މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރުމަށް މުސްލިމުން ފަހަކަށް ނުޖެހޭނެ: އައްޝައިޚް އަޙްމަދު ސަމީރު

މުސްލިމުން ކިތަންމެ ބައިމަދަސް، މިނިވަންކަމަށްޓަކައި ކިތަންމެ ބޮޑު ދައުލަތަކާއިދެކޮޅަށްވެސް ހަތިޔާރު އުފުލާކަށް ހަގީގީ މުސްލިމުން ފަހަށް ނުޖެހޭނެކަމަށާއި، ކުފުރުގެ ދައުލަތެއްގެ އަޅުވެތިކަމުގައި ތިބުމަށްވުރެ އެ އަޅުވެތިކަމުން ސަލާމަތްވުމަށް ހަނގުރާމަކޮށް މަރުވެގެން ދިއުމަކީ މުސްލިމަކަށް ލިބޭނެ އެންމެބޮޑު ޝަރަފްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ގެނެސްދިން ’އޮނަތިރީސްމިނެޓް‘ ގެ 93 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ރައްބުލް ޢާލަމީންގެ އަޅުވެތިކަމުން، އެ އިލާހުގެ ޝަރީޢަތުން ނެރެ، އިންސާނުންގެ އަޅުވެތިކަމަށް މީސްތަކުން ވައްދަން މަސައްކަތް ކުރާ މީހުންގެ އެންމެބޮޑު ހުރަހަކީ އިސްލާމްދީން ކަމަށާއި ލާދީނީ މީހުން ހަމައެކަނި އިސްލާމްދީނަށް ފުރައްސާރަކުރަމުންދަނީ އިންސާނުންގެ އަޅުވެތިކުރުމާއިދެކޮޅަށް އެބައިމީހުންނަށް އޮތް އެންމެބޮޑު ހުރަހަކީ އިސްލާމްދީން ކަމަށްވާތީ ކަމަށެވެ.

މިނިވަންކަމުގެ މައުޟޫއަށް ވާހަކަދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެތެރޭގައި މިއަދު ވަކި ޝަޚްސިއްޔާތުތަކަށް ތަޢައްޞުބުކޮށް، އަޅުވެތިކުރުމުގެ ފަލްސަފާ ވަރަށްބޮޑަށް އެބައޮތްކަމަށާއި އެއީ އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި އޮތް އަޅުވެތިކަންކަމަށެވެ.

”މިއަދު އަޅުގަނޑުމެންގެތެރޭގައި ވަކި ޝަޚްސިއްޔާތުތަކަށް ތަޢައްޞުބުކޮށް، އަޅުވެތިކުރުމުގެ ފަލްސަފާ ވަރަށްބޮޑަށް އެބައޮތް. އެއީ އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި އޮތް އަޅުވެތިކަން. ޖާހިލިއްޔަ ޒަމާނުގައި އޮތް ޤަބީލާތަކުގެ ނިޒާމަށް ކަންކަން ދާތަން މިއަދު މިފެންނަނީ. ޤަބީލާތަކުގެ ބޮޑެތި މީހުން ބުނާ ކޮންމެ އެއްޗެއް އެއީ ޙައްޤުކަމުގައި ބަލަމުންދިޔަ އޭރު. މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދާ މަންޒަރަކީ ޙައްޤާއި ބާޠިލުގެ މިންގަނޑުން މީހުން ކިރަނީކީނޫން. މީހުންގެ މިންގަނޑުން ޙައްޤާއިބާޠިލު މި ކިރަނީ.“ ޝައިޚް ވިދާޅުވިއެވެ.

ވަކި ފިކުރުތަކަކަށް މީހުންތައް ޖަމާ ކުރުވައިގެން އެއަށް ތަބާ ކުރުވުމުގެ އަޅުވެތިކަން އަޅުގަނޑުމެންގެތެރޭގައި މިއަދު އެބަ އޮތްކަމަށާއި އިސްލާމް ނޫން އެހެން ހުރިހާ ފިކުރުތަކަކީ ބާޠިލު ފިކުރުތަކެއްކަމަށް ޝައިޚް ވިދާޅުވިއެވެ. ”ވަކިމީހަކު ބުނާ އެއްޗެއް އެ ހެޔޮ ކޮންމެ އެއްޗެއްކަމުގައި ވިޔަސް، އަދި އެއީ ބާޠިލު އެއްޗެއްކަމުގައިވިޔަސް އެމީހަކު އެބުނާ ފިކުރަކަށް އެމީހަކު އެ އަންގާ އެންގުންތަކަށް މީހުންތައް ތަބާ ކުރުވުން އެއީނޫންތޯ ހަގީގީ އަޅުވެތިކަމަކީ. ވަކި ފިކުރުތަކަކަށް މީހުންތައް ޖަމާ ކުރުވައިގެން އެއަށް ތަބާ ކުރުވުމުގެ އަޅުވެތިކަން އަޅުގަނޑުމެންގެތެރޭގައި މިއަދު މިއޮތީ. އިސްލާމް ނޫން އެހެން ހުރިހާ ފިކުރުތަކަކީ ބާޠިލު ފިކުރުތައް.“ ޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.