ޖަމްޢިއްޔަތުއްސަލަފުން ވިލިމާލޭގައި ސިލްސިލާ ދަރުސްތަކެއް ކުރިއަށް ގެންދަނީ

ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކޮށްގެން ވިލިމާލޭގައި ސިލްސިލާކޮށް ދީނީ ދަރުސްތަކެއް ކުރިއަށް ގެންދަން ހަމަޖައްސައިފިއެވެ.

ވިލިމާލޭ މަސްޖިދުލް އިޚްލާޞް ގައި ކޮންމެ ބުދަ ދުވަހެއްގެ ރޭ ޢިޝާނަމާދަށްފަހު ކްލާސްތަކެއްގެ ސިފައިގަ ކުރިއަށް ގެންދާ ދަރުސްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ’40 ޙަދީޘް‘ ގެ ޝަރަޙަ އެވެ. ކްލާސްތައް ކުރިއަށްގެންގޮސްދެއްވާ ޝައިޚުންގެތެރޭގައި އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޙަސަން މޫސާ ފިކްރީ، އައްޝައިޚް ޢަބްދުއްސަލާމް، އައްޝައިޚް ޝިހާމް މުޙައްމަދު އަދި އައްޝައިޚް ފަޟްލޫން މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ.

މަސްޖިދުލް އިޚްލާޞްގައި ސިލްސިލާކޮށް ކުރިއަށްގެންދާ މި ޙަރަކާތުގެ ކޯޑިނޭޓަރު އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވިގޮތުގައި ވިލިމާލޭގައި ސިލްސިލާ ދަރުސްތަކެއް ބާއްވައިދިނުމަށް ވިލިމާލޭގައި ދިރިއުޅޭ ވަރަށްގިނަ މީހުން އެދެމުންދާތާ ދުވަސްތަކެއްވެފައިވާކަމަށާއި މި ކްލާސްތަކުގެ ސަބަބުން އެހުންތެރިންނަށް ވަރަށްގިނަ ފައިދާތަކެއް ލިބޭނެކަމަށެވެ.

”އަސްލު ވަރަށްގިނަ ބަޔަކު އަޅުގަނޑުމެންނަށް ޝަކުވާ ކުރަމުން އެބަގެންދޭ މާލޭގެ ބައެއް މިސްކިތްތަކުގައި އަޅުގަނޑުމެން ދީނީ ކްލާސްތައް ކުރިއަށްގެންގޮސް ވިލިމާލޭގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާތީ. ތަކުރާރުކޮށް އަންނަ ޝަކުވާއެއް މީ. އިންޝާﷲ މިކްލާސްތަކުގެ ސަބަބުން ވަރަށްފައިދާ ކުރާނެ މީހުންނަށް“ ޝައިޚް ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މާލޭގެ މިސްކިތްތަކުގައި ކްލާސްތައްފަށައިގެން ކުރިއަށް ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. މިވަގުތު ކުރިއަށްދާ ކްލާސްތަކުގެތެރޭގައި އައްޝައިޚް އަޙްމަދު ސަމީރު ފުރުޤާން މިސްކިތުގައި ހަފްތާގެ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ ކުރިއަށްގެންގޮސްދެއްވާ ’އެންމެ ރިވެތި އިސްމުފުޅުތަކުގެ ޝަރަޙަ’، ގިނަ ޝައިޚުންތަކެއް ބައިވެރިވެވަޑައިގެން ފަންޑިޔާރު މިސްކިތުގައި ކުރިއަށްގެންދާ ’ދުރޫސުލް އީމާން’، އައްޝައިޚް ޙަސަން މޫސާ ފިކްރީ ފުރުޤާން މިސްކިތުގައި ކުރިއަށް ގެންގޮސްދެއްވާ ’މުސްލިމަކަށްވީތީ’، އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދު ފަނޑިޔާރު މިސްކިތުގައި ކުރިއަށްގެންގޮސްދެއްވާ ’ސަލަފުންގެ ސިޔަރަތު‘ ހިމެނެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިސްކިތްތަކުގައި ކުރިއަށް ގެންދާ ކްލާސްތަކާއި އެކިއެކި ޕްރޮގްރާމްތައް ޖަމްޢިއްޔަތުއްސަލަފުގެ ސައުންޑް ކްލައުޑް އަދި ޔޫޓިއުބު ޗެނެލް އަށް ބަރާބަރަށް އަޕްލޯޑުކުރަމުންގެންދެއެވެ.