އައްޝައިޚް ޢަބްދުއްސަލާމްގެ ދަރުސެއް ހުޅުމާލޭގައި

އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު ގެ ދަރުސެއް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދަރުސް އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފިއެވެ.

ދަރުސް އިންތިޒާމު ކުރަމުންދާ އަލްހިޖްރަ ޖަމްޢިއްޔާގެ ނައިބު ރައީސް ޢަބްދުﷲ ޒިރާރު ވިދާޅުވެފައިވަނީ 26 އޭޕްރީލް ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ މި ދަރުސަކީ އެޖަމްޢިއްޔާގެ ފަރާތުން މިއަހަރު ބާއްވާ 2 ވަނަ ދަރުސްކަމަށާއި މިދަރުސް ބޭއްވުމަށްޓަކައި ވާންޖެހޭ ގިނަ ކަންތައްތައް މިހާރު ނިމިފައިވާކަމަށެވެ.

”މިއީ އަޅުގަނޑުމެން އޯޕަން ސްޓޭޖުގައި މިއަހަރު މިގޮތަށް ބާއްވާ 2 ވަނަ ދަރުސް. އެންމެފަހުން އަޅުގަނޑުމެން ބާއްވާފައިވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސެއް. އަދިވެސް ގިނަ ދަރުސްތަކެއް މިއަހަރުވަނީ ރާވާފަ. މިދަރުސް އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖާއި ޔޫޓިއުބް ޗެނެލުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފަ“ ޒިރާރު ވިދާޅުވިއެވެ.

މިއަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސްގެ މައުޟޫއަކީ ”ޒަމާނީ ބަދަލުތަކާއެކު މުސްލިމުން“ މިއެވެ.

ކުރިއަށް އޮތް ރަމަޟާންމަހު ގިނަ ޙަރަކާތްތަކެއް ރޭވިފައިވާކަމަށް ޒިރާރު ވިދާޅުވެފައިވެއެވެ. އެގޮތުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން 2 ދުވަހުގެ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މޭ 3 އަދި 4 ވަނަ ދުވަހު ކުރިއަށްގެންދާ މިވޯކްޝޮޕަކީ މިފެށޭ ރަމަޟާން މަހަކީ ކާމިޔާބު ބާއްޖަވެރި މަހަކަށް ހެދުމަށްޓަކައި ބޭނުންވާ ޢިލްމާއި، ނަމާދާއި، ޤުރްއާން އާއިބެހޭ މުހިއްމު ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ވޯކްޝޮޕެއްކަމަށް ޒިރާރު ވިދާޅުވިއެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް 7729670 އަށް ގުޅުއްވުމަށް ޒިރާރު އެދިވަޑައިގަނެއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ނިމާލް މުޙައްމަދު އަދި އައްޝައިޚް ނަސްރުﷲ ޢަލީ އެވެ.

އަލްހިޖްރަ ޖަމްޢިއްޔާއަކީ ހުޅުމާލޭގައި ވަރަށް ފުޅާދާއިރާއެއްގައި ދީނީ އެކިއެކި ޙަރަކާތްތައް ބާއްވަމުންދާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ފަރާތުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ކުރިއަށްގެންދާ’ސެޓް ޔުއާ ގޯލް‘ އިވެންޓަކީ އެޖަމްޢިއްޔާގެ ފަރާތުން ކުރިއަށްގެންދާ ވަރަށް ކާމިޔާބު އިވެންޓެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.