ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިރޭ 10 މިސްކިތެއްގައި ދަރުސްދެނީ.

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މިރޭ 10 މިސްކިތެއްގައި ދަރުސް ދޭގޮތަށް ހަމަޖައްސައިފިއެވެ.

މީސްތަކުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި ޕްރޮގުރާމްތަކުގެ ދަށުން، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށް ބާއްވާ މިދަރުސްގެ މައުޟޫއަކީ ”ރޯދަމަހަށް ތައްޔާރުވުން“ މިއެވެ. މިރޭގެ ޢިޝާނަމާދަށްފަހު ކުރިއަށްގެންދާ މިދަރުސްތައް ދެއްވުމަށްޓަކައި 10 ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދަރުސްތައް ދިނުމަށް ހަމަޖެހިފައިވާގޮތަކީ؛ ފުރްޤާން މިސްކިތުގައި އައްޝައިޚް އަޙްމަދު ސަމީރު، ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް ޙަސަން މޫސާ ފިކްރީ، ނޫރު މިސްކިތުގައި އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު، ޖަލާލުއްދީން މިސްކިތުގައި އައްޝައިޚް ނިމާލް މުޙައްމަދު، ފަނޑިޔާރު މިސްކިތުގައި އައްޝައިޚް ޝިހާމް މުޙައްމަދު، ބަންޑާރަ މިސްކިތުގައި އައްޝައިޚް ޙުސައިން ޢަބްދުﷲ، އިސްކަންދަރު މިސްކިތުގައި އައްޝައިޚް އިބްރާހީމް ރަޝީދު، ދުނބުރި މިސްކިތުގައި އައްޝައިޚް ޝުޢައިބް ނާޡިމް، ޠައިބާ މިސްކިތުގައި އައްޝައިޚް ފަޟްލޫން މުޙައްމަދު އެވެ.

މިދަރުސްތަކަކީ ކުރިމަތިވެގެން އަންނަ މާތްވެގެންވާ ރަމަޟާންމަހުގެ ފައިދާ އޭގެ އެންމެ ހެޔޮގޮތުގައި ލިބިގަތުމަށް ބާރުއަޅައި، އެކަމަށްޓަކައި މުޖުތަމަޢުގެ އަފުރާދުން ތައްޔާރުކުރުވުމުގެ މަޤުޞަދުގައި ބޭއްވޭ ދަރުސްތަކެއްކަމުން، މި ދަރުސްތަކަށް ހާޒިރުވެ އަޑުއެއްސެވުމަށް ވީހާވެސް ގިނަ ބޭފުޅުން ދަރުސްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.