”އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.“

ތަމްހީދު:


ﷲ ތަޢާލާ ޚަބަރުދެއްވާފައިވާ ގޮތުގައި، ސުވަރުގެއަކީ ނަފްސުތައް އެދޭ އެދުންތައް އެތަނުގައި ލައްވާފައިވާ ތަނެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَفِيهَا مَا تَشْتَهِيهِ الْأَنفُسُ﴾ [سورة الزخرف ٧١]

”އަދި އެތަނުގައި ނަފްސުތައް އެދޭ ހުރިހާ އެއްޗެއް ވެއެވެ.“

އަދި ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޚަބަރުދެއްވަނީ ސުވަރުގެވަންތަވެރިން ކުރެ މީހަކު އެތަނުގައި ދަނޑު ގޮވާންކުރަން ބޭނުންވާނެކަމުގައެވެ. އޭނާ އެތަނުގައި އޮށެއް އިންދާއިރަށް ދަނޑުގޮވާންކުރުމުގެ ހުރިހާ މަރުޙަލާއެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމިގެން ދާނެއެވެ.  ޙަދީޘްގެ ނައްޞު:


އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުގައި، ރަށްފުށު ހިސާބެއްގެ މީހަކު އިންނަވަނިކޮށް ޙަދީޘްކުރެއްވިއެވެ.  

((أَنَّ رَجُلًا مِنْ أَهْلِ الجَنَّةِ اسْتَأْذَنَ رَبَّهُ فِي الزَّرْعِ، فَقَالَ لَهُ: أَوَلَسْتَ فِيمَا شِئْتَ؟ قَالَ: بَلَى، وَلَكِنِّي أُحِبُّ أَنْ أَزْرَعَ، فَأَسْرَعَ وَبَذَرَ، فَتَبَادَرَ الطَّرْفَ نَبَاتُهُ وَاسْتِوَاؤُهُ وَاسْتِحْصَادُهُ وَتَكْوِيرُهُ أَمْثَالَ الجِبَالِ، فَيَقُولُ اللَّهُ تَعَالَى: دُونَكَ يَا ابْنَ آدَمَ، فَإِنَّهُ لاَ يُشْبِعُكَ شَيْءٌ))

މާނައީ: ”ހަމަކަށަވަރުން ސުވަރުގޭގެ އަހުލުވެރިންކުރެ މީހަކު ދަނޑު ގޮވާންކުރުމުގެ ހުއްދައަށް އޭނާގެ ރައްބުގެ ޙަޟްރަތުން އެދިއްޖެއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ. ތިބާ ބޭނުންވިހާ އެއްޗެއް ނުލިބޭ ހެއްޔެވެ؟ އެމީހާ ދަންނަވައިފިއެވެ. ނޫނެކެވެ. އެހެނަސް ތިމަން ވަރަށް ދަނޑުހައްދާ ހިތްވެއެވެ. (ދެން އެމީހާއަށް އެކަންކުރުމަށް އިޛުނަދެއްވުމުން) އޭނާ އެތަނުގައި އަވަސްއަވަހަށް އޮށްތައް އުކައިފިއެވެ. ފަހެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް އެސްފިޔަވެސް ޖަހާނުލެވެނީސް އެގަސްތައް ކުރިފަޅައި، ބޮޑުވުމުން، އެކަނޑައި ފަރުބަދަތަކެއްހާ ގިނަ ތަކެތި އެއިން ޖަމާވެއްޖެއެވެ. ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ”އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.“

އެތަނުގައި އިން ރަށްފުށު ހިސާބުމީހާ ދަންނަވައިފިއެވެ. ”އޭ ﷲގެ ރަސޫލާއެވެ! ތިޔަ ވާނީ ޤުރައިޝުން ނުވަތަ އަންޞާރުން ކުރެ ބޭކަލަކަށެވެ. އެހެނީ އެއީ ދަނޑުވެރި ބޭކަލުންތަކެކެވެ. ފަހެ ތިމަން ބޭކަލުންނާމެދު ދަންނައެވެ. ތިމަން ބޭކަލުން ދަނޑު ހައްދާ ނޫޅުއްވަމެވެ.“

ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަމާ ހިނިވަރުނަކުރެއްވިއެވެ.ޙަދީޘްގެ ތަޚްރީޖު:


އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރެއްވިއެވެ.

كتاب التوحيد، باب كلام الرب مع أهل الجنة، ورقمه: 7519. وانظره في كتاب المزارعة ورقمه: 2348.ޙަދީޘްގެ ބައެއް ލަފްޒުތަކުގެ މާނަ:


بَذَرَ (އޮށްތައް އުކައިފިއެވެ.) : ބިންމައްޗަށް އޮށްތައް އުކައިފިއެވެ.

فَتَبَادَرَ الطَّرْفَ (ފަހެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް އެސްފިޔަވެސް ޖަހާނުލެވެނީސް) :  އެ ބޮޑުވެ، އޭނާއަށް އެ ކަނޑާ މަރުޙަލާތައް ރަނގަޅަށް ނުވެސް ފެންނަނީސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަން ނިމިއްޖެއެވެ.

دُونَكَ (އޭގައި ހިފާށެވެ.)ޙަދީޘްގެ ޝަރަޙަ:


އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުގައި ރަށްފުށު ހިސާބެއްގެ މީހަކު އިންނަވަނިކޮށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.  

ހަމަކަށަވަރުން ސުވަރުގޭގެ އަހުލުވެރިންކުރެ މީހަކު ދަނޑު ގޮވާންކުރުމުގެ ހުއްދައަކަށް އޭނާގެ ރައްބުގެ ޙަޟްރަތުން އެދިއްޖެއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ. ތިބާ ބޭނުންވިހާ އެއްޗެއް ނުލިބޭ ހެއްޔެވެ؟ ތިބާ ބޭނުންވާހާ އެއްޗެއް އަދި އެދޭހާ އެއްޗެއް ކުރިމަތީގައި ނުވޭ ހެއްޔެވެ. އެމީހާ އެކަމަށް އިޤުރާރުވިއެވެ. އެހެނަސް އެއާއެކުވެސް އޭނާ ހަމަ ދަނޑުހައްދާ ހިތްވަނީ އެވެ.  

އެމީހާއަކީ ދުނިޔަވީ ޙަޔާތުގައި ދަނޑު ހެއްދުމުގައި އުޅުނު މީހަކަށް ވުމުން އެކަންކުރާ ހިތްވީ ކަމުގައިވެދާނެއެވެ. އެހެނީ ވަރަށް ގިނަމީހުން އެމީހުން ކުޑައިރުއްސުރެ ކުރާކަމެއް ނުވަތަ ޒުވާން ދުވަސްވަރު ކުރާ ކަންތައްތައް ކުރާހިތް ވެދާނެއެވެ.

ދެން އެމީހާއަށް އެކަންކުރުމަށް އިޛުނަދެއްވުމުން، ފަހެ އޭނާ ސުވަރުގޭގެ ބިމުގައި އޮށް އިންދައިފިއެވެ. އިސާހިތަކު އެއޮށްތަކުން ގަސްފަޅައިފިއެވެ. އަދި ގަސްގަނޑު ނުކުމެ ދޮންވެ ފައްކާވެއްޖެއެވެ. އަދި ގޮވާންކެނޑޭވަރު ވެއްޖެއެވެ. އަދި އެކަނޑައި ފަރުބަތަކެއްހާ ގިނަ ތަކެތި އެއިން ޖަމާވެއްޖެއެވެ.

ދުނިޔޭގެ ދަނޑުތައް ހެއްދުމަށް ވަރަށް ގިނަ މަރުޙަލާތަކާއި ވަގުތު ބޭނުންވެއެވެ. އެހެނަސް ސުވަރުގޭގައި އެފަދަ ބުރައެއް އުފުލާކަށް ނުޖެހޭނެއެވެ.

ދެން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ”އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.“

ފަހެ އެތަނުގައި އިން ރަށްފުށު ހިސާބުމީހާއަށް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެއިވުނު ވާހަކަތަކާމެދު ދަންނަވައިފިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިޔަ ވާނީ ޤުރައިޝުން ނުވަތަ އަންޞާރުން ކުރެ ބޭކަލަކަށެވެ. އެހެނީ އެއީ ދަނޑުވެރި ބޭކަލުންތަކެކެވެ. އެބޭކަލުން ވަރަށް އެކަން ކުރާ ހިތްވާނެއެވެ. އެހެނަސް އެ ރަށްފުށު ހިސާބުމީހާއާއި އޭނާގެ ޤައުމުގެ މީހުންނަކީ ދަނޑު ހައްދާ ބައެއް ނޫނެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަމާ ހިނިވަރުނަކުރެއްވިއެވެ.

ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ މަޖިލީހުގައި އެކިޔައިދެއްވި ވާހަކައަކީ އެމަޖިލީހަށް އުފާވެރި ޖައްވެއް ގެނެސްދިން ވާހަކައެކެވެ. ފަހެ އެއީ ވަރަށް ހެއްވާ އަދި މަޖާވެސް ވާހަކައެކެވެ. އަދި އެ ރަށްފުށު މީހާ އެވާހަކައަށް އިތުރުކޮށްލި ތަންކޮޅަކީ އެކަމާމެދު ރަސޫލާ  صلى الله عليه وسلم ވެސް ހިނިވަރުނަކުރެއްވިކަމެކެވެ. އަދި އެކަމާ މެދު އެކަލޭގެފާނުގެ އުފާވެރިކަންވެސް އިތުރުވެގެން ދިޔައެވެ.ޙަދީޘްގައިވާ ޢިބުރަތްތަކާއި ފައިދާތަކާއި ޙުކުމްތައް:


1- ސުވަރުގޭގައި އަޅާގެ ހިތާއި ނަފްސު އެދޭ ހުރިހާކަމެއް ވެއެވެ. ފަހެ އެމީހާ ސުވަރުގޭގައި އެދުނީ ދަނޑުގޮވާން ކުރާށެވެ. ފަހެ އެމީހާގެ އެދުމަށް ﷲ ތަޢާލާ އިޖާބަދެއްވާ އޭނާއަށް އެކަން ދެއްވިއެވެ.  

2- ހެޔޮކަން އިތުރުކުރުމީ ފިޠުރީ ގޮތުންވެސް ނަފްސުތަކުގައިވާ ޞިފައެކެވެ. ސުވަރުގޭގައިވެސް އެކަން ހިނގާނެއެވެ. އެމީހާ އެހުރި ހެޔޮކަމާއެކުވެސް އެމީހާ ބޭނުންވާނީ ދަނޑުގޮވާންކުރާށެވެ.

3- ސުވަރުގޭގައި ދަނޑު ހެއްދުމަށް ދުނިޔޭގައި ބޭނުންވާ ފަދައިން މާ ގިނަ އިރުތަކެއް ނުވެއެވެ. އަދި އެތަނުގައިވާ ގަސްތަކުގެ މޭވާވެސް އެފަދައެވެ. ފަހެ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއިން މޭވާ ކެނޑުމުން އެގަސްތަކުގެ ގޮފީގައި ކުރިން ހުރި މޭވާ ފަދައިން ވަގުތުން މޭވާ އަޅައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ هَـٰذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ﴾ [سورة ص ٥٤]

މާނައީ: ”ހަމަކަށަވަރުން މިއީ ތިމަންއިލާހު ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއް ނުވެއެވެ.“   

4- ސުވަރުގޭގެ އަހުލުވެރިންގެ ޙަޔާތުގައި ވަރަށް އުފާ އަދި މަޖާ ކަންތައްތައް ހިނގާނެއެވެ. އަދި އެވާހަކަތައް އަޑުއަހާ މީހަކަށްވެސް އެކަމުން އުފާވެރިކަން ލިބިގެންދާނެއެވެ.

5- ރަސޫލާ صلى الله عليه وسلم ގެ މަޖްލިސްތަކަކީ އެކިއެކި އުފާވެރި ވާހަކަތައް ދެކެވުނު މަޖިލިސްތަކެކެވެ. އަޑުއަހާ މީހުންނަށްވެސް އެއިން އުފާވެރިކަން ލިބިގެންދެއެވެ. އެކަލޭގެފާނު އެމަޖްލިސްތަކުގައި ހިނިވަރުނަކޮށް އުޅުއްވިއެވެ.

6- ބައެއް ފަލްސަފާވެރިންނާއި ނަޞާރާއިން ދަޢުވާ ކުރާ ގޮތުގައި ސުވަރުގޭގެ ޙަޔާތަކީ މާއްދީ ހުރިހާ ކަމަކުން ދުރުވެގެންވާ ރޫޙާނީ ޙަޔާތެކެވެ. އެހެނަސް އެއީ ތެދުވާހަކައެއް ނޫނެވެ. ސުވަރުގޭގެ އަހުލުވެރިން ކައިބޮއި ހަދާނެއެވެ.

7- ސުވަރުގޭގައި ﷲ ތަޢާލާގެ އަޅުތަކުން އެއިލާހާ ވާހަކަ ދައްކާނެއެވެ. އަދި އެއިލާހުވެސް އެބައިމީހުންނަށް ބަސްވަޙީކުރައްވާނެއެވެ. އެއީ މިޙާދިޘާގައި ދަނޑުގޮވާންކުރަން އެދުނުމީހާ ވާހަކަދެއްކި ފަދައިންނެވެ.


މަޞްދަރު: قصص الغيب في صحيح الحديث النبوي

 245 total views