ދަތިހާލުގައި އުޅޭ ޢާއިލާތަކަށް އެހީވުމުގެ ޕްރޮގްރާމް ޖަމްޢިއްޔަތުއްސަލަފުން ފަށައިފި

ދަތި ޙާލުގައި ދިރިއުޅެމުންދާ ޢާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ ޕްރޮގްރާމް މިއަހަރު ފަށައިފިއެވެ. 

ވާބިލްގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިފަހަރު 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމުގައި ވާބިލް ގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު އަލްއަޚް އަޙްމަދު ޝަރީފް ވިދާޅުވެއެވެ.

”އިންޝާ ﷲ އަޅުގަނޑުމެން މިފަހަރު މިބަލަނީ އެހީތެރިކަން ބޭނުންވާ 100 ޢާއިލާއަށް މުޅި ރޯދަމަހަށް ބޭނުންވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭތޯ.“ޝަރީފް ވިދާޅުވިއެވެ. 

އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓްގައިވާ ފޯމު ފުރުއްވާލެއްވުމަށްފަހު އޮންލައިންކޮށް ހުށައެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި އަދި މީގެއިތުރުން ޖަމްޢިއްޔާގެ އިދާރާއިންވެސް ފޯމް ލިބެންހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

މިޕްރޮގްރާމަށް ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ބޭފުޅުނަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމާއިބެހޭ އިތުރު މަޢުލޫމާތު 9927777 ނުވަތަ 7778695 އަށް ގުޅާލުމުން ލިބިވަޑައިގަންނަވާނެއެވެ.

 604 total views