مسائل الجاهلية (11) އަދި (12) ޞައްޙަ ޤިޔާސްއަށް އިންކާރުކޮށް ފާސިދު ގިޔާސްގެ މައްޗަށް ބަރޯސާވުން

އެމީހުން ދަލީލުނަގައި އުޅެނީ އަލްޤިޔާސުލް ފާސިދު އިންނެވެ. (އެބަހީ ޤިޔާސްކުރުމުގެ ޝަރުޠުތައް ހަމަނުވާ، ރަނގަޅުނޫން ޤިޔާސްކުރުމެކެވެ. ނުވަތަ އެއްގޮތްކުރުމެވެ.) އެމީހުންގެ އެފަދަ ވާހަކަތަކަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”قَالُواْ إِنْ أَنتُمْ إِلاَّ بَشَرٌ مِّثْلُنَا“ (إبراهيم 10) މާނައި: ”އެއުރެން ބުނެތެވެ. ހަމަކަށަވަރުން ތިޔަބޭކަލުންނަކީ (ނަބީބޭކަލުންނަކީ) ހަމަ ތިމަމެންފަދަ އިންސާނުންނެވެ.“

އެމީހުން ޤިޔާސުއް ޞަޙީޙަށް އިންކާރު ކުރެއެވެ.  

މި ބާބުގައި ހިމެނޭ މައްސަލައާއި ކުރީގެ މައްސަލަތަކާއިހުރި ގުޅުމަކީ؛ އެމީހުންނަށް އެއްޗެއްގައި ހުރި އެއްގޮތްކަމާއި ތަފާތު ވަކިކުރަން ނޭނގޭ ނޭނގުމެވެ.

[އުޞޫލުލްފިޤުހުގެ ޢިލްމުވެރިންގެ އަރިހުގައި ޤިޔާސްގެ ދެ ބާވަތެއް ވެއެވެ. އެއްބާވަތަކީ ޤިޔާސް ޢިއްލަތެވެ. އެއީ ދެ އެއްޗެއްގައި ހުރި ގުޅުމުގެ މައްޗަށް ބިނާކޮށް އަޞްލުއެތީގައި ޘާބިތުވެފައިވާ ޙުކުމެއް އަނެކައްޗަށްވެސް ނަޤުލު ކުރުމެވެ. މިއީ ޤިޔާސުއްޞަޙީޙު އެވެ. ނުވަތަ ޞައްޙަ / ރަނގަޅު ޤިޔާސް އެވެ.

ޤިޔާސުލް ފާސިދު ނުވަތަ ޞައްޙަ ނޫން، ނުރަނގަޅު ޤިޔާސަކީ މިދެންނެވި ކަންތައްތަކުގެ ތެރެއިން ކަމެއް އުނިވެފައިވާ ޤިޔާސްއެވެ. އެފަދަ ޙާލަތެއްގައި ޤިޔާސްކޮށްގެން އެ ޙުކުމް ޘާބިތެއް ނުކުރެވޭނެއެވެ.

މިއީ ވަރަށް ނުރައްކާތެރިކަން ބޮޑު މައްސަލައެކެވެ. އިބްނުލް ޤައްޔިމު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. ގިނަ މަގުފުރެދުންތަކެއްގެ ސަބަބެއްކަމުގައި ވެފައިވަނީ ޤިޔާސުލް ފާސިދެވެ. އެންމެ ފުރަތަމަ ފާސިދު ޤިޔާސަކުން ދަލީލު ނަގާފައިވަނީ އިބިލީހެވެ. އެއީ އާދަމްގެފާނަށް ސަޖިދަޖެހުމަށް މާތް ﷲ އަމުރު ކުރެއްވިހިނދުގައެވެ. އޭނާ ދެންނެވިއެވެ. ”قَالَ أَنَاْ خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ“ (الأعراف 12) މާނައީ: ”އޭނަ (އިބިލީސް) ބުންޏެވެ. ތިމަން އޭނާއަށްވުރެ (އާދަމްގެފާނަށްވުރެ) މާހެޔޮވެގެންވެއެވެ. އިބަރަސްކަލާނގެ ތިމަން ޚަލްޤުކުރެއްވީ އަލިފާނުންނެވެ. އޭނާ އުފެއްދެވީ މަށިންނެވެ.“

އިބިލީސް ޤަބޫލުކުރީ އަލިފާން މައްޓަށްވުރެ ރަނގަޅުކަމުގައެވެ. އެހެންވީމާ އާދަމްގެފާނަށްވުރެ ހެޔޮކަންބޮޑީ އޭނާ ކަމުގައި ނިންމިއެވެ. މިއީ ފާސިދު ޤިޔާސްއެކެވެ. އެހެނީ އަލިފާނަކީ މައްޓަށްވުރެ ހެޔޮކަންބޮޑު އެއްޗެއް ނޫނެވެ. އަޞްލު އަލިފާނަށްވުރެ ރަނގަޅީ މައްޓެވެ. އަލިފާނަކީ ރޯވާ އަދި ތަކެއްޗަށް ގެއްލުންދޭ އެއްޗެކެވެ. ނަމަވެސް މައްޓަކީ އޭގައި އެއްޗެއްތި ހެދޭ، އޮށް އިންދޭ އެއްޗެކެވެ. އަދި އެއިން މީސްތަކުންނަށް ރަނގަޅު ބޭނުން ހިފޭ އެއްޗެކެވެ.

މިތާނގައި ޤިޔާސްއަށް ބަލައިފިނަމަ އަހަރުމެންނަށް ބުނެވޭނީ އަލިފާނަށްވުރެ ހެޔޮކަންބޮޑީ މަށީގައި ކަމުގައެވެ. ނަމަވެސް މި ޙާލަތަކީ ޤިޔާސްގެ ބޭނުން ހިފަންޖެހޭ ޙާލަތެއް ނޫނެވެ. މިތާނގައި ބަރޯސާވާންޖެހޭނީ މާތް ﷲ ގެ ބަސްފުޅަށެވެ. އެކަލާނގެ ހޮއްވަވައި، އިޚްތިޔާރު ކުރައްވައި، މާތް ކުރައްވާފައިވާ ގޮތުގެ މައްޗަށެވެ. އެކަލާނގެ ކުރައްވާ ކަންތައްތަކާ ދެކޮޅު ހެދޭނޭ ފަރާތެއް ނުވެއެވެ.

ހަމައެފަދައިން މުޝްރިކުންވެސް، ރަސޫލުބޭކަލުންގެ ބަސް ދޮގުކުރުމަށްޓަކައި ޤިޔާސް އަށް ބަރޯސާވިއެވެ. އެމީހުން ބުންޏެވެ. ”قَالُواْ إِنْ أَنتُمْ إِلاَّ بَشَرٌ مِّثْلُنَا“ (إبراهيم 10) މާނައި: ”އެއުރެން ބުނެތެވެ. ހަމަކަށަވަރުން ތިޔަބޭކަލުންނަކީ (ނަބީބޭކަލުންނަކީ) ހަމަ ތިމަމެންފަދަ އިންސާނުންނެވެ.“ އެބޭކަލުން އިންސާނުންކަމުގައިވުން އެއީ އެބޭކަލުންގެ ރިސާލަތު ދޮގުކަމުގެ ދަލީލެއްކަމުގައި އެމީހުން ހެދިއެވެ. އެމީހުން ދެކޭގޮތުގައި ރަސޫލުކަމާއިގެން އިންސާނަކު ފޮނުއްވުމަކީ ވާނޭކަމެއް ނޫނެވެ.

މިއީ ފާސިދު ޤިޔާސް އެކެވެ. އެހެނީ ތަފާތުތަކާއެކުގައި ޤިޔާސް ނުކުރެވޭނެތީއެވެ. ރަސޫލު ބޭކަލުންނަކީ މާތް ﷲ ހޮއްވަވައި މާތްކުރައްވައި، އިޚްތިޔާރު ކުރައްވާފައިވާ ބޭކަލުންނެވެ. އެހެން މީސްތަކުންގެ ތެރެއިން އެބޭކަލުން މާތް ކުރެއްވުމާއި، އެބޭކަލުންގެ ހެޔޮކަމާއި ރަނގަޅުކަން މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ”اللَّهُ يَصْطَفِي مِنَ الْمَلائِكَةِ رُسُلاً وَمِنَ النَّاسِ إِنَّ اللَّهَ سَمِيعٌ بَصِيرٌ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ“ (الحج 75،76) މާނައީ: ”ﷲ މަލާއިކަތުންނާއި މީސްތަކުންގެ ތެރެއިން ރަސޫލުން އިޚްތިޔާރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އީ މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. އެއުރެންގެ ކުރިމަތީގައި ވާހާކަމަކާއި އެއުރެންގެ ފަހަތުގައި ވާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ.“

އެހެންވީމާ އެބައިމީހުންނާއި އެރަސޫލު ބޭކަލުންގެ ދެމެދުގައި ހިނގާދިޔަ ވާހަކަތައް މާތް ﷲ ވަނީ މިފަދައިން ބަޔާންކޮށްދެއްވާފައެވެ. ”قَالَتْ رُسُلُهُمْ أَفِي اللّهِ شَكٌّ فَاطِرِ السَّمَاوَاتِ وَالأَرْضِ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَى أَجَلٍ مُّسَـمًّى قَالُواْ إِنْ أَنتُمْ إِلاَّ بَشَرٌ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ آبَآؤُنَا فَأْتُونَا بِسُلْطَانٍ مُّبِينٍ“ (إبراهيم 10) މާނައީ: ”އެއުރެންގެ ރަސޫލުން ވިދާޅުވިއެވެ. އިސްވެދިޔަ މިސާލަކާނުލައި އުޑުތަކާއިބިން އުފެއްދެވި ﷲ އާމެދު، ޝައްކެއް ވޭހެއްޔެވެ؟ އެކަލާނގެ ތިޔަބައިމީހުންނަށް ގޮވައިލައްވަނީ، ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވުމަށާއި، ކަނޑައެޅިގެންވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރެއްވުމަށްޓަކައެވެ. އެއުރެން ދެންނެވިއެވެ. ތިމަންމެންކަހަލަ އިންސާނުންކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. ތިޔަބޭކަލުން އެދިވަޑައިގަންނަވަނީ، ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތިން ތިމަންމެން ދުރުކުރެއްވުމަށެވެ. ފަހެ، ބަޔާންވެގެންވާ ޙުއްޖަތެއް ތިމަންމެންނަށް ތިޔަބޭކަލުން ގެނެސްދެއްވަ ބައްލަވާށެވެ!“

މާތް ﷲ ގެ ޙިކުމަތްވަންތަކަމުން އިންސާނުންގެ ތެރެއަށް އެކަލާނގެ ރިސާލަތާއިގެން ވަޑައިގަންނަވާ ބޭކަލުންކަމުގައި މާތް ﷲ ލައްވާފައިވަނީވެސް ހަމަ އެފަދަ އިންސާނުންނެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”قُلْ لَوْ كَانَ فِي الْأَرْضِ مَلائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِمْ مِنَ السَّمَاءِ مَلَكاً رَسُولاً“ (الإسراء 95) މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ބިމުގައި ހިންގަވައި، ހަމަޖެހިވަޑައިގެންއުޅުއްވަނީ މަލާއިކަތުން ކަމުގައިވީނަމަ، އެބޭކަލުންގެ ގާތަށް ރަސޫލަކު ކަމުގައި ތިމަންރަސްކަލާނގެ ފޮނުއްވީހީ އުޑުން މަލާއިކަތެކެވެ.“ ]

 1,444 total views