‎ مسائل الجاهلية 13-‎ޢިލްމުގެ އަހުލުވެރިންނާއި ޞާލިޙުން މާތްކޮށް މަތިވެރިކުރުމުގައި ހައްދުފަހަނައަޅައި ދިޔުން

އެމީހުން ޢިލްމުވެރިންނާއި ޞާލިޙުން ބޭކަލުނަށް މާތްކޮށް ހިތުމުގައި ހައްދުފަހަނައަޅައި ދެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާފަދައިންނެވެ. ”يَا أَهْلَ الْكِتَابِ لا تَغْلُوا فِي دِينِكُمْ وَلا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ“ (النساء 171) މާނައީ: ”އޭ ފޮތުގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުންގެ ދީނާމެދު ތިޔަބައިމީހުން ހައްދުފަހަނައަޅައި ނުދާށެވެ! އަދި، ﷲ އާމެދު ޙައްޤު ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ!“

[މިއީ ނުރައްކާތެރިކަން ބޮޑު މައްސަލައެކެވެ. الغلو ގެ ލުޣަވީ މާނައަކީ؛ ޙައްދަށްވުރެ އިތުރުވުމެވެ. ޢަރަބި ބަހުގައި، غلا القدر އޭ ބުނެވެނީ ތެލީގައިހުރި އެއްޗެއް ކެކިގެން އަރިއިގަތުމަށެވެ. އެއީ ކެކިގަތުމުގެ ސަބަބުން ފެންގަނޑު އުފުލިއަރާތީއެވެ. غلا السعر އޭ ބުނެވެނީ ޢާއްމުކޮށް ހުންނަ މިންވަރަށްވުރެ އަގު ބޮޑުވުމުންނެވެ. އެހެންވީމާ الغلو އަކީ ޢާއްމުކޮށް ހުންނަވަރަށްވުރެ އިތުރަށް އެއްޗެއް އުފުލި އިތުރުވުމެވެ.

ޝަރުޢީ ގޮތުން الغلو އަކީ، އެމީހަކަށް ލާއިޤުވެގެން ނުވާ މަޤާމަކަށް މީހަކު އުފުލައިލުމެވެ. މިސާލަކަށް ނަބީބޭކަލުންނާއި ޞާލިޙުންނަށް ޙައްޤުވެގެންނުވާ މަންޒިލެއް އެބޭކަލުންނަށް ދިނުމެވެ. އެބޭކަލުންގެ ޤަދަރުވެރިކަމުގެ ދަރަޖައިން އުފުލާލައި، އިލާހުގެ ދަރަޖައެއް ދިނުމެވެ. އެގޮތުން ނަބީބޭކަލުންނާއި ޞާލިޙުންނަށް ރުބޫބިއްޔަތުގެ ނުވަތަ އުލޫހިއްޔަތުގެ ދަރަޖަ ދިނުމެވެ. އެބަހީ؛ ކާއިނާތުގައި މާތް ﷲ އަށް މެނުވީ ލިބިވޮޑިގެންނުވާ ބާރުތަކެއް، ނަބީބޭކަލުންނާއި ޞާލިޙުންނަށް ލިބިގެންވާކަމަށް ދަޢުވާކުރުމެވެ. ނުވަތަ ނަބީބޭކަލުންނާއި ޞާލިޙުންނަށް އަޅުކަން ކުރުމެވެ. މިސާލަކަށް ޔަހޫދީން، ޢުޒައިރަކީ މާތް ﷲ ގެ ދަރިކަލެއް ކަމުގައި ބުނަމާއި، ނަޞާރާއިން ޢީސާ ޢަލައިހިއްސަލާމް މަތިވެރިކުރުމުގައި ޙައްދު ފަހަނައަޅައިގޮސް އެކަލޭގެފާނަށް އިލާހެއްގެ ދަރަޖަ ދިނުމެވެ. ހަމައެފަދައިން ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން، އެމީހުންގެ ތެރޭގައި ކުރިން އުޅުއްވި ޞާލިޙުންގެ ބުދުހަދައި އެއަށް އަޅުކަންކޮށް ހެދުމެވެ. އެ ޞާލިޙުންނަށް އިލާހުގެ ދަރަޖަ ދިނެވެ. މާތް ﷲ އެވާހަކަތައް އަނގަވައި ވާޙީކުރެއްވިއެވެ. ”وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدّاً وَلا سُوَاعاً وَلا يَغُوثَ وَيَعُوقَ وَنَسْراً“ (نوح 23) މާނައީ: ”(ނޫޙުގެފާނުގެ ޤައުމުގެ) މީހުން ބުންޏޭވެ. ތިޔަބައިމީހުން އިލާހުންތައް ދޫކޮށްނުލާށެވެ! (އެ މީހުންނަށް އަޅުކަންކުރުން ހުއްޓައިނުލާށެވެ.) އަދި ވައްދާއި ސުވާޢާއި ޔަޣޫޘާއި ޔަޢޫޤާއި ނަސްރު ދޫކޮށްނުލާށެވެ.“ 

އެފަދައިން މިއަދުގެ މުޝްރިކުންވެސް، ޞާލިޙުންގެ ޤައުބުރުތަކަށް އަޅުކަންކޮށް އެތަންތަން ވަށައިގެން ޠަވާފުކޮށް ހަދައެވެ. އަދި އެތާނގާއި ވަޅުލެވިފައިވާ މީހުންނަށް ދުޢާކޮށް ޙާޖަތްތައް ފުއްދައި ދިނުންއެދި ގޮވާހަދައެވެ. الغلو ގެ ތެރެއަށް ވަދެއްޖެ މީހަކު ޝިރކުގެ ތެރެއަށް ވައްޓާލައެވެ. 

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «لاَ تُطْرُونِي، كَمَا أَطْرَتْ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ، وَرَسُولُهُ» رواه البخاري މާނައީ: ”ނަޞާރާއިން (ޢީސާ) އިބްނު މަރްޔަމް އަށް މަދަޙަ ކިޔުމުގައި ހައްދުފަހަނައަޅާދިޔަ ފަދައިން ތިޔަބައިމީހުން ތިމަންކަލޭގެފާނު މަތިވެރި ކުރުމުގައި ހައްދުފަހަނައަޅައި ނުދާހުށިކަމެކެވެ. އެހެނީ ތިމަންކަލޭގެފާނަކީ ﷲ ގެ އަޅާއެވެ. ތިޔަބައިމީހުން(ތިމަންކަލޭގެފާނާމެދު) ބުނެއުޅޭށެވެ! ﷲ ގެ އަޅާ އަދި ރަސޫލާއެވެ.“]