އިސްލާމްދީނުގެ ޢަދުއްވުންގެ ފަރާތުން ލިބޭނެ އެއްވެސް ހެވެއް ނެތް: އައްޝައިޚް ޙަސަން މޫސާ ފިކްރީ


އިސްލާމްދީނުގެ ޢަދުއްވުންގެ ފަރާތުން މުސްލިމުންނަށް ލިބޭނެ އެއްވެސް ހެވެއް ނެތްކަމަށާއި އެމީހުންގެ ޕްރޮޕެގެންޑާތަކާމެދު ހުޝިޔާރުވެތިބުމަށް 

އެންމެހައި މުސްލިމުންނަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ގޮވާލައްވައިފިއެވެ.

ޝައިޚް ޙަސަން ފިކްރީ މިއަދު ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ އެބައެއްގެ އެޖެންޑާއަކީ ދީނާއިފުށުއަރާ ކަންކަން ފެތުރުންކަމުގައި ބުނާ ބަޔަކަށް ތާއީދު ކުރުމުގެ ކުރިން ވިސްނާލުމަށެވެ.

”އިސްލާމްދީނުގެ ޢަދުއްވުންގެ ފަރާތުން މުސްލިމުންނަށް ލިބޭނެ އެއްވެސް ހެވެއް ނެތެވެ. އެމީހުންގެ ޕްރޮޕެގެންޑާތަކާމެދު މުސްލިމުން ތިބެންވާނީ ހުޝިޔާރުވެ އެވެ.ހަމައެހެން، އެބައެއްގެ އެޖެންޑާއަކީ ދީނާއިފުށުއަރާ ކަންކަން ފެތުރުންކަމުގައި ބުނާ ބަޔަކަށް ތާއީދު ކުރުމުގެ ކުރިން ވިސްނާލާށެވެ“. ޝައިޚް ފިކްރީ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް އެކިއެކި ފަރާތްތަކުން ކުރިމަތިލައިގެން އުޅޭމިދަނޑިވަޅުގައި، ވޯޓުދިނުމުގެ ކުރިން ވޯޓުދޭ މީހުންނާއިމެދު ވިސްނައި ފިކުރުކުރުމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސްވެސް މިއަދު ގޮވާލައްވާފައިވެއެވެ. އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލިސް އިންތިޚާބަށް ރައްޔިތުން ވޯޓު ދެއްވުމުގައި ވިސްނަންޖެހެނީ މެމްބަރަކު ހޮވަން ދެއްވާ ވޯޓަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލުގެ މިސްރާބު ކުރުމުގައި ހިއްސާވެގެންދާނޭ ވޯޓެއްކަމަށާއި ވޯޓު ދެއްވުމުގެ ކުރިން ކެނޑިޑޭޓުން އަޅާ ކިޔުމާއި، އެމީހުންގެ ވިސްނުމާއިފިކުރު ދިރާސާކުރުމަށެވެ.