ޣައިރު ޤާނޫނީ ސާކިއުލާއަކުން ދަރުސް ދިނުމުގެ ހުއްދަ ހިފެހެއްޓޭނެކަމަށް ޤަބޫލެއް ނުކުރަން: ޖަމްޢިއްޔަތުއްސަލަފް

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ލިބިފައިވާ ދަރުސް ދިނުމުގެ ހުއްދައެއް ގެޒެޓްވެސް ނުކުރާ ޣައިރު ޤާނޫނީ ސާކިއުލާއަކުން ހިފެހެއްޓޭނެކަމަށް ޤަބޫލު ނުކުރާކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.

ދީން ޙިމާޔަތް ކުރުމުގެ މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން ރޭގައި ދޭން އުޅުނު ފޯރަމް އިސްލާމިކް މިނިސްރީއިން ހުއްޓުވާފައިވާތީއާއި މިނިސްޓްރީގެ ފަރާތުން އެކަން ވީގޮތް ބަޔާންކޮށްދިނުމަށް ތަފާތު ގިނަ ޓްވީޓުތަކުގެ އިތުރުން މިރޭ އެމިނިސްޓްރީއިން ބަޔާނެއް ނެރިފައިވާތީ އެކަމަށް ޢިޝާރާތްކޮށް ޖަމްޢިއްޔަތުއްސަލަފުން ދާދި ދެންމެއަކު އެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީއިން ލިބިދޭ ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިމުގެތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވީހިނދު، މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ލިބިފައިވާ ދަރުސް ދިނުމުގެ ހުއްދައެއް ގެޒެޓްވެސް ނުކުރާ ޣައިރު ޤާނޫނީ ސާކިއުލާއަކުން ހިފެހެއްޓޭނެކަމަށް ޤަބޫލު ނުކުރާކަމުގައެވެ.

ޖަމްޢިއްޔަތުއްސަލަފުން އެޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައި ދެންމެ ދިން މަޢުލޫމާތު ތިރީގައި އެވަނީއެވެ.

”ޤާނޫނު އަސާސީއިން ލިބިދޭ ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިމުގެތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވީހިނދު، މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ލިބިފައިވާ ދަރުސް ދިނުމުގެ ހުއްދައެއް ގެޒެޓްވެސް ނުކުރާ ޣައިރު ޤާނޫނީ ސާކިއުލާއަކުން ހިފެހެއްޓޭނެކަމަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަމެވެ.

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ (94/6) ދަށުން ހުއްދަ އޮންނަ ޝެއިޚަކު ދަރުސް ދިނުމަށް އިތުރު ހުއްދައެއް މިނިސްޓްރީއިން ނަގަންޖެހޭނެކަމަށް ބުނެ 1 ފެބްރުއަރީ 2018 ގައި ސާކިއުލާއެއް ނެރުނު ހިސާބުން ފެށިގެންވެސް އަޅުގަނޑުމެން ބުނަމުން މިދަނީ އެއީ ނަގަންޖެހޭނެ ހުއްދައެއް ނޫންކަމުގައެވެ. އޭރު ބަދަލު ކުރެވުނު ސިޓީތައްވެސް އެހުރީ ފެންނާށެވެ. އެގޮތުން ކުރިން ބޭއްވިފައިވާ އެއްވެސް ފޯރަމަކަށް ވަކިހން ހުއްދަ ނަގަފައި ނުވާނެއެވެ. އެންމެފަހުން ރިބާއާއިބެހޭގޮތުން 26 އޮކްޓޫބަރު 2018 ގައި ބޭއްވި ފޯރަމް ބާއްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ތަފާތަކީ އޭރު ފޯރަމް ހުއްޓުވާފައި ނުވާތީ މީޑިއާއަށް އެކަން ތިލަ ނުވީއެވެ. މިހާރު ފޯރަމަށް ހުރަސް އެޅުމުން އެކަން މީޑިއާގައި ތިލަވުމެވެ.

ކަންމިހެން ހުރުމާއެކު، ލޮބުވެތި ރައްޔިތުންނަށް މިޖަމްޢިއްޔާއިން ހާމަކުރަނީ އެއްވެސް ސަރުކާރަކާ ދެކޮޅަށް ޣައިރު ޤާނޫނީ އެއްވެސް އަމަލެއް މި ޖަމްޢިއްޔާއިން ކޮށްފައި ނުވާނޭކަމާއި އަދި ނުކުރާނޭ ކަމެވެ.“

 784 total views