مسائل الجاهلية 7 : އާރާއިބާރުގެ އަހުލުވެރިންގެ ގޮތަކީ ޙައްޤު ކަމުގައި ޤަބޫލު ކުރުން

ޖާހިއްލިޔަ ޒަމާނުގެ މީހުންގެ އުޞޫލުތަކުގެ ތެރޭގައި، ބުއްދިއާއި، ޢަމަލީ މަސައްކަތުގެ ކުޅަދާނަކަމާއި، ވެރިކަމާއި މާލާއި ޖާހުގެ އަހުލުވެރިންގެ ގޮތަކީ ޙައްޤުކަމުގައި އެމީހުން ޤަބޫލު ކުރެއެވެ. އެމީހުންނަށް ރައްދު ދެއްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”وَلَقَدْ مَكَّنَّاهُمْ فِيمَا إِنْ مَكَّنَّاكُمْ فِيهِ“ (الأحقاف 26) މާނައީ: ”އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ ބާރުދެއްވީމެވެ.“

އަދިވެސް މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”كَانُوا مِنْ قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُوا فَلَمَّا جَاءَهُمْ مَا عَرَفُوا كَفَرُوا بِهِ“ (البقرة 89) މާނައީ: ”އޭގެ ކުރިން، އެއުރެން، ކާފަރުވެގަތް މީސްތަކުންގެ މައްޗަށް ނަޞްރު އެދޭކަމުގައި ވިއެވެ. ދެން އެއުރެންނަށް އެނގިފައިވާ ޙައްޤު ގޮތް އެއުރެންނާހަމަޔަށް އައިހިނދު އެއަށް އެއުރެން ކާފަރުވިއެވެ. ފަހެ، ކާފަރުންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުށްޓެވެ.“

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ“ (البقرة 146) މާނައީ: ”އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: محمدގެފާނު) ދަންނާނެތެވެ.“

] ޖާހިލިއްޔަ ޒަމާނުގެ މީސްތަކުގެ ގޮތްތަކުގެ ތެރޭގައި، ޙައްޤުގެ މަގު ދެނެގަތުމުގައި ބަލަންޖެހޭނީ، ބުއްދީގެ ބާރާއި، ޢަމަލީ މައިދާންތަކުގައި ކުޅަދާނަކަމާއި، މުދަލާއި ދުނިޔޭގެ މަޤާމު ލިބިފައިވާ މީހުން އުޅެމުންދާ ގޮތުގެ މައްޗަށްކަމުގައި އެމީހުން ދެކެއެވެ. ތަނަވަސްކަމާއި މުއްސަނދިކަމުގެ އަހުލުވެރީންގެ ގޮތަކީ ރަނގަޅު ގޮތްކަމުގައި ޤަބޫލު ކުރެއެވެ. އަދި ނިކަމެތިންނާއި ފަޤީރުން އުޅޭ ގޮތް (އެއީ ތެދުމަގު ކަމުގައިވިޔަސް) އެއީ ބާޠިލުކަމުގައި އެމީހުން ދެކެއެވެ.

މިޒަމާނުގައިވެސް، ޓެކްނޮލޮޖީއާއި، ދުނިޔެވީ ތަރައްޤީއާއި، އިޤްތިޞާދީ ބޮޑެތި ބާރުތައް އޮތީ ޣައިރު މުސްލިމުންގެ އަތުގައެވެ. އެހެންކަމުން ދުނިޔެވީ ވިސްނުމަކުން ވިސްނާ ކޮންމެ މީހަކަށް ހީވާނީ، ދިރިއުޅެންވީ ގޮތަކީ އެއީ ކަމުގައެވެ. އެބައިމީހުންގެ ތަރައްޤީ އާއި މުއްސަނދިކަމާއި އާރާއިބާރު ފެނުމުން، އެމީހުންވަނީ ޝިރުކާއި ކުފުރުގެ މަތީގެ މަތީގައި ކަން ހަނދާންނެތިދެއެވެ.

މި އުޞޫލުގެ ބާޠިލުކަން ބަޔާން ކުރައްވަމުން މާތް ﷲ ވަރަށް ގިނަ އާޔަތްތައް ވަޙީކުރައްވާފައިވެއެވެ. ކުރީގެ އުއްމަތްތަކުގެ ތެރެއިން، މާތް ﷲ އަށް އުރެދި ކާފަރުވީ ޤައުމުތަކުގެ މީހުންނަކީވެސް ތަނަވަސްކަމާއި، އާރާއިބާރުގެ އަހުލުވެރީންނެވެ. އަދި ބުއްދިއާއި ވިސްނުންވެސް ދެއްވާފައިވާ މީހުންނެވެ. ނަމަވެސް މާތް ﷲ އަށް އީމާންނުވާ ކަމަށްޓަކައި، އެމީހުންގެ ކުރިއެރުމާއި ތަރައްޤީއިން އެމީހުންނަށް ވީ ފައިދާއެއް ނެތެވެ. އެހެނީ އެމީހުން ތިބީ ބާޠިލުގެ މަތީގައެވެ.

އެފަދަ ބަސްފުޅުތަކުގެ ތެރޭގައި، މާތް ﷲ ވަޙީކުރެއްވި މި ބަސްފުޅު ހިމެނެއެވެ. ”وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَقَاماً وَأَحْسَنُ نَدِيّاً“ (مريم:73) މާނައީ: ”އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެވޭހިނދު، ކާފަރުވި މީހުން، އީމާންވި މީހުންނަށް ބުނެތެވެ. (ތިމަންމެން) ދެބައިމީހުންކުރެ ދަރަޖައިގެގޮތުން އެންމެމޮޅީ، އަދި މަޖްލިސްގެ ގޮތުން އެންމެރަނގަޅީ، ކޮންބަޔެއްހެއްޔެވެ؟“

އެބައިމީހުންގެ މި ބަހަށް ރައްދުދެއްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ”وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هُمْ أَحْسَنُ أَثَاثاً وَرِئْياً“ (مريم:74) މާނައީ: ”އަދި ތިމަންރަސްކަލާނގެ އެމީހުންގެ ކުރިން ކިތައް ކިތައް އުއްމަތް ހަލާކުކުރެއްވިން ހެއްޔެވެ؟ މުދާވެރިކަމުގެ ގޮތުންނާއި، ފެންނަ ފެނުމަށް އެމީހުން މާރަނގަޅެވެ.“

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِنْ قَبْلِهِمْ وَكَانُوا أَشَدَّ مِنْهُمْ قُوَّةً وَمَا كَانَ اللَّهُ لِيُعْجِزَهُ مِنْ شَيْءٍ فِي السَّمَاوَاتِ وَلا فِي الْأَرْضِ إِنَّهُ كَانَ عَلِيماً قَدِيراً“ (فاطر:44) މާނައީ: ”އެއުރެން ބިމުގައި ދަތުރު ފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމިގެންދިޔަ ގޮތް، ފަހެ، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެއުރެންނަށްވުރެ (އެބަހީ: މައްކާގެ އަހުލުވެރިންނަށްވުރެން) ބާރުގަދަ ބަޔަކު ކަމުގައި އެއުރެންވޫއެވެ. އަދި އުޑުތަކުގައިވިޔަސް، ބިމުގައިވިޔަސް، ﷲ ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެ ކަމުގައިވެއެވެ.“

އަދިވެސް ވަޙީކުރައްވަފައިވެއެވެ. ”وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هُمْ أَشَدُّ مِنْهُمْ بَطْشاً“ (قّ 36) މާނައީ: ”އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް އުއްމަތްހަލާކުކުރެއްވިން ހެއްޔެވެ؟ އެއުރެންނަށްވުރެ، އެ އިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ.“

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ”أَلَمْ يَرَوْا كَمْ أَهْلَكْنَا مِنْ قَبْلِهِمْ مِنْ قَرْنٍ مَكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّنْ لَكُمْ وَأَرْسَلْنَا السَّمَاءَ عَلَيْهِمْ مِدْرَاراً وَجَعَلْنَا الْأَنْهَارَ تَجْرِي مِنْ تَحْتِهِمْ فَأَهْلَكْنَاهُمْ بِذُنُوبِهِمْ وَأَنْشَأْنَا مِنْ بَعْدِهِمْ قَرْناً آخَرِينَ“ (الأنعام 6) މާނައީ: ”އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރެއްވީ ކިތައްކިތައް އުއްމަތުގެ މީހުންކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަންރަސްކަލާނގެ އެއުރެންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށްވެހޭ ވާރޭ އެއުރެންނަށް އުޑުން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެއުރެންގެ ދަށުން ހިނގަހިނގާ ހުންނަ ފެންކޯރުތައް ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެން އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އަދި އެއުރެންގެ ފަހުން ތިމަންރަސްކަލާނގެ އެހެން ޖީލެއްގެ ބަޔަކު އުފެއްދެވީމެވެ.“

މި އާޔަތްތަކާއި އަދި މިނޫންވެސް މިފަދަ ބަސްފުޅުތަކުން ދޭހަވަނީ ބައެއްގެ ކިބައިގައިވާ ބާރާއި، މުއްސަނދިކަމާއި ތަނަވަސްކަމަކީ އެމީހުން ހެޔޮ މަގުގައި ތިބިކަމުގެ ދަލީލެއް ނޫންކަމެވެ. ބާޠިލު ގޮތުގައި ތިބި ބައެއް ނަމަ، އެބައިމީހުންގެ އަތުގައިވާ ބާރާއި މުދަލާއި ތަނަވަސްކަމުގެ ފައިދާއެއް ނެތެވެ. ކާފަރުންނަށް އެފަދައިން ދެއްވަނީ އެބައިމީހުންގެ މައްޗަށް ހުރި އިމްތިޙާނެއްގެ ގޮތުގައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّى إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُمْ بَغْتَةً فَإِذَا هُمْ مُبْلِسُونَ فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ“ (الأنعام:45،44) މާނައީ: ”ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (އިމްތިޙާނެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު އުއްމީދު ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ. * ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. ޙަމްދުހުރީ، ޢާލަމްތަކުގެ ވެރި ﷲ އަށެވެ.“

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ”وَلا يَحْسَبَنَّ الَّذِينَ كَفَرُوا أَنَّمَا نُمْلِي لَهُمْ خَيْرٌ لِأَنْفُسِهِمْ إِنَّمَا نُمْلِي لَهُمْ لِيَزْدَادُوا إِثْماً وَلَهُمْ عَذَابٌ مُهِينٌ“ (آل عمران: 178) މާނައީ: ”ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ ނަފްސުތަކަށް ހެޔޮގޮތެއްކަމަށް ކާފަރުވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި ޢަޛާބުހުށްޓެވެ.“

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”وَيَوْمَ حُنَيْنٍ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنْكُمْ شَيْئاً وَضَاقَتْ عَلَيْكُمُ الْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُمْ مُدْبِرِينَ“ (التوبة: 25) މާނައީ: ”އަދި حُنين (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. އަދި (އެހިނދު) ތަނަވަސްކޮށް އޮތް ބިން، ތިޔަބައިމީހުންނަށް ދަތިވެގެންދިޔައެވެ. ދެން ތިޔަބައިމީހުން، ފުރަގަސްދީ، ފިލާން ދުއްވައިގަތީމުއެވެ.“ މިއީ ވަރަށް މުހިންމު ބާބެކެވެ. ގިނަ ބަޔަކުވަނީ މި ވާހަކަތަކާމެދު ޣާފިލުވެފައެވެ. ބައެއްގެ އަތުގައިވާ ބާރާއި، ތަނަވަސްކަމާއި މަޤާމަކީ އެމީހުން ރަނގަޅު މަގުގައި ތިބިކަމުގެ ދަލީލެއް ނޫނެވެ. ދުނިޔޭގެ ކުރިއެރުންތައް ހޯދަމުންދާ މީހުން އެތިބީ އެންމެ ހެޔޮ ގޮތުގައި ކަމުގައި ދެކެނީ ކިތައް މީހުން ހެއްޔެވެ؟ އަދި ދުނިޔެވީ ތަރައްޤީ އާއި ކުރިއެރުންތައް ހޯދަމުންދާ މީހުންނަކީ ޙަޤީޤަތުގައި ކާމިޔާބުގެ އަހުލުވެރިންކަމުގައި ބަލައިގަނެ، އެމީހުންގެ ޙަޟާރަތާއި ބުއްދިއާއި ވިސްނުމަކީ އެންމެ ހެޔޮ މަގު ކަމުގައި ދެކެވި، އެބަމީހުންގެ ކާފިރުކަން ނުފެނި، އީމާންކަމުގެ އަހުލުވެރިންގެ ތެރެއިން މަގުފުރެދިގެންދަނީ ކިތައް މީހުން ހެއްޔެވެ؟