ސިލްސިލާ ދަރުސް ’މަރުވުމަށްފަހު‘ ބާއްވަމުންއައި މިސްކިތް ބަދަލުވެއްޖެ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ފުރްޤާން މިސްކިތުގައި ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ކުރިއަށްގެންދާ ’މަރުވުމަށްފަހު’، މި ސިލްސިލާ މިރަމަޟާންމަހުގެ 20 ވަނަ ދުވަހާއި ހަމައަށްކުރިއަށްދާނީ މަސްޖިދުލް މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައިކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

މިއަހަރު މި ސިލްސިލާ ކުރިއަށްގެންދިއުމުގެ ކޯޑިނޭޓަރުގެ މަޤާމުގައި ހުންނެވި ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވީ ކޮންމެ އަހަރެއްގެ ރަމަޟާންމަހު ފުރުޤާން މިސްކިތުގައި ކުރިއަށްގެންދާ މި ސިލްސިލާ ދަރުސްތައް މިއަހަރު ފުރުޤާން މިސްކިތުގައި ބޭއްވުމަށް އެޖަމްޢިއްޔާއަށް ހުއްދަ ލިބިފައިވަނީ ފުރަތަމަ 10 ދުވަހު އެކަނިކަމަށެވެ.

”ފާއިތުވީ 4 އަހަރު އަޅުގަނޑުމެން މި ސިލްސިލާ ދަރުސްތައް ބާއްވަމުން މިއައީ ފުރްޤާން މިސްކިތުގަ، މުޅި ރަމަޟާން މަހު އެއްކޮށް. ނަމަވެސް އިސްލާމިކް މިނިސްޓްރީއިން މިފަހަރު އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދިން މުޅި ރަމަޟާންމަހު ފުރުޤާން މިސްކިތުގައި މި ދަރުސްތައް ބޭއްވުމަކަށް. އަޅުގަނޑުމެންނަށް މިއަހަރު ހުއްދަ ލިބިފައިވަނީ ފުރަތަމަ 10 ދުވަސް ފުރްޤާން މިސްކިތުގައި ބޭއްވުމަށް. ދެވަނަ 10 ދުވަސް ވިޔަފާރިވެރިންގެ މިސްކިތުގަ އަދި ފަހު 10 ދުވަސް ޠައިބާ މިސްކިތުގަ.“ ޝައިޚް ފިކްރީ ވިދާޅުވިއެވެ. 

ޝައިޚް ފިކްރީ އިތުރަށް ވިދާޅުވިގޮތުގައި ރަމަޟާންމަހުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި ޕްރޮގްރާމްތަކުގެތެރެއިން ފުރްޤާން މިސްކިތުގައި ކުރިއަށްގެންދާ މި ސިލްސިލާ ދަރުސްތަކަކީ ވަރަށްބޮޑު ޚާއްޞަކަމެއްދީގެން ދުރާލައި ރާވައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މުޅި ރަމަޟާން މަހަށް ފުރްޤާން މިސްކިތް ނުލިބުމުން ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ.

”އަސްލު މި ޕްރޮގްރާމަކީ ވަރަށްގިނަ ޢިލްމުވެރިން މީގައި ޝާމިލުވާ ޕްރޮގްރާމެއް. މިއީ  ވަރަށް ކޮލެޓީކޮށް ވީޑިއޯ ކުރެވި، ދުވަހުންދުވަހަށް އޭގެ އޯޑިއޯ އަދި ވީޑިއޯ އަޕްލޯޑު ކުރަމުންދާ ޕްރޮގްރާމެއް. ލައިވް ކުރަމުންދާ ޕްރޮގްރާމެއް. ގެންގުޅޭ ހުރިހާ އިކުއިޕްމެންޓުތައް ތަންތަނުން ބަދަލު ކުރުމަކީ ފަސޭހަކަމެއްނޫން. އަދި މީގެ ސަބަބުން މި ސިލްސިލާ ޤަވާއިދުުން ބައްލަވަމުންދާ ބޭފުޅުންނަށްވެސް ވަރަށް އުނދަގޫވާނެ. 10 ދުވަހުން 10 ދުވަހުން މިސްކިތް ބަދަލުވުމަކީ އިންތިހާއަށް އުނދަގޫވެގެންދާނެ ކަމެއް. ފާއިތުވީ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފުރްޤާން މިސްކިތް ދީފައިވަނީ. ނަމަވެސް މިއަހަރު އިސްލާމިކް މިނިސްޓްރީއިން ހުއްދައެއް ނުދިން މުޅި ރަމަޟާން މަހަކަށް. މިއީ ވަރަށްދެރަ ކަމެއް. މީގެ 4 މަސްކުރިންފެށިގެން މިއައީ މިނިސްޓްރީއަށް ހުއްދައަށް އެދިގެން އެކިއެކި މަސައްކަތްތައް ކުރަމުން. ނަމަވެސް މިފަހަރު ފުރްޤާން މިސްކިތް މިލިބުނީ 10 ދުވަހަށް.“ ޝައިޚް ފިކްރީ ވިދާޅުވިއެވެ.

މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާ މި ސިލްސިލާ ދަރުސްތަކަކީ ވަރަށް ގިނަ ބޭފުޅުންގެ ޝައުގުވެރިކަން ލިބިފައިވާ ދަރުސްތަކެކެވެ. 10 ދުވަހުން 10 ދުވަހުން މިސްކިތް ބަދަލުވާނެ ވާހަކަ އިޢުލާނު ކުރުމުގެ ސަބަބުން ޢާއްމުކޮށް ދަރުސް އަޑުއެހުމަށް ގޮސްއުޅޭ ފަރާތްތަކުގެ ޝަކުވާތައް ވަރަށްގިނައިން ލިބެމުންދާކަމަށް ޝެއިޚް ފިކުރީވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުވެސް، އެކިއެކި ޓީވީ ޗެނަލްތަކާއި އޮންލައިން ނޫސްތަކުގައި ތަފާތު ޕުރޮގުރާމްތަކެއް ދަނީ ގެނެސްދެމުންނެވެ. އަދި މީގެ ކުރިން ގެނެސްދީފައިވާ ސިލްސިލާ ދަރުސްތައް ޖަމްޢިއްޔާގެ ޔޫޓިއުބް ޗެނަލްއާއި، ސައުންޑްކްލައުޑުން ފަސޭހަކަމާއެކު އަޑުހާލެވި އަދި ޑައުންލޯޑު ކުރެވޭނެގޮތަށްވަނީ އަޕްލޯޑު ކޮށްފައެވެ.

 796 total views