ރަމަޟާންމަހުގެ ދަރުސް ސިލްސިލާ ޕްރޮގްރާމް މިއަހަރުވެސް އޮންނާނެ

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރަމަޟާންމަހު ޢަޞްރު ނަމާދަށްފަހު ބާއްވާ ދަރުސް ސިލްސިލާ ޕްރޮގްރާމް މިއަހަރުވެސް އޮންނާނެކަމަށް މި ޕްރޮގްރާމު ގެ ކޯޑިނޭޓަރު އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

މިއަހަރު ރަމަޟާންމަހު ބާއްވާ ދަރުސްތަކަށް ދީފައިވާ ނަމަކީ ”މަރުވުމަށްފަހުގައި“ އެވެ. މި ދަރުސްތަކުގެ މައުޟޫޢަކީ މަރާއި ފުރާނައިގެ ވާހަކަތަކާއި، މަރު ހިއްޕެވުމާއި، ކަށްވަޅުގައި ކަންހިނގާނޭ ގޮތާއި، އަލުން ދިރުވުމާއި، މަޙުޝަރު ކުރެއްވުމާއި، ޙިސާބު ބެއްލެވުންފަދަ މައުޟޫޢުތައްކަމަށް ޝައިޚް ޙަސަން ވިދާޅުވިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ތިން މިސްކިތެއްގައިކަމަށާއި ކޮންމެ މިސްކިތެއްގައި 10 ދަރުސް ދިނުމަށްވަނީ ހަމަޖެހިފައެވެ. ދަރުސްތައް ބާއްވާ މިސްކިތްތަކަކީ، މަސްޖިދުލް ފުރްޤާން، މަސްޖި މުޙައްމަދު ބިން ޢަބްދު ﷲ (ވިޔަފާރިވެރިންގެ މިސްކިތް) އަދި މަސްޖިދް ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތުގައެވެ.)

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ފާއިތުވީ 4 އަހަރު މި ޕްރޮގްރާން ބާއްވަމުން އައިސްފައިވަނީ ފުރްޤާން މިސްކިތުގައިކަމަށްވިޔަސް މިފަހަރު އެގޮތަށް ހަމަނުޖެހުނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ޖަމްޢިއްޔާއަށް އެފުރުސަތު ތަނަވަސްކޮށް ނުދެވުމުގެ ސަބަބުންނެވެ.

“ އަޅުގަނޑުމެން ބޭނުންވީ މިއަހަރުވެސް ފުރްޤާން މިސްކިތުގައި ރޯދަ މަހުގެ ހުރިހާ ދުވަހެއްގައިވެސް މިދަރުސްތައް ކުރިޔަށް ގެންދަން. ނަމަވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެގޮތަށް ހަޖައްސައިދެވެން ނެތްކަމުގައި ބުނެ، ފުރުޞަޠު ދީފައިމިވަނީ 3 މިސްކިތެއްގައި ކުރިއަށްގެންދިއުމަށް“ ޝައިޚް ޙަސަން ވިދާޅުވިއެވެ.

”މި ދަރުސްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ޖަމްޢިއްޔަތުއްސަލަފުގެ ޝައިޚުންގެ އިތުރުން ޖަމްޢިއްޔާއާއި ގުޅިގެން، ދީނީ ދަރުސްދެއްވަމުން ގެންދަވާ ޝައިޚުން. މި ދަރުސް ސިލްސިލާގައި 15 ޝައިޚުން ބައިވެރިވަޑައިގަންނަވާނެ. މިއަހަރުގެ މައިގަނޑު މައުޟޫޢަކީ މަރުވުމަށްފަހުގައި. މި މައުޟޫޢުގައި މަރުވުމަށްފަހު، އާޚިރަތުގައި ކަންހިނގާނޭ ގޮތާއިބެހޭގޮތުން ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވާ މުހިންމު މަޢުލޫމާތުތަކެއް ދަރުސްތައް އަޑުއައްސަވާ ފަރާތްތަކަށް ލިބިގެންދާނެ އިންޝާﷲ“ ދަރުސް ސިލްސިލާގެ ކޯޑިނޭޓަރު އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިއެވެ.

މިފަހަރުގެ ދަރުސް ސިލްސިލާގައި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ޝައިޚުންގެ ތެރޭގައި، އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޙަސަން މޫސާ ފިކުރީ، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް،  އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ އަދި އައްޝައިޚް ނިމާލު މުޙައްމަދު ފަދަ ބޭފުޅުން ހިމެނިވަޑައިގަނެއެވެ.

ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ އަޞްރު ނަމާދަށްފަހު، ބައިގަޑިއިރުގެ ވަގުތުކޮޅަކަށް ކުރިޔަށްގެންދާ މިދަރުސްތަކުގެ ފުރަތަމަ 10 ދަރުސް އޮންނާނީ ފުރްޤާން މިސްކިތުގައެވެ. 2 ވަނަ 10 ދުވަހު އޮންނާނީ މަސްޖި މުޙައްމަދު ބިން ޢަބްދު ﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައެވެ. އަދި ފަހު 10 ދުވަހު އޮންނާނީ މަސްޖިދް ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) ގައެވެ.