އިސްލާމީޝަރީޢަތުގެ ވާހަކަ ދައްކަން އެއްވެސް މުސްލިމަކު ލަދުގަނެގެން ނުވާނެ: އައްޝައިޚް އަޙްމަދު ސަމީރު

އިސްލާމީ ޝަރީޢަތުގެ ވާހަކަ ދައްކަން އެއްވެސް މުސްލިމަކު ލަދުގަނެގެން ނުވާނެކަމަށާއި މިއީ އިންސާނުންގެ ވެރި ރައްބު ބާވައިލެއްވި ޝަރީޢަތްކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ފުރުޤާން މިސްކިތުގައި ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޝަރީޢަތާއިދެކޮޅަށް މީހަކު އެއްޗެއް ބުނާއިރު އެމީހަކާދެކޮޅަށް އެއްޗެއް ބުނަން ލަދުގަނެ ފިނޑިވެ އިށީންނަ ބަޔަކަށް މުސްލިމުން ވެގެން ނުވާނެކަމަށާއި މި ޝަރީޢަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހަތް އުޑުގެމަތިން ބާވައިލެއްވި އެ އިލާހުގެ ބަސްފުޅު ކަމަށެވެ.

”ﷲ ގެ ޝަރީޢަތުން ބޭރުން ވާހަކަދައްކާ ކޮންމެ މީހަކު އެދައްކަނީ އޭނާގެ އަމިއްލަ ހަވާނަފްސަށް ވާހަކަ. އެއިން ކޮންމެ މީހަކު އެދައްކަނީ އިންސާނުން ހަދާފައިވާ ވަޟޫޢީ ނިޒާމުތަކުގެ ވާހަކަ. އަޅުގަނޑުމެން މިދައްކަނީ އިންސާނުންގެ ވެރިރައްބު ބާވައިލެއްވި ޝަރުޢީ ޙުކުމުގެ ވާހަކަ. އަޅުގަނޑުމެން މިދައްކަނީ ހަތް އުޑުގެ މަތިން ﷲ ތަޢާލާ ބާވައިލެއްވި އެއިލާހުގެ ކަލާމްފުޅުގެ ވާހަކަ. މުޅި ދުނިޔެ އިދިކޮޅަށް އެރިޔަސް އަޅުގަނޑުމެން މުސްލިމުން ތިބެންޖެހޭނީ އިލާހީ ޝަރީޢަތުގެ މަތީގަ އެ ޤަބޫލުކޮށްގެން. އެ ޢަޤީދާގެ މަތީގަ. ސަބަބަކީ ޤިޔާމަތްދުވަހު އަޅުގަނޑުމެންގެ މައްޗަށް ފައިސަލާކުރެވޭނީ ﷲ ގެ މި ޝަރީއަތަށް. ﷲ ގެ މި ޝަރީޢަތަށް ޢަމަލު ކުރިތޯ ﷲ ސުވާލު ކުރައްވާނެ.“ ޝައިޚް ވިދާޅުވިއެވެ.  

އޯގާތެރި ޝަރީޢަތް، މި މައުޟޫއުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވީ ސެކިއުލަރިޒަމް ނުވަތަ ލާދީނިއްޔަތުގެ އަހުލުވެރިން ﷲ ގެ ޝަރީޢަތާއިމެދު މީސްތަކުގެ މެދުގައި ޝައްކާއި ޝުބުހަ އުފައްދަން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށާއި އެބައިމީހުންގެ ބަސްތައް އަބަދުވެސް އަމާޒު ކުރަމުންދަނީ ﷲ ގެ ޝަރީއަތުގެ ޙުކުމްފުޅު ތަކާއިދިމާލަށް ކަމަށެވެ.  

”އިސްލާމީ ޝަރީޢަތުގެ ޙައްދުތަކާއި ދިމާލަށް އެމީހުންގެ ދޫތައް އަބަދު އަމާޒު ކުރަމުންދާ ސަބަބަކީ ޝަރީޢަތުގެ ޙިކްމަތްތަކާއި އަސާސްތައް ރަނގަޅަށް ނޭނގޭ އަދި އިސްލާމީ ތަޢުލީމްތަކާއި ބީރައްޓެހި މުސްލިމް ޒުވާނުންނަށް އިސްލާމީ ޝަރީޢަތާއިގުޅޭގޮތުން ޝައްކު އުފެއްދުން. އެފަދަ ޒުވާނުންނަށް އިސްލާމީ ޝަރީއަތުގެ އަދަބުތަކުގެ ވާހަކަ ބޭރުފުށުން ދައްކާލައިގެން އިސްލާމީ ޝަރީޢަތަކީ ވަރަށް ހަރުކަށި ޝަރީޢަތެއްކަން ދެއްކުން. ހަގީގަތުގައި މި ސެކިއުލާ މީހުންގެ ބޭނުމަކީ ހަމައެކަނި އަދަބުތަކުގެ ވާހަކަދައްކާލައިގެން އިސްލާމީ ޝަރީޢަތުގެ ނުބައި ތަސައްވުރެއް ދައްކާލައިގެން މީސްތަކުން ދީނުން އެއްކޮށް ދުރުކުރުން. ވަކިދިމާލަކުން ޙަމަލާ އަމާޒުކޮށްގެން ނަމާދާއި ޒަކާތާއި ރޯދައާއި އަދިވެސް އިސްލާމީ ޝަރީޢަތުގެ ހުރިހާ ޙުކުމްފުޅުތަކަކުން މީސްތަކުން އެއްކޮށް ދުރުކުރުން“ ޝައިޚް ވިދާޅުވިއެވެ.

 840 total views