ސަލަފްފޯރަމް 6 އަނެއްކާވެސް ކެންސަލްވެއްޖެ!

ސަލަފްފޯރަމް ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަންނަ ހުކުރު ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލުގައި ބާއްވަން އުޅުނު ’ސަލަފްފޯރަމް 6‘ އަނެއްކާވެސް ކެންސަލް ވެއްޖެއެވެ.

ސަލަފް ފޯރަމް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެމްބަރު އަލްއަޚް އަޙްމަދު ޝަރީފް ވިދާޅުވިގޮތުގައި ސަލަފްފޯރަމް ބޭއްވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެފައިވަނިކޮށް ކުއްލިއަކަށް އަމީނިއްޔާ ސްކޫލުން އޭނާއަށް ގުޅާފައި ފޯރަމް ބޭއްވުމަށް ހޯލު ދެވެން ނެތްވާހަކަ ބުނެފައިވާކަމަށެވެ.

”ފޯރަމް ބޭއްވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ، އެކަމަށްޓަކައި އަމީނިއްޔާ ސްކޫލަށް ފައިސާވެސް ދައްކާފައި އޮއްވާ ސްކޫލު ހޯލު އެރެއަށް ދެވެން ނެތް ވާހަކަ ގުޅާފައިބުނީ. އަދި ކުރީ ފަހަރު ޖެހުނު މައްސަލަ ތަކުރާރު ވިޔަ ނުދިނުމަށް އިސްލާމިކް މިނިސްޓްރީއަށްވެސް ފޯރަމް ބާއްވާނެކަން އަންގާފައިވާނެ. އަމީނިއްޔާ ސްކޫލުން ގުޅާފަ ބުނީ އެޑިއުކޭޝަނުން ސްކޫލަށް ގުޅާފައި ބުނެފިޔޭ ސަލަފަށް ދީފައި އިން ހުއްދަ ކެންސަލް ކޮށްލާށޭ. އަދި ދައްކާފައި ހުރި ލާރިވެސް ރީފަންޑުކޮށްދޭށޭ. ދެން އަމީނިއްޔާ ސްކޫލުން ގުޅި އިސް ބޭފުޅާ ވިދާޅުވީ އެސްކޫލަކީ އެޑިއުކޭޝަންގެ ދަށުގައި އިންނަ ތަނަކަށްވާތީ ކެންސަލް ކޮށްލަންށޭ ޖެހޭނީ“ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

މި ފޯރަމަކީ ފާއިތުވީ ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ޢަރަބިއްޔާ ސްކޫލުގެ ހޯލުގައި ބާއްވަން ހަމަޖެއްސި ފޯރަމެކެވެ. ނަމަވެސް އެފަހަރު ފޯރަމް ބޭއްވިފައިނުވަނީ އިސްލާމިކް މިނިސްޓްރީއިން ފޯރަމް ކުރިއަށް ގެންދިއުން މަނާކުރުމުގެ ސަބަބުންނެވެ. އެފަހަރުވެސް ފޯރަމް ބޭއްވޭގޮތް ވެފައިނުވަނީ، ޢަރަބިއްޔާ ސްކޫލްގެ ހޯލް ހަމަޖައްސައި، އެސްކޫލަށް ފައިސާވެސް ދައްކާފައިވަނިކޮށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނަގަންޖެހޭ ހުއްދަތަކެއް ނުނަގައި އޮތްކަމަށް ބުނެ އެފޯރަމް ބޭއްވުން މަނާކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ އެންގުމަށެވެ. އެއާއެކު ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފައިވަނީ، ހަމަޖެހިފައިވާ އުސޫލާއި ޤާނޫނުގެ ދަށުން، ނަންގެންޖެހޭ އެންމެހައި ހުއްދަތަކެއް ނަގައިފައިވާނެކަމެވެ. އަދި އިތުރު ހުއްދައެއް ނަގަން މިނިސްޓްރީ އިން އަންގަމުންދަނީ އެގޮތަށް ޢަމަލުކުރުމަށް އޮތް އެއްވެސް ޤަވާޢިދެއްގެ ދަށުން ނޫންކަމުގައިވެސް ޖަމްޢިއްޔާއިން ބުނެމުންދެއެވެ.

ސަލަފް ފޯރަމް 6 ، ދެވަނަ ފަހަރަށް ބޭއްވުމަށް ހަމަޖެހިފައި އޮއްވާ ކެންސަލްވެފައި މިވަނީވެސް، އަމީނިއްޔާ ސްކޫލް ހޯލް ހިފައި، އިންތިޒާމްތައް ކުރިޔަށް ދަނިކޮށް، ހަމަ ކުއްލި ގޮތަކަށް ހޯލް ކެންސަލްވީކަމުގައި އެންގުމުންނެވެ.