ދީނީ ނަޞޭޙަތް ދިނުމުގެ ފުރުސަތު ހޯދައިދިނީ އެމް.ޑީ.ޕީކަމަށް ބުނުމަކީ ބުހުތާން ދޮގެއް: އައްޝައިޚް ޢަބްދުﷲ މުޙައްމަދު

ޢިލްމުވެރީންނަށް ދީނީ ނަޞޭޙަތް ދިނުމުގެ ފުރުސަތު ހޯދައިދިނީ އެމް.ޑީ.ޕީކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ބުހުތާން ދޮގެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދީނީ ދަންނަބޭކަލުންނަށް ހެޔޮލަފާ ނަސޭހަތް ރައްޔިތުންނަށް ދިނުމަށް މަގު ހުޅުވާލީ އެމްޑީޕީގެ ސަރުކާރުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބުނުމުން އެކަމަށް ރައްދުދެއްވައި އިއްޔެ ކުރެއްވި ޓްވީޓެއްގައި ޝައިޚް ޢަބްދުﷲ ވިދާޅުވެފައިވަނީ އެއީ ޙަޤީޤަތާ ޚިލާފު ބޮޑު އޮޅުވާލުމެއްކަމަށާއި ޙަޤީޤަތަކީ އެމްޑީޕީ، އެމްޑީޕީއަކަށް ހެދުމުގައްޔާއި، ވެރިކަމަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނެވެ.

”ޢިލްމުވެރީންނަށް ދީނީ ނަޞޭޙަތް ދިނުމުގެ ފުރުސަތު ހޯދައިދިނީ އެމް.ޑީ.ޕީކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ބުހުތާނެއް. ޙަޤީޤަތާ ޚިލާފު ބޮޑު އޮޅުވާލުމެއް. ޙަޤީޤަތަކީ އެމްޑީޕީ، އެމްޑީޕީއަކަށް ހެދުމުގައްޔާއި، ވެރިކަމަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވީ ޢިލްމުވެރިންކަން“ ޝައިޚް ކުރެއްވި ޓްވީޓުގައި ވެއެވެ.

އެމް.ޑީ.ޕީ އުފެދިންގެ އައިރު، އެޕާޓީއަކީ ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ އާއްމު ކުރުމާއި ޖުވާ ކުޅޭ ކެސިނޯތައް އެޅުންފަދަ ކަންކަން ރާއްޖޭގައި ޢާއްމުކުރަން މަސައްކަތް ކުރަމުން ދިޔަ ޕާާޓީއެއް ކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރަމުން ދިޔައެވެ. ނަމަވެސް ޢާއްމުންގެ އެތައް ބަޔަކު ކުރަމުންދިޔަ މި ތުހުމަތުތަކަކީ ހަގީގަތެއްނެތް ތުހުމަތު ތަކެއްކަމަށް ބުނެ އެކަން ރީތިކޮށްދީ، ދިވެހިންގެ މެދުގައި މަޤުބޫލު އަދި ސާފުޠާހިރު ބައެއްކަމުގައި އެޕާޓީ ހަދައިދީފައިވަނީ އޭރުގެ ’ޑިކްޓޭޓަރު‘ މައުމޫނު ޢަބްދުލް ޤައްޔޫމާ ދެކޮޅަށް ދިވެހިރާއްޖޭގެ ޢިލްމުވެރިން ކުރައްވަމުން ގެންދެވި ބުރަ މަސައްކަތުގެތެރެއިންކަން ފާހަގަކޮށްލެވެއެވެ.

ގިނަ ބަޔަކު ފާހަގަ ކުރަމުންދާ ގޮތުގައި، އެމް.ޑީ.ޕީ އުފެދިގެން އައުމުގައި އޮތް ފިކުރު އަދިވެސް އެޕާޓީގެ އިސްވެރިން މިއަދުވެސް ދަނީ ހާމަ ކުރަމުންނެވެ. ދާދިފަހުން އޮތް ކެންޕޭން ބައްދަލުވުމެއްގައިވެސް، ބަނގުރާ ވިއްކުމާއި، އޫރުމަސް ވިއްކުމަކީ ނުހަނު ފައިދާވާ ވިޔަފާރިއެއް ކަމުގައި، މުޙައްމަދު ނަޝީދު ބުނެފައިވާކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.

 336 total views