ދީނާ ނުބެހޭ އެއްވެސް ކަމެއް ޙަޔާތުގަ ނުހިނގާނެ: އައްޝައިޚް ޙަސަން މޫސާ ފިކްރީ

އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގެންވާ ބައެއްކަމަށާއި އިސްލާމްއަކީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ތަންފީޒުކުރަންޖެހޭނެ ނިޒާމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ފޮނުވި ’އޮނަތިރީސްމިނެޓް‘ ގެ 95 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޙަސަން ފިކްރީ ވިދާޅުވީ އިސްނާނީ ޙައްޤުގައި ކާފަރުންނަށް އެހީތެރިވަމުންދާއިރު އެމީހުންގެ ކުފުރާއި ޝިރުކުގަ ބައިވެރި ނުވެވޭނެކަމަށާއި އެގޮތުން ބައެއް ކާފަރުން މުސްލިމުންގެ ޢީދުތަކުގައި ބައިވެރިވިކަމުގައިވިޔަސް އެމީހުންގެ ޢީދުތަކުގައި އަޅުގަނޑުމެން މުސްލިމުން ބައިވެރިވުން ހުއްދަ ނުވާނެކަމަށެވެ.

”އަޅުގަނޑުމެންނަކީ ﷲ ސުބްޙާނަހޫ ވަތާޢާލާ ރުހިވޮޑިގަންނަވާ ގޮތަށް، އެ އިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންނެވި ދީނުގެ މަތީގައި ތިބި ބަޔަކަށް ވީހިނދު ދީނާ ނުބެހޭ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ނުހިނގާނެ. މިސާލަކަށް ޝިރުކާއި ކުފުރުގެ އަހުލުވެރިންގެ ޢީދުތަކުގައި ބައިވެރިވުމަކީ މުސްލިމަކަށް ހުއްދަވާނެކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ޢަޤީދާއާ ފުށުއަރާކަމެއް. އަދި އިސްލާމްކަމުން ބޭރުކުރުވާނެވެސްކަމެއް. އެމީހުން އައިސް އަޅުގަނޑުމެންގެ ޢީދުތަކުގައި ބައިވެރިވެ މަރުޙަބާ ކިޔަސް އިސްލާމްދީން ހުއްދައެއް ނުކުރޭ އެމީހުންނަށް ހަމަ އެގޮތަށް ކަންތައް ކޮށްދިނުމެއް. ނަމަވެސް ބައެއް މުސްލިމުންނަށް މިއަދު މިކަންވަނީ ވަރަށްބޮޑަށް އޮޅުންއަރާފަ“ ޝައިޚް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ އިސްލާމްދީން ނޫން އެހެން އެއްވެސް ދީނެއް ﷲ ތަޢާލާ ޢަބޫލު ނުކުރައްވާނެކަމަށް އެކަލާނގެ އަންގަވާފައިވާކަމަށާއި، އަދި ޝިރުކާއި ކުފުރާ، އީމާންކަމާ ދުވަހަކުވެސް ހަމަހަމަ ނުވާނޭކަމުގައެވެ.

ހުޅަނގުގެ ގައުމުތަކުގައި ލާދީނިއްޔަތު ނުވަތަ ސެކިޔުލަރިޒަމް ފެށިގެން އައީ، އެމީހުން އުޅެމުން ދިޔަ ދީންތަކަކީ އެމީހުން ބޭނުން އިރަކު، ބޭނުން ގޮތަކަށް ބަދަލުކުރަމުންދިޔަ ދީންތަކެއް ކަމުގައިވާތީކަމަށާއި ނަމަވެސް މާތްވެގެންވާ އިސްލާމް ދީނަކީ މާތް ﷲ ގެ ޙަޟްރަތުން ބާވައިލެއްވުނު، އަދި ބަދަލުވުމެއްނެތި އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ދީނެއްކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި އެހެންވުމުން، ޣައިރު ދީންތަކުގެ އަހުލުވެރިން، އެމީހުންގެ ދީންނާއި ޢަޤީދާ ބޮލާލާ ޖަހައި، ދީނަށް ފުރަގަސްދިނުމަކީ މުސްލިމުން އެގޮތްގޮތަށް އުޅެން ހުއްދަވާ ސަބަބެއް ނޫންކަމުގައިވެސް ޝައިޚް ޙަސަން ވިދާޅުވިއެވެ.

”ދީނާއި ލާދީން“ ގެ މައުޟޫޢުގައި ސެކިޔުލަރިޒަމްގެ ޙަޤީޤަތްތައް ހާމަކޮށްދެއްވަމުން ޝައިޚް ވާހަކަ ދައްކަވާފައިވާއިރު، އެކިއެކި މިނިވަންކަމުގެ ވާހަކަތައް ދިވެހި މުޖްތަމަޢުގައި ފަހަކަށްއައިސްދަނީ ފެތުރެމުންނެވެ. އަދި ދިވެހިންގެ ޒަމާންވީ ވިސްނުން ބަދަލުކުރަންޖެހޭކަމުގައި ބައެއް ސިޔާސީ ލީޑަރުންދަނީ ކެނޑިނޭޅި ވަކާލާތު ކުރަމުންނެވެ. އެފަދަ ވާހަކަތަކުގައި ބުނަމުންގެންދާ އައު ދިވެހިރާއްޖެއަކީ ނުވަތަ އައު ފިކުރަކީ އެއީ ސެކިޔުލަރ މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރުން ކަމުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދެއެވެ.

 284 total views