ ذِي الْعَرْشِ سَبِيلًا﴾ الإسراء: ٤٢ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އެބައިމީހުން ބުނާފަދައިން، އެކަލާނގެއާއެކު އިލާހުންތަކެއް ވާނަމަ، އެހިނދު، ޢަރުޝީގެ ވެރިއިލާހާ ދެކޮޅަށް މަގެއް ހޯދުމަށް އެއިލާހުންތައް އެދުނީސްކަން ކަށަވަރެވެ.“ މިފަދަ އެހެންވެސް އާޔަތްތައް ވެއެވެ.

ސ18 : ”شَهَادَةُ أَنْ لاَ إِلَـٰهَ إِلَّا اللهُ“ ގެ މާނައަކީ ކޮބާ؟

ޖ: ”شَهَادَةُ أَنْ لاَ إِلَـٰهَ إِلَّا اللهُ ގެ މާނައަކީ: ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންކުރުން ނަފީކުރުމާއެކު، އެއިލާހަށް އަޅުކަން ނިސްބަތްކުރުމެވެ. އެއިލާހީ، މުލްކުވަންތަވެރިކަމުގައި ޝަރީކަކުނުވާފަދައިން، އަޅުކަންކުރުމުގައިވެސް ޝަރީކަކު ނުވާ އިލާހެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿ذَٰلِكَ بِأَنَّ اللَّـهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّـهَ هُوَ الْعَلِيُّ الْكَبِيرُ﴾ الحج: ٦٢ މާނައީ: ”އެހެނީ، ހަމަކަށަވަރުން، ﷲއީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި، އެބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން، ﷲއީ، އެންމެ މަތިވެރި، އެންމެ ބޮޑު އިލާހެވެ.“

ސ19 : ”شَهَادَةُ أَنْ لاَ إِلَـٰهَ إِلَّا اللهُ“ ގެ ޝަރުޠުތަކަކީ ކޮބާ؟ އެޝަރުޠުތަކަކީ، އެޝަރުޠުތަކަކާއިނުލައި ޝަހާދަތް ދުލުންކީނަމަވެސް ފައިދާނުކުރާ ޝަރުޠުތަކެވެ.

ޖ: ”شَهَادَةُ أَنْ لاَ إِلَـٰهَ إِلَّااللهُ ގެ ޝަރުޠުތައް 7 އެކެވެ. ފުރަތަމައީ: އެކަލިމައިގެ މާނަ ދެނެގަތުމެވެ. އެބަހީ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންކުރުން ނަފީކުރުމާއެކު، އެއިލާހަށް އަޅުކަން ނިސްބަތްކުރުމެވެ. ދެވަނައީ: އެ ކަލިމައަށް ހިތުގެ އަޑިން ޔަޤީންކުރުމެވެ. (އެބަހީ: ޝައްކުނުކުރުމެވެ.) ތިންވަނައީ: އެތެރެފުށުންނާއި ބޭރުފުށުން އެކަލިމައަށް ކިޔަމަންތެރިކަމާއެކު ބޯލެނބުމެވެ. ހަތަރުވަނައީ: އެކަލިމަ ތެދުހިތުން ޤަބޫލުކުރުމެވެ. އެކަލިމައިގެ ސަބަބުން ލާޒިމުކުރާ ކަންތައްތަކާއި، އެކުލެވިގެންވާ ކަންތައްތަކުގެ ތެރެއިން އެއްވެސްކަމެއް ރައްދުނުކުރުމެވެ. ފަސްވަނައީ: އެ ކަލިމައަށް އިޚްލާޞްތެރިވުމެވެ. ހަވަނައީ: ހިތުގެ އެންމެ އަޑިން އެކަލިމަ ތެދުކޮށް ކަށަވަރުކުރުމެވެ. ހަމައެކަނި ދުލުން ކިޔާލުމަކުން ފުއްދައިނުލުމެވެ. ހަތްވަނައީ: އެކަލިމައަށާއި އެކަލިމައިގެ އަހުލުވެރިންނަށް ލޯބި ކުރުމެވެ. އަދި އެކުވެރިވުމާއި ރުޅިވުން އެކަލިމައިގެ މައްޗަށް ބިނާކުރުމެވެ.

ސ20 : ޝަހާދަތުގެ ކަލިމައިގެ މާނަ ދެނެގަތުމަކީ ޝަރުޠެއްކަމަށް ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ﴾  الزخرف: ٨٦ މާނައީ: ”އެބައިމީހުން ދެނެތިބެ، ޙައްޤަށް ހެކިދިން މީހުން މެނުވީއެވެ.“ އެބަހީ: ﷲ މެނުވީ، (ޙައްޤުވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވާކަމަށް ދެނެގެންވާޙާލު ހެކިދިނުމެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ))(2) މާނައީ: ”ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެއްވެސް އެހެން އިލާހެއް ނުވާކަން ދެނެހުރެ މަރުވެއްޖެމީހާ ސުވަރުގެ ވަދެއްޖެއެވެ.“

_________________________

(1) رواه البخاري ( 25 ، 1399 ) ، ومسلم ( الإيمان / 32 ، 33 ، 34 ، 35 ، 37 ) ، وغيرهما .

(2) رواه مسلم ( الإيمان / 43 ).