ހެޔޮ ޢަމަލުތައް ޤަބޫލުވެވޭ ސަބަބުތަކާއި ބާޠިލުވާ ސަބަބުތައް

إنَّ الحمدَ للَّهِ، نحمَدُه ونَستعينُه ونَستغفرُه، ونعوذُ باللَّه من شُرورِ أنفُسِنا، ومن سيِّئات أعمالِنا، من يهدِه اللَّهُ فلا مُضِلَّ له، ومن يُضلِلْ فلا هاديَ له، وأشهدُ ألَّا إله إلَّا اللَّهُ وحده لا شريك له، وأشهدُ أنَّ مُحمَّداً عبدُه ورسولُه، صلَّى اللَّهُ عليه وعلى آله وأصحابه وسلَّم تسليماً كثيراً.

މަޚްލޫޤުން ޚަލްޤުކުރެއްވުމުގެ އެންމެ މަތިވެރި މަޤްޞަދަކީ ﷲ ތަޢާލާ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންކުރުމެވެ. އޭގެ ސަބަބުން ބިން އާރާސްތުވެގެންދެއެވެ. އަދި މީސްތަކުންނަށް ބާއްޖަވެރިކަން ލިބިގެންދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [سورة النحل 97]

މާނައީ: ”މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިހު ޢަމަލެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންއިލާހު ޖަޒާދެއްވާ ހުށީމެވެ.“

އަޅުތަކުންގެ ކިބައިން ހެޔޮކަމެއް މެނުވީ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވައެވެ. ހެޔޮޢަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަދި އެއިލާހު ޤަބޫލުފުޅު ކުރައްވާކަމެކެވެ.

ޢަމަލުތައް ޤަބޫލުވުމުގައި ބަލާ މައިގަނޑު އަސާސަކީ ﷲ އަށް އީމާންވުމާއި އެއިލާހުގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَنْ أَرَادَ الْآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُمْ مَشْكُورًا﴾ [سورة الإسراء 19]

މާނައި: ”މުއުމިނަކު ކަމުގައިވާ ޙާލު، އާޚިރަތަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް ޤަބޫލުވެވިގެންވާ މީހުންނެވެ.“

ކާފިރުންގެ ޢަމަލުތައް އާޚިރަތްދުވަހުގައި ޤަބޫލު ނުވެވޭނެއެވެ. އެއީ ކިތަންމެ ބޮޑު ޢަމަލެއް އެބައިމީހުންކުރިކަމުގައި ވިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا﴾ [سورة الفرقان 23]

މާނައި: ”އަދި ޢަމަލުގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންއިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.“

އޭނާ ކުރި ހެޔޮކަންކަމުގެ ޖަޒާ ދުނިޔޭގައި ދެއްވޭނެއެވެ. ނަމަވެސް އާޚިރަތުގައި އޭނާއަށް އެކަމުން ފައިދާއެއް ނުކުރާނެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

((يَا رَسُولَ اللهِ، ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ، وَيُطْعِمُ الْمِسْكِينَ، فَهَلْ ذَاكَ نَافِعُهُ؟ قَالَ: لَا يَنْفَعُهُ، إِنَّهُ لَمْ يَقُلْ يَوْمًا: رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ)) [رواه مسلم]

މާނައީ: ”އޭ ﷲގެ ރަސޫލާއެވެ! އިބްނު ޖުދްޢާނަކީ ޖާހިލިއްޔަ ޒަމާނުގައި ރަޙިމުގެ ގުޅުން ޤާއިމުކޮށް މިސްކީނުންނަށް ކާންދީ އުޅުނު މީހެކެވެ. އޭނާއަށް އޭގެ ސަބަބުން (އާޚިރަތުގައި ފައިދާ ކުރާނެ ހެއްޔެވެ.) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާއަށް ފައިދާއެއް ނުކުރާނެއެވެ. އެހެނީ އޭނާ ދުވަހަކުވެސް މިފަދައިން ބުނެފައި ނުވެއެވެ. ”އަޅުގެ ރައްބެވެ! ޤިޔާމަތްދުވަހު މިއަޅާގެ ފާފަ ފުއްސަވާނދޭވެ!“

އަދި އިސްލާމްކަން ފާޅުކޮށްފައި އެއާ ޚިލާފުކަމެއް (އެބަހީ: ނިފާޤުކަން) ވަންހަނާކޮށްފި މީހަކަށްވެސް އެމީހަކު އެ ފާޅުކުރިކަމަކުން ފައިދާއެއް ނުކުރާނެއެވެ. އަދި އެމީހެއްގެ ޢަމަލުތައް ޤަބޫލު ނުކުރައްވާނެއެވެ. މުނާފިޤުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ أَنْفِقُوا طَوْعًا أَوْ كَرْهًا لَنْ يُتَقَبَّلَ مِنْكُمْ إِنَّكُمْ كُنْتُمْ قَوْمًا فَاسِقِينَ * وَمَا مَنَعَهُمْ أَنْ تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَارِهُونَ﴾ [سورة التوبة 53-54]

މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުހުމުގައި، ނުވަތަ ނުރުހުމުގައި ހޭދަކުރިޔަސް، ތިޔަބައިމީހުންގެ ކިބައިން އެކަން ޤަބޫލު ނުކުރައްވާ ހުށްޓެވެ. އެހެނީ ހަމަކަށަވަރުން، ތިޔަބައިމީހުންވީ، ފާސިޤު ބަޔަކު ކަމުގައެވެ. [53] އަދި ހަމަކަށަވަރުން އެއުރެން ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށް ކާފިރުވިކަމާއި، އެއުރެން ކަންނެތް ޙާލުގައި މެނުވީ، ނަމާދަށް ނާންނަކަމާއި، ނުރުހިތިބި ބަޔަކު ކަމުގައިވާ ޙާލުގައި މެނުވީ ހޭދަނުކުރާކަމާއި، މިކަންކަން ފިޔަވައި އެއުރެންގެ ހޭދަތައް އެއުރެންގެ ކިބައިން ޤަބޫލުކުރެއްވުން މަނާކުރާކަމެއް ނެތެވެ. [54]“

އަޅުކަންތައް ބިނާވަނީ ނިޔަތާއި ޢަމަލުގެ މައްޗަށެވެ. އެކަންކަން ޤަބޫލުވެވެނީ ޤަޞްދުކުރުމުގައި އިޚްލާޞްތެރިވުމާއި ޢަމަލުގައި އިޙްސާންތެރިވުމުންނެވެ. އިޚްލާޞްތެރިވުމުން ނިޔަތް ރަނގަޅުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމުން ޢަމަލު ރަނގަޅުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ [سورة الكهف 110]

މާނައީ: ”ފަހެ، އެމީހެއްގެ ރައްބާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ރައްބަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާހުށިކަމެވެ!“

އިސްލާމްދީން ބިނާވެގެންވަނީ މައިގަނޑު ދެ އަޞްލެއްގެ މައްޗަށެވެ. އެއީ ﷲ ތަޢާލާ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންކުރުމާއި އެއިލާހު ޝަރުޢުކުރެއްވިގޮތަށް އެއިލާހަށް އަޅުކަންކުރުމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެންނެވި ގޮތެވެ. ޝަހާދަތުގެ ދެކަލިމައިގެ ޙަޤީޤަތަކީ މިއީއެވެ. ﷲ ތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ އެބައިމީހުން އިޚްލާޞްތެރިވާ މިންވަރާއި ނަބިއްޔާ صلى الله عليه وسلم އަށް ތަބާވާ މިންވަރު އިމްތިޙާނުކުރެއްވުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ * الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا﴾ [سورة الملك 1-2]

މާނައީ: ”އެއިލާހުގެ އަތްޕުޅުގައި އެންމެހާ ވެރިކަމެއްވާ އިލާހު، ހެޔޮކަން އިތުރުވެ މަތިވެރިވެގެންވެއެވެ. އެއިލާހީ އެންމެހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. [1] އެއީ ޢަމަލުގައި އެންމެ ހެޔޮވެގެންވަނީ ތިޔަބައިމީހުންކުރެ ކާކުތޯ އިމްތިޙާނު ކުރެއްވުމަށް މަރާއި ދިރުން ޚަލްޤުކުރެއްވި އިލާހެވެ. [2]“

އެބަހީ: އެންމެ ޚާލިޞްކޮށް އަދި އެންމެ ރަނގަޅަށް ޢަމަލުކުރަނީ ކޮންބައެއްކަން އިމްތިޙާނުކުރެއްވުމަށެވެ.

ފުޟައިލު ބުން ޢިޔާޟް رحمه الله ވިދާޅުވިއެވެ.

”އިޚްލާޞްތެރިކަމާއެކު ޢަމަލު ކުރިޔަސް ނުރަނގަޅު ޢަމަލެއް ކޮށްފިނަމަ އެޢަމަލެއް ޤަބޫލު ނުވެވޭނެއެވެ. އަދި ރަނގަޅު ޢަމަލެއް ކުރިޔަސް އިޚްލާޞްތެރި ނުވެއްޖެނަމަ އެޢަމަލެއް ޤަބޫލު ނުވެވޭނެއެވެ. އިޚްލާޞްތެރިކަމާއެކު ރަނގަޅު ޢަމަލެއް ކޮށްފުމަށް ދާންދެން ޢަމަލު ޤަބޫލު ނުވެވޭ ހުއްޓެވެ.“

އިޚްލާޞްތެރިވުމަކީ: ﷲއަށްޓަކައި އެކަމެއް ކުރުމެވެ.

ރަނގަޅު ޢަމަލަކީ: ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އެކަމެއް އައިސްފައިވާ ގޮތަށް އެކަމެއް ކުރުމެވެ.

އިޚްލާޞްތެރިކަމުގެ ޙަޤީޤަތަކީ: ﷲއަށް ކިޔަމަންގަނެ، ޢަމަލެއްކުރާއިރު އެއިލާހުގެ ވަޖުހުފުޅު އަދައިގެން އެކަމެއް ކުރުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ﴾ [سورة الزمر 2]

މާނައީ: ”اللَّه އަށް ޢަމަލުތައް ޚާލިޞްކުރާ ޙާލު ކަލޭގެފާނު އެއިލާހަށް އަޅުކަން ކުރައްވާށެވެ!“

މުސްލިމު އަޅާ ﷲއަށް ކިޔަމަންގަނެ ކުރާ ހުރިހާ ޢަމަލެއްގައިވެސް އެއިލާހަށް އިޚްލާޞްތެރިވެ ޢަމަލުކުރުމަށް އަމުރުވެވިގެންވެއެވެ. އަދި އެކަމަށްޓަކައި އެއްވެސް މަޚްލޫޤެއްގެ ކިބައިން ޝުކުރަކަށް އަދި ޖަޒާއަކަށް އެދުމެއް ނުވެއެވެ.

ޢަމަލު ޤަބޫލުވެވުމުގެ އަސާސަކީ ހިތް ރަނގަޅުވުމެވެ. އަދި ޢަމަލުތައް ރަނގަޅުވަނީ ނިޔަތް ރަނގަޅުވެގެންނެވެ. ޢަމަލުކޮށްގެން ނުދެވޭ ހިސާބަށް ނިޔަތުގެ ސަބަބުން ދެވިދާނެއެވެ. ކުޑަ ޢަމަލެއްވެސް ނިޔަތުގެ ސަބަބުން މަތިވެރިވެއެވެ. އަދި ބޮޑު ޢަމަލެއްވެސް ނިޔަތުގެ ސަބަބުން ކުޑަވެއެވެ.

ޔަޙްޔާ ބުން އަބީ ކަޘީރު رحمه الله ވިދާޅުވިއެވެ.

”ތިޔަބައިމީހުން (ހެޔޮ) ނިޔަތް ދެނެގަންނާށެވެ. ޢަމަލަށްވުރެ ދުރަށް އެ ފޯރައެވެ.“

އިޚްލާޞްތެރިކަމެއް ނެތި ކުރާ ކޮންމެ އަޅުކަމަކީ އަޅުކަމެއްގެ ގޮތުގައި ބަލައިގަނެވޭނެ އަޅުކަމެއް ނޫނެވެ. އަޅުކަމެއް އިޚްލާޞްތެރިކަމާއެކު ކުރާއިރު އެއާއެކު އެއް ހިތެއްގައި ޖަމާ ނުވާނެ ކަންތައްތަކެއްވެއެވެ. އެއަޅުކަމުގެ ސަބަބުން މީސްތަކުންގެ މަދަޙަ ޘަނާ ލިބުމަށް ލޯބިކުރުމާއި އެބައިމީހުންގެ އަތުގައިވާ އެއްޗެއް ލިބުމަށް އެދޭނަމަ އެއީ އެއް ހިތެއްގައި އިޚްލާޞްތެރިކަމާއެކު ޖަމާވާނޭ ކަންކަމެއް ނޫނެވެ.

ﷲ އަށް ކިޔަމަން ގަތުމުގެ ގޮތުން ކުރާ ޢަމަލެއްގައި ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމަކީ އެކަން ޤަބޫލުވުމުގެ ޝަރުޠެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا؛ فَهُوَ رَدٌّ» [رواه مسلم]

މާނައީ: ”ތިމަންމެންގެ މިދީނުގައި ނެތް ޢަމަލެއްކޮށްފިމީހާ ދަންނައެވެ. ފަހެ އެކަމެއްވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ.“

ސަޢީދު ބުން ޖުބައިރު رحمه الله ވިދާޅުވިއެވެ.

”އެއްވެސް ބަހެއް އަދި ޢަމަލެއް (ރަނގަޅު) ނިޔަތަކާ ނުލައި ޤަބޫލު ނުވެވޭނެއެވެ. އަދި ސުންނަތާ އެއްގޮތަށް ކޮށްގެން މެނުވީ އެއްވެސް ބަހެއް، ޢަމަލެއް (ރަނގަޅު) ނިޔަތެއް ޤަބޫލު ނުވެވޭނެއެވެ.“

ޢަމަލުކުރުމުގައި ތަޤްވާވެރިވުމަކީ ޢަމަލު ޤަބޫލުވުމުގެ ސަބަބެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.  

﴿إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ﴾ [سورة المائدة 27]

މާނައީ: ”اللَّه ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ.“

މުސްލިމު އަޅާގެ ކިބައިން ޢަމަލުތައް ޤަބޫލު ނުވެދާނެތީ އޭނާ އެކަމަށް ނުހަނު ބިރުވެތިވާނެއެވެ. ކުރިއަރައި ދިޔަ ބޭކަލުންގެ ގޮތަކީވެސް އެއީއެވެ.

އަބުއް ދަރްދާ رضي الله عنه ވިދާޅުވިއެވެ.

”މިދުނިޔެއާއި މިދުނިޔޭގައި ވާހާ އެއްޗެއް ލިބުމަށްވުރެ މިއަޅާގެ އެންމެ ނަމާދެއް ﷲ ތަޢާލާ ޤަބޫލުކުރެއްވިކަމުގެ ޔަޤީންކަން ލިބުން މިއަޅާއަށް މާ ލޮބުވެތިކަން ބޮޑެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ﴾ (މާނައީ:“اللَّه ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ.“) ”

ޢަމަލުތައް ﷲއަށް ޚާލިޞްކޮށް، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވެ، ﷲއަށް ތަޤުވާވެރިވާ ޙާލު ޢަމަލުކުރާ މީހެއްގެ ޢަމަލު ދީލަތިވަންތަ ރައްބުގެ ޙަޟްރަތުގައި ޤަބޫލުވެވުން ގާތްކަން ބޮޑެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

”ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޢަމަލުކުރުމުގައި ﷲ ތަޢާލާއަށް ތަޤުވާވެރިވެ، އެއިލާހަށް ޚާލިޞްކޮށް އެކަންކޮށް، އެއިލާހު އަމުރުކުރެއްވި ގޮތަށް އެކަން އަދާކޮށްފި މީހެއްގެ ކިބައިން އެއެއިލާހު ޤަބޫލުކުރައްވާނެއެވެ.“

އަލްޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ.

”ހަމަކަށަވަރުން ހެޔޮކަމެއްކުރުމުގެ ޖަޒާއަކީ އޭގެ ފަހުގައި ހެޔޮކަމެއް ކުރެވުމެވެ. އަދި ނުބައިކަމުގެ ޢުޤޫބާތަކީ އޭގެ ފަހުންވެސް ނުބައިކަމެއް ކުރެވުމެވެ.“

ނުބައިކަމަކާ ވިދިގެން ހެޔޮކަމެއް ކުރުމަށް ވުރެ ރަނގަޅުކަމެއް ނުވެއެވެ. އެހެނީ އެނުބައިކަން އޭގެ ސަބަބުން ފޮހެވިގެން ދާނެއެވެ. ހެޔޮކަންތައް އިތުރު ނުކުރާމީހާވާނީ ހެޔޮކަމުގައި އުނިވަމުންދާ މީހަކަށެވެ.

އަޅުކަންތައް އަދާކުރުމަށް ފަސޭހަވުމާއި ހެޔޮކަމަށް ހިތްޖެހުމަކީ މިދުނިޔެ މަތީގައި އެމީހަކަށް ދެއްވިގެންވާ އުފާވެރިކަމުގެ ޚަބަރެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَأَمَّا مَنْ أَعْطَى وَاتَّقَى * وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى﴾ [سورة الليل 5-7]

މާނައީ: ”ފަހެ މުދަލުން ހޭދަކޮށް އަދި ތަޤުވާވެރިމީހާ ދަންނައެވެ. [5] އަދި އޭނާ އެންމެ ހެޔޮބަސްފުޅު ތެދުކުރެއެވެ. [6] ފަހެ ތިމަން އިލާހު ފަސޭހަކަންހުރި މަގަށް އޭނާއަށް ފަހި ކުރައްވާހުށީމެވެ. [7]“

ޢަމަލުގައި ޘާބިތުވުމާއި ކިޔަމަންގަތުމުގައި ދާއިމުވުމަކީ، ހެޔޮކަމާއި ތައުފީޤު ދެއްވިގެންވާކަމުގެ ދަލީލެކެވެ. އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.

”ކަރީމުވަންތަ ﷲ ގެ އާދައަކީ މީހަކު، ކަމެއްގެ މަތީގައި ދިރިއުޅެއްޖެއްޔާ އެކަމެއްގެ މަތީގައި އެމީހާ މަރުގެންނެވުމެވެ. އަދި ކަމެއްގެ މަތީ މަރުވެއްޖެމީހާ އެކަމުގެ މަތީ ޤިޔާމަތް ދުވަހުން އަލުން ދިރުއްވޭނެއެވެ.“

ނަބިއްޔާ صلى الله عليه وسلَّم ގެ ހިދާޔަތަކީ ޢަމަލުކުރުމުގައި ދާއިމުވުމެވެ. އެކަލޭގެފާނު ޢަމަލެއްކުރައްވާނަމަ އެކަމުގައި ޘާބިތުވެވަޑައިގަންނަވައެވެ. އަދި ޙަދީޘްކުރެއްވިއެވެ.

((أَحَبُّ الأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ)) [متفق عليه]

މާނައީ: ”ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ކިތަންމެ މަދުން ކުރިޔަސް ދާއިމަށް ކުރެވޭ ޢަމަލުތަކެވެ.“

ގުނަވަންތައް ހެޔޮވެ ރަނގަޅުވުމަކީ ކިޔަމަންގަތުމުގެ ޢަމަލުތައް ޤަބޫލުވުމުގެ މޭވާއެވެ. އަދި އެކަމުގެ އަހުލުވެރިޔާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާކަމުގެ ޢަލާމާތެކެވެ. ޤުދުސިއްޔަ ޙަދީޘެއްގައި އެއިލާހު ވަޙީކުރެއްވިއެވެ.

((وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا ٱفْتَرَضْتُهُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَإِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنِ ٱسْتَعَاذَنِي لَأُعِيذَنَّهُ)) [رواه البخاري]

މާނައީ: ”އަދި ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުއްތަންވުމަށްޓަކައި ކުރާ ޢަމަލުތަކުގެ ތެރެއިން، ތިމަންއިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އޭނާގެ މައްޗަށް ތިމަންއިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ތިމަންއިލާހާ ކުއްތަންވުމުގެ ގޮތުން ސުންނަތްތައް އަދާކުރުމުގެ މަތީ އެއަޅާ ދެމިހުރިހާ ހިނދަކު، އެއަޅާދެކެ ތިމަންއިލާހު ލޯބިވެވޮޑިގަންނަވަމެވެ. ފަހެ ތިމަންއިލާހުގެ ލޯބިވެވޮޑިގަތުން އެއަޅާއަށް ލިބިއްޖެނަމަ، އެ އަޅާ އަޑުއަހައި އުޅޭ އިވުން ކަމުގައި، އަދި ބަލާ އުޅޭ ބެލުން ކަމުގައި، އަދި ހިފާ އުޅޭ އަތް ކަމުގައި، އަދި ހިނގައި އުޅޭ ފައި ކަމުގައި ތިމަންއިލާހު ވެވޮޑިގަންނަވާނަމެވެ. (އެބަހީ: އެގުނަވަންތަކުން އެއަޅާކުރާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތަކެވެ.) އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެ އަޅާ ކަމަކަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް އެކަމެއް ކޮށްދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެއަޅާ ރައްކާތެރިކަމަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް ރައްކާތެރިކަން ދެއްވާހުށީމެވެ.“

މުއުމިނެއްގެ ސިފައަކަށް ވާންޖެހޭނީ އަޅުކަމުގައި ބުރަކޮށް މަސައްކަތްކުރުމަށް ފަހު ދެން އެކުރެވުނީ މާ ބޮޑުކަމެއްކަމުގައި ހީ ނުކުރުމެވެ. އަދި ކިޔަމަންގަތުމުގެ ޢަމަލެއް ނިންމުމަށް ފަހުގައި އަނެއްކާވެސް އެއާ ވިދިގެން އެހެން ހެޔޮ ޢަމަލެއް ކުރުމެވެ.

ރައްބުވަންތަކަމުގެ ޙަޤީޤަތް އެނގޭ، އަޅުކަމުގެ މާނަ ދަންނަ، އެމީހެއްގެ ރައްބު މަޢުރިފާކުރާ މީހާ ދަންނައެވެ. އެމީހެއްގެ ޢަމަލުތަކަށް ޖަޒާދެއްވޭނެކަން އޭނާއަށް އެނގޭނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހަމައެކަނި އެމީހެއްގެ ޢަމަލުތަކުގެ ޛަރީޢާއިން ސުވަރުގެއަށް ނުވަންނާނެއެވެ. އެހެނަސް ސުވަރުގެއަށް ވަންނާނީ ﷲ ތަޢާލާގެ ފަޟްލުވަންތަކަމާއި ދީލަތިކަމާއި ރަޙްމަތުންނެވެ.

ކިޔަމަންގަތުމުގެ ޢަމަލަކަށް ފަހު ފާފަފުއްސެވުމަށް އެދި ދަންނަވައި އަދި ފަރުވާކުޑަކުރެވިފައިވާކަމަށް އިޢުތިރާފުވުމަކީ ﷲ ތަޢާލާގެ އިޚްލާޞްތެރި އަޅުންގެ ގޮތެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ [سورة الذاريات 17- 18]

މާނައީ: ”އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. [17] އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދި ދުޢާ ކުރެތެވެ. [18] ”

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

”ތިބާގެ ޢަމަލުތައް ޤަބޫލުވެގެންވާކަމުގެ ޢަލާމާތަކީ: އެއީ މާބޮޑު އަދި މާ ގިނަ ކަންތައްތަކެއްކަމަށް ހީނުވުމެވެ. ﷲ ތަޢާލާ މަޢުރިފާކޮށް އެނގޭ މީހަކު އެއިލާހަށް ކިޔަމަން ގަތުމަށް ފަހުގައިވެސް ފާފަފުއްސެވުމަށް އެދި ދަންނަވާނެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ނަމާދުކޮށް ނިމުމުން، އެކަލޭގެފާނު ﷲ ތަޢާލާގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވައެވެ. އަދި ޙައްޖުކުރުމަށްފަހު ފާފަފުއްސެވުމަށް އެދި ދެންނެވުމަށް ﷲ ތަޢާލާވަނީ އަމުރުކުރައްވާފައެވެ. އަދި ރޭ އަޅުކަމަށް ފަހު ފާފަފުއްސެވުމަށް އެދި ދަންނަވާ މީހުންނަށް އެއިލާހުވަނީ މަދަޙައިގެ ބަސް ވަޙީކުރައްވާފައެވެ. ޠަހާރަތަށް ފަހުގައި ނަބިއްޔާ صلى الله عليه وسلم ވަނީ ތައުބާވެ ފާފަފުއްސެވުމަށް އެދި ދަންނަވާފައެވެ. ﷲ ތަޢާލާ ލައްވާފައިވާ ވާޖިބުތައް އެނގޭ މީހަކަށް، އެމީހަކަށް ޢަމަލުކުރެވޭ ވަރާ އަދި އެމީހެއްގެ ނަފްސުގެ ޢައިބުތައް އެނގިއްޖެނަމަ އޭނާގެ ރައްބުގެ ޙަޟްރަތުން ފާފަފުއްސަވައިދެއްވުން އެދި ދެންނެވުން ފިޔަވައި އިތުރު ގޮތެއް ނުފެންނާނެއެވެ. އަދި އޭނާގެ ޢަމަލުތަކުގެ މަދުކަން ފެނިގެންދާނެއެވެ.“

ﷲ ތަޢާލާވަނީ އެއިލާހުގެ އަޅުތަކުންނާމެދު ޘަނާގެ ބަސްވަޙީކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَى رَبِّهِمْ رَاجِعُونَ﴾ [سورة المؤمنين 60]

މާނައީ: ”އަދި އެއުރެންނީ އެއުރެންގެ ރައްބުގެ ޙަޟްރަތަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލު (ޞަދަޤާތުގެ ގޮތުން) އެއުރެން ދޭ އެއްޗެއް ދޭމީހުންނެވެ.“

މިއާޔަތާ ބެހޭގޮތުން ޢާއިޝާ رضي الله عنها ސުވާލުދެންނެވިއެވެ.

((يَا رَسُولَ اللَّهِ! أَهُمُ الَّذِينَ يَشْرَبُون الخَمْرَ وَيَسْرِقُونَ؟ قَالَ: لَا، يَا بِنْتَ الصِّدِّيقِ، وَلَكِنَّهُمُ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ، وَهُمْ يَخَافُونَ أَلَّا يُتَقَبَّلَ مِنْهُمْ ﴿أُولَئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ﴾)) [رواه الترمذي]

މާނައީ: ”އޭ ﷲ ގެ ރަސޫލާއެވެ! އެއީ ރާބޯމީހުންނާއި ވައްކަންކުރާ މީހުންގެ ވާހަކަ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ޞިއްދީޤުގެ ދަރިކަނބަލުންނޭވެ! ނޫނެކެވެ. އެހެނަސް އެބައިމީހުންނީ ރޯދަހިފައި ނަމާދުކޮށް ޞަދަޤާތްކޮށް އުޅޭ މީހުންނެވެ. އެއާއެކުވެސް އެބައިމީހުންގެ ކިބައިން ޤަބޫލު ނުވެދާނެތީ އެބައިމީހުން އެކަމާ ބިރުގަންނަނީއެވެ.

﴿أُولَئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ﴾

މާނައީ: ”އެއުރެންނީ ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ.“

މުއުމިނު އަޅާ އިޙްސާންތެރިކަމާއި ބިރުގަތުން އޭނާގެ ކިބައިގައި ޖަމާކުރެއެވެ.

ޢަބްދުލް ޢަޒީޒް ބުން އަބީ ރައްވާދު رحمه الله ވިދާޅުވިއެވެ.

”ތާބިޢީ ބޭކަލުންނާ ތިމަންކަލޭގެފާނާ ބައްދަލުވިއެވެ. ޞާލިޙު ޢަމަލުކުރެއްވުމުގައި އެބޭކަލުން ބުރަކޮށް މަސައްކަތްކުރައްވައެވެ. ފަހެ އެކަމެއްކުރުމަށް ފަހުގައި އެކަމެއް ޤަބޫލުވެވޭނެކަމާމެދު އެބޭކަލުން ކަންބޮޑުވެވަޑައިގަންނަވައެވެ.“

ޢަމަލުތައް ޤަބޫލުވެވުމުގެ އެންމެ ބޮޑު އެއްސަބަބަކީ އެކަމަށް އެދި ދުޢާކުރުމެވެ. ފަހެ އިބްރާހީމް އަދި އިސްމާޢީލު عليهما السلام ގެފުޅުގެ ބިންގާ އުފުއްލަވުން ދިޔަ ހިނދު ދުޢާކުރެއްވިއެވެ.

﴿رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ﴾ [سورة البقرة 127]

މާނައީ: ”އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ރައްބެވެ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލު ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“

އަދި ޢިމްރާނުގެފާނުގެ އަނބިކަނބަލުން، އެކަމަނާގެ ބަނޑުގައިވާ ދަރިފުޅު މަސްޖިދުލް އަޤްޞާއަށް ޚިދުމަތްކުރައްވާނެކަމަށް ނަދުރުބުނި ހިނދުގައި ދުޢާކުރެއްވިއެވެ.

﴿رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ﴾ [سورة آل عمران 35]

މާނައީ: ”އަޅުގެ ރައްބެވެ. އަޅުގެ ބަނޑުގައި އޮތް ދަރި (ބައިތުލް މަޤްދިސްގެ ޚިދުމަތަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބައިލާހުގެ ޙަޟްރަތަށް ޚާލިޞުކުރުމަށް ހަމަކަށަވަރުން ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“

އުޟްޙިޔާ ކަތިލައްވަމުން ނަބިއްޔާ صلى الله عليه وسلم ވިދާޅުވެއެވެ.

((اللَّهُمَّ تَقَبَّلْ مِنْ مُحَمَّدٍ، وَآلِ مُحَمَّدٍ، وَمِنْ أُمَّةِ مُحَمَّدٍ)) [رواه مسلم]

މާނައީ: ”އޭﷲ! މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ ކިބައިންނާ އަދި މުޙައްމަދުގެފާނުގެ އުންމަތުގެ ކިބައިން (މިކަން) ޤަބޫލުކުރައްވާނދޭވެ!“

އަދި ޝުކުރުކުރުމަކީވެސް ޤަބޫލުވެވުމުގެ މަގެކެވެ. އަދި އެއީ ނިޢުމަތްތައް އިތުރުވުމުގެ ދޮރެއްވެސްމެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ﴾ [سورة إبراهيم 7]

މާނައީ: ”އަދި ތިޔަބައިމީހުންގެ ރައްބު އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ތިމަންއިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ.“

ﷲ ތަޢާލާގެ ޞާލިޙު އަޅުތަކުން މިފަދައިން ދުޢާކުރެއެވެ.

﴿رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ﴾ [الأحقاف 15]

މާނައީ: ”އަޅުގެ ރައްބެވެ! އިބައިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރުކުރުމަށާއި، އިބައިލާހު ރުހިވޮޑިގެންވާ ޞާލިޙު ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމު ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާހު ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، މިއަޅާ އިބައިލާހަށް ތައުބާވެއްޖައީމެވެ. ހަމަކަށަވަރުން، މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ.“

އަދި ﷲ ތަޢާލާވަނީ އެބައިމީހުންނަށް އަންނަނިވި ވަޢުދުން ވަޢުދުވެވޮޑިގެންނެވެ.

﴿أُولَئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَنْ سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ﴾ [سورة الأحقاف 16]

މާނައީ: ”އެއުރެންނީ، އެއުރެން ކުޅަ އެންމެ ހެޔޮކަން ބޮޑު ޢަމަލުތައް އެއުރެންގެ ކިބައިން ތިމަންއިލާހު ޤަބޫލު ކުރައްވައި، އެއުރެންގެ ކުށްތައް ފުއްސަވައި، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ.“

މުސްލިމު އަޅާގެ ޢަމަލުތައް ޤަބޫލުވުމަށް އޭނާ އުންމީދު ކުރެއެވެ. އަދި އެކަން ޙާޞިލުކުރުމަށް އޭނާ މަސައްކަތް ކުރެއެވެ. ޢަމަލު ފަސާދަވެ ބާޠިލުވެދާނެތީ އޭނާ އެކަމަށް ވަރަށް ސަމާލުކަން ދެއެވެ. އެހެނީ ހަމައެކަނި ހެޔޮޢަމަލުކުރުމުން އެފުދުނީއެއް ނޫނެވެ. އެހެނަސް އެޢަމަލުތައް ބާޠިލުވާފަދަ ކަންކަމުން ރައްކާތެރިކުރަންވެސް ޖެހޭނެއެވެ. ޢަމަލުތައް ބާޠިލުކޮށްލާ އެންމެ ބޮޑު ކަމަކީ ޝިރުކުކުރުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ﴾ [سورة الأنعام 88]

މާނައީ: ”އެބޭކަލުންވެސް (اللَّه އަށް) ޝަރީކުކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލުވީހެވެ.“

އާޚިރަތަށްޓަކައި ކުރާ ޢަމަލުތަކުން ދުނިޔަވީ މަންފާއެއް އެދުމަކީވެސް ޢަމަލުތައް ބާޠިލުވާކަމެކެވެ.

﴿مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ * أُولَئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ﴾ [سورة هود 15- 16]

މާނައީ: ”ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ތިމަންއިލާހު އެއުރެންނަށް އެތަނުގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތަނުގައި އުނި ނުކުރައްވާ ހުށްޓެވެ. [15] އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލުވެގެންވެތެވެ. [16]“

މުރުތައްދުވުމަށްފަހު އެގޮތުގައި މަރުވުމަކީވެސް ޢަމަލުތައް ބާޠިލުކޮށްލާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ﴾ [سورة البقرة 217]

މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު، މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް ބާޠިލުވެފައިވާ ބަޔެކެވެ.“

އިސްލާމްދީނާމެދު ނަފްރަތުކުރުމަކީވެސް އެމީހެއްގެ ޢަމަލުތައް ބާޠިލުކޮށްލާކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ذَلِكَ بِأَنَّهُمْ كَرِهُوا مَا أَنْزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ﴾ [سورة محمد 9]

މާނައީ: ”އެއީ އެއުރެން، اللَّه ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެއިލާހު އެއުރެންގެ ޢަމަލުތައް ބާޠިލުކުރެއްވިއެވެ.“

ﷲގެ އާޔަތްތަކަށް ކާފިރުވުމާއި އާޚިރަތްދުވަހު އެއިލާހާ ބައްދަލުވާނޭކަމަށް ކާފިރުވުމަކީވެސް އެމީހެއްގެ ޢަމަލުތައް ފާސިދުވެގެންދާނެ ކަމެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.  

﴿وَالَّذِينَ كَذَّبُوا بِآيَاتِنَا وَلِقَاءِ الْآخِرَةِ حَبِطَتْ أَعْمَالُهُمْ﴾ [سورة الأعراف 147]

މާނައީ: ”އަދި ތިމަންއިލާހުގެ އާޔަތްތަކާއި އާޚިރަތުގެ ބައްދަލުވުން ދޮގުކުޅަ މީހުންގެ ޢަމަލުތައް، ބާޠިލުވެގެން ހިނގައްޖެއެވެ. އެއުރެން ކޮށްއުޅުނު ކަންތަކަށް މެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެ ހެއްޔެވެ!“

ﷲ ކޯފާވެގެންވާ މަގަށް ތަބާވެ އެއިލާހުގެ ރުއްސެވުމަށް ނުރުހުންތެރިވާ މީހާއަށް، އެމީހަކަށް އެކަށޭނެ ޖަޒާއެއް ﷲ ތަޢާލާ ދެއްވާނެއެވެ. ފަހެ އެފަދަ މީހުންގެ ޢަމަލުތައް އެއިލާހު ބާޠިލުކުރައްވާނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿ذَلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ﴾ [سورة محمد 28]

މާނައީ: ”އެއީ، اللّه ކޯފާވެވޮޑިގެންވާ މަގަށް އެއުރެން ތަބާވީކަމަށްޓަކައެވެ. އަދި އެއިލާހު ރުއްސެވުމަށް އެއުރެން ނުރުހުންވީކަމަށްޓަކައެވެ. ފަހެ، އެއިލާހު އެއުރެންގެ ޢަމަލުތައް ބާޠިލުކުރެއްވިއެވެ.“

މުނާފިޤުންގެ ޢަމަލުތަކަކީ އަވާމެންދުރެއްފަދަ އެއްޗެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

 ﴿أُولَئِكَ لَمْ يُؤْمِنُوا فَأَحْبَطَ اللَّهُ أَعْمَالَهُمْ﴾ [سورة الأحزاب 19]

މާނައީ: ”އެއުރެން އީމާނެއް ނުވެތެވެ. ފަހެ، اللَّه އެއުރެންގެ ޢަމަލުތައް ބާޠިލުކުރެއްވިއެވެ.“

ނަބިއްޔާ صلى الله عليه وسلم އާ ދެކޮޅުވެރިވުމާއި ޤަޞްދުގައި އެކަލޭގެފާނާ ޚިލާފުވެގަތުމަކީވެސް އެމީހެއްގެ ޢަމަލުތައް ބާޠިލުވެގެންދާ ކަމެކެވެ. ފަހެ އޭގެ ސަބަބުން އެކަލޭގެފާނަށް ވާނޭ ގެއްލެމެއް ނެތެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ وَشَاقُّوا الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى لَنْ يَضُرُّوا اللَّهَ شَيْئًا وَسَيُحْبِطُ أَعْمَالَهُمْ﴾ [سورة محمد 32]

މާނައީ: ”ހަމަކަށަވަރުން ކާފިރުވެ އަދި ﷲ ގެ މަގުން (އެހެންމީހުން) އެއްކިބާކޮށް އަދި އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވާ މީހުންނަކަށް، އެއްވެސް ކަމަކުން ﷲއަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި އެއިލާހު އެއުރެންގެ ޢަމަލުތައް ބާޠިލުކުރައްވާނެތެވެ.“

އަދި ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގެ މައްޗަށް އަޑު އުފުލުމަކީވެސް ޢަމަލުތައް ބާޠިލުވެގެންދާ ކަމެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لَا تَشْعُرُونَ﴾ [سورة الحجرات 2]

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާ ފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސް ނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ.“

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

”ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅާއި އެކަލޭގެފާނުގެ ގޮތާއި އެކަލޭގެފާނު ހިންގެވި މަގުގެ މައްޗަށް، އެހެން މީހެއްގެ ބަހާއި ގޮތާއި ދައްކާމަގު އިސްކޮށްފިމީހާގެ ހާލާ މެދު ދެންފަހެ ވިސްނަވާށެވެ.“

ދެއްކުންތެރިކަމަކީ ޢަމަލު ބާޠިލުކޮށްލާ ކަމެކެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

 ((مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِيَ غَيْرِي تَرَكْتُهُ وَشِرْكَه)) [رواه مسلم]

މާނައީ: ”މީހަކު ޢަމަލެއްކުރާއިރު ތިމަންއިލާހާ އެހެން ފަރާތެއް ޝަރީކުކޮށްފިނަމަ އޭނާއާއި އޭނާ އެކުރި ޝިރުކު (އެބަހީ: އެޢަމަލު) ތިމަންއިލާހު ދޫކޮށްލަމެވެ.“

އަދި އަތްބަލާ ނުވަތަ ފާލު ބަލާމީހެއްގެ ގާތަށް ދިޔުމަކީވެސް ޢަމަލު ބާޠިލުކޮށްލާ ކަމެކެވެ. ޙަދީޘެއްގައިވެއެވެ.

((مَنْ أَتَى عَرَّافاً فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً)) [رواه مسلم]

މާނައީ: ”ފާލު ބަލާ މީހެއްގެ ގާތަށް ގޮސް ކަމަކާމެދު ސުވާލުކޮށްފިނަމަ ސާޅީސް ދުވަސްވަންދެން އެމީހެއްގެ ނަމާދު ޤަބޫލު ނުވެވޭނެއެވެ.“ [1]

އަދި ނަމާދު އެޅުމަކީވެސް ޢަމަލު ބާޠިލުކޮށްލާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.  

((مَنْ تَرَكَ صَلَاةَ العَصْرِ؛ فَقَدْ حَبِطَ عَمَلُه)) [رواه البخاري]

މާނައީ: ”ޢަޞުރުނަމާދު އަޅައިފިމީހާ ދަންނައެވެ. އެމީހެއްގެ ޢަމަލު ބާޠިލުވެއްޖެއެވެ.“

މީހުންނާ ދިމާލަށް އެއްޗެހި ގޮވާ އަދި އަނިޔާދިނުމަކީވެސް ހެޔޮކަންތައް އުނިކޮށްލާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ القِيَامَةِ بِصَلَاةٍ، وَصِيَامٍ، وَزَكَاةٍ، وَيَأْتِي قَدْ شَتَمَ هَذَا، وَقَذَفَ هَذَا، وَأَكَلَ مَالَ هَذَا، وَسَفَكَ دَمَ هَذَا، وَضَرَبَ هَذَا؛ فَيُعْطَى هَذَا مِنْ حَسَنَاتِهِ، وَهَذَا مِنْ حَسَنَاتِهِ، فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ فِي النَّارِ)) [رواه مسلم]

މާނައީ: ”ތިމަންކަލޭގެފާނުގެ އުންމަތުގައިވާ ބަނގުރޫޓުވެފައިވާ މީހަކީ ޤިޔާމަތްދުވަހު ނަމާދާއި ރޯދައާއި ޒަކާތް ފަދަ ޢަމަލުތަކާއިގެން އަންނައިރު، އެހެންމީހުންނަށް އެއްޗެހި ގޮވާ، ގަޛްފުކޮށް މުދާކައި، ލޭއޮހޮރުވާލައި ތަޅާ އަނިޔާކޮށްފައިވާތީ އެމީހުންނަށް އޭނާގެ ހެޔޮކަމުން ދެވޭ މީހާއެވެ. ފަހެ އެމީހާ އެހެންމީހުންނަށް ދޭންޖެހޭ ހެޔޮކަންތައްދީ ހަމަވުމުގެ ކުރިން އެމީހެއްގެ ހެޔޮކަންތައް ހުސްވެއްޖެނަމަ، އެމީހުންގެ ފާފަތައް ގެނެސް އޭނާއާ ހަވާލުކުރެވި އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ.“

އެކަހެރިވާ ވަގުތުތަކުގައި ސިއްރުންކުރާ ފާފަތަކަކީވެސް ހެޔޮކަންތައް ނެތިކޮށްލާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لَأَعْلَمَنَّ أَقْوَاماً مِنْ أُمَّتِي يَأْتُونَ يَوْمَ القِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضاً، فَيَجْعَلُهَا اللَّهُ عز وجل هَبَاءً مَنْثُوراً، قَالَ ثَوْبَانُ رضي الله عنه: يَا رَسُولَ اللَّهِ! صِفْهُمْ لَنَا، جَلِّهِمْ لَنَا، أَلَّا نَكُونَ مِنْهُمْ وَنَحْنُ لَا نَعْلَمُ، قَالَ: أَمَا إِنَّهُمْ إِخْوَانُكُمْ، وَمِنْ جِلْدَتِكُمْ، وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ، وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ ٱنْتَهَكُوهَا)) [رواه ٱبن ماجه]

މާނައީ: ”ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުގެ އުންމަތުން ބަޔަކު ތިހާމާގައިވާ ހުދުފަރުބަދަތައްހާ ގިނަ ހެޔޮކަންތައްތަކާއިގެން އަންނާނެތެވެ. ދެންފަހެ ﷲ ތަޢާލާ އެމީހުންގެ އެ ހެޔޮކަންތައްތައް ވަޔަށް ބުރައިގެންދާ ކުނޑިތަކެއްކަމުގައި ލައްވާނެތެވެ.” އެހިނދު ޘައުބާނު رضي الله عنه ވިދާޅުވިއެވެ. ”އޭ ﷲ ގެ ރަސޫލާއެވެ. ތިމަންބޭކަލުންނަށް ނޭނގި ތިބެ އެމީހުންގެ ތެރެއިން ވެވިދާނެތީ އެ މީހުންގެ ސިފަތައް ބަޔާންކޮށްދީ އެއީ ކޮން ބައެއްކަން ސާފުކޮށްދެއްވާށެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ދަންނާށެވެ. އެއީ ހަމަ ތިޔަ ބޭކަލުންގެ އަޚުންގެ ތެރޭގައިވާ ތިޔަބޭކަލުންފަދަ ބައެކެވެ. އަދި ތިޔަބޭކަލުން ކުރައްވާ ފަދައިން ދަމުނަމާދުވެސްކުރާ ބައެކެވެ. އެހެނަސް އެކަހެރިވާ ވަގުތުތަކުގައި ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެއެވެ.“

އަދި ކުއްތާ ގެންގުޅުމަކީވެސް އެމީހެއްގެ ހެޔޮކަން އުނިވެގެންދާކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنِ ٱتَّخَذَ كَلْباً، إِلَّا كَلْبَ مَاشِيَةٍ، أَوْ صَيْدٍ، أَوْ زَرْعٍ؛ ٱنْتَقَصَ مِنْ أَجْرِهِ كُلَّ يَوْمٍ قِيرَاطٌ)) [متفقٌ عليه]

މާނައީ: ”ޖަނަވާރުތައް ބެލެހެއްޓުމަށް ނުވަތަ ޝިކާރަކުރުމަށް ނުވަތަ ދަނޑުބެލެއްޓުމަށް ނޫންގޮތަކަށް ކުއްތާއެއް ގެންގުޅުމަކީ އެމީހެއްގެ ދަރުމައިން ކޮންމެ ދުވަހަކު ޤީރާޠެއް [2] މަދުވެގެންދާނޭ ކަމެކެވެ.“

އަދި ރާ ބޯ މީހާގެ ސާޅީސްދުވަހުގެ ނަމާދު ޤަބޫލުނުވެވޭނެއެވެ.

((مَنْ شَرِبَ الخَمْرَ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ صَبَاحًا)) [رواه الترمذي]

މާނައީ: ”ރާ ބޮއިފިމީހާ ދަންނައެވެ. އެމީހެއްގެ ސާޅީސްދުވަހުގެ ނަމާދު ޤަބޫލު ނުވެވޭ ހުއްޓެވެ.“

އަޅަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ނުބައިކަމުގެ ތެރޭގައި ހުރެވޭއިރުވެސް އޭނާ އެހުރީ ހެޔޮކަމެއްގެ މަތީގައި ކަމުގައި ހީވުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.  

﴿قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا * الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا﴾ [سورة الكهف 103 – 104]

މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ޢަމަލުތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ ޚަބަރު ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ. [103] އެއުރެންނަކީ ދުނިޔަވީ ޙަޔާތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލުވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ. [104]“

ފަހެ ﷲ އަށް އަޅުކަންކުރުމަކީ ދީނުގެ އެއް އަޞްލެވެ. އަދި އެކަމަށް ރައްކާތެރިވުމީ އިސްލާމްދީނުގެ އެންމެ ބޮޑު އެއް މަޤްޞަދެވެ. އަދި މަރާ ބައްދަލުވަންދެން އެގޮތުގައި ދެމިހުރުމަކީ ޝަރީޢަތުގައި އަންގަވާފައިވާ އަސާސީ އެއް ކަމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ﴾ [سورة الحجر 99]

މާނައީ: ”އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ރައްބަށް އަޅުކަން ކުރައްވާށެވެ!“

މުއުމިނު އަޅާގެ މައްޗަށް އޮތީ ކިތަންމެ ކުޑަ ހެޔޮޢަމަލަކަށް ވިޔަސް އެއީ ކުޑަކަމެއްކަމުގައި ނުދެކުމެވެ. އަދި ކިތަންމެ ކުޑަ ނުބައިކަމެއްވިޔަސް އެކަމާ ދުރުހެލިވުމެވެ. އެއީ އެ ހެޔޮކަމެއްގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ރަޙުމަތް ލިބޭނީ ކޮން ހެޔޮކަމެއްގެ ސަބަބުން ކަމެއް އެމީހަކަށް ނޭނގޭނެއެވެ. އަދި އެ ނުބައިކަމެއްގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ކޯފާ ޙައްޤުވާނީ ކޮން ނުބައިކަމެއްގެ ސަބަބުން ކަމެއް އެމީހަކަށް ނޭނގޭނެއެވެ.

މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ހުރިހާ އަޅުކަމެއް އަދާކުރާއިރުވެސް އުންމީދާ ބިރުވެތިކަމާއެކު އެކަންކަން އަދާކުރުމެވެ. އަދި އޭނާގެ ހިތުގައި ﷲ ތަޢާލާ ދެކެ ލޯބިވުމާއި އެއިލާހާމެދު ހެޔޮކޮށް ހީކުރުން އަށަގެންނެވުމެވެ.

ޢަމަލުތައް ޤަބޫލުވޭތޯ ބޮޑަށް މަސައްކަތް ކުރައްވާށެވެ. އަދި އެކަން ފަސާދަކޮށްލާ އަދި އޭގެ އަޖުރު އުނިކޮށްލާ ކަންކަމުން ދުރުހެލިވާށެވެ. ހެޔޮކަމެއް ކުރެވިއްޖެމީހާ، ﷲ ތަޢާލާ އޭނާއަށް އެކަމުގެ ތައުފީޤު ދެއްވިކަމަށްޓަކައި ޙަމްދުކުރާ ހުށިކަމެވެ. އަދި އެކަމުގައި ޘާބިތުކަން ދެއްވުމަށާއި އިތުރަށް ދެއްވުމަށް އެދޭށެވެ.

ﷲ އަށް ކިޔަމަންގަތުމުގެ ޛަރީޢާއިން ނަފްސު ތަހުޒީބުކުރާށެވެ. އަދި އަޅުކަމުގައި ލާޒިމުވެ، ތެދުވެރިވެ، ތަވާޟުޢުވެރިވެ، ހިތްސާފުކޮށް އަދި ރިވެތި އަޚުލާޤުން ޒީނަތްތެރިވެ ނަފްސު ޠާހިރުކުރާށެވެ. އަދި އޭނާގެ ނަފްސަށް އެދޭ ފަދައިން އެހެން މީހުންނަށްވެސް ހެވަށް އެދޭށެވެ. އަދި ﷲގެ ރޭވުންތެރިކަމާމެދު އަމާންކަން ލިބިގެންވާކަމަށް ހީނުކުރާށެވެ. އަދި އެއިލާހުގެ ރަޙްމަތުން މާޔޫސްނުވާށެވެ.

____________________________

މަޞްދަރު


[1] އެފަދަ މީހުން ނަމާދު ކުރަން ޖެހޭނެއެވެ. އަދި އެނަމާދުތައް ފަހުން ޤަޟާކުރާކަށްވެސް ނުޖެހޭނެއެވެ. އެހެނަސް ސާޅީސް ދުވަހުގެ ނަމާދުގެ ދަރުމައާއި ސަވާބު އެފަދަ މީހުންނަށް ނުލިބޭނެއެވެ. ބައްލަވާ: المنار المنيف لابن القيم (ص: 33).

[2] ޢަރަބިބަހުގައި ޤީރާޠު ކިޔަނީ ދީނާރުގެ ބަޔަކަށެވެ. އިސްލާމީ އެކި ރަށްތަކުގައި އެމިންކުރުމުގައި ތަފާތުތަކެއް ހުރެއެވެ. ބައްލަވާ: لسان العرب لابن منظور (7/375)

މިޙަދީޘް ޝަރަޙަކުރެއްވި ގިނަ ޢިލްމުވެރިން ޝަރަޙައިގައި ބުރަވެވަޑައިގަންނަވަނީ މިޙަދީޘްގައިވާ ”ޤީރާޠު“ ގެ މިންވަރު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ކަމުގައެވެ.