ސިޔާސީ ހަރުކަށި ފިކުރުތަކަކީ އެންމެ ބޮޑު ނުރައްކާ: އައްޝައިޚް އަޙްމަދު ސަމީރު


މިއަދު މިޤައުމުގެ ދާޚިލީ ހަމަޖެހުމަށް އޮތް އެންމެބޮޑު ނުރައްކަލަކީ ސިޔާސީ ހަރުކަށި ފިކުރުތައްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުންގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ އެދުމަށް ޤައުމުގެ މަޞްލަޙަތު ކަފުންކޮށް މީހުންނޭކިޔައިގެން ދޮގު ބުހުތާނު ފެތުރުމާއި، މީހުންގެ ފުރާނަޔާއި، މުދަލާއި، ޢަބުރަށް ނުރައްކާކުރުވާ ޒާތުގެ، ހައްދުފަހަނައަޅާފައިވާ ސިޔާސީ ހަރުކަށި ފިކުރުތަކަކީ މިއަދު މިޤައުމުގެ ދާޚިލީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

”ސިޔާސީ އެދުމަށް، ޤައުމުގެ މަޞްލަޙަތު ކަފުންކޮށް ، މީހުންނޭކިޔައިގެން ދޮގު ބުހުތާނު ފެތުރުމާއި، މީހުންގެ ފުރާނަޔާއި، މުދަލާއި، ޢަބުރަށް ނުރައްކާކުރުވާ ޒާތުގެ، ހައްދުފަހަނައަޅާފައިވާ ސިޔާސީ ހަރުކަށި ފިކުރުތަކަކީ، މިއަދު މިޤައުމުގެ ދާޚިލީ ހަމަޖެހުމަށް އޮތް، އެންމެ ބޮޑު ނުރައްކަލެވެ.“ ޝައިޚް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މަޞްރަޙަށް ބަލައިލާއިރު، ހަރުކަށިކަން އިސްނުކުރުމަށް ދާދިފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވަނީ ގޮވާލައްވާފައެވެ. އަދި އެގޮތަށް އެކަންހިނގަނީ އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތު ނުދެވުމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކަން މިހެން އޮތްއިރު، ސިޔާސީ ބައެއް ފަރާތްތަކުން ދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޤަދަރާއި އިޙްތިރާމް ކުޑަވާފަދަ ގޮތެއްގައި، ފާޅުގައި ވާހަކަ ދައްކަމުންދާކަން ފާހަގަކޮށްލަމެވެ. އަދި ދީނީ ޢިލްމުވެރިން ދެއްވާ ދަރުސްތަކާމެދު ކަންބޮޑުވުން ފާޅުކޮށް، ދިވެހި އަންހެނުން ބުރުގާއަޅާތީ، ރަށެއްގެ ކައުންސިލަރަކުވެސްވަނީ އެކަމާ ނުރުހުންތެރިކަން ފާޅުކޮށް އިސްލާމީ ޝިޢާރަކާއި ދެކޮޅު ހަދާފައެވެ. އަދި ތިމާމެންގެ އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ ދާޚިލީ ހަމަޖެހުމަށް ބުރޫއަރާފަދަ އެތައް ވާހަކަތަކެއް ބައެއް ސިޔާސީ ފަރާތްތަކުން ކެނޑިނޭޅި ދައްކަމުންދާކަން ފާހަގަކުރެވެއެވެ. މިފަދަ ވާހަކަ ދައްކައި، ޢާއްމުންގެ ލޭ ކައްކުވާލައި، މީސްތަކުންގެމެދުގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ފަތުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އަދުގެ ސަރުކާރުން ނުކުޅެދިފައިވާކަމަށް ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިއަދު ދަނީ ހާމަކުރަމުންނެވެ.