ޖަމްޢިއްޔަތުއްސަލަފުގެ މައްކާ ދަތުރުގައި މިފަހަރު 17 މެމްބަރުން

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ކޮންމެ އަހަރަކު އިންތިޒާމުކުރާ ”މައްކާ ދަތުރު“ގައި ބައިވެރިވާ ޒުވާނުންގެ ޓީމެއް މައްކާއަށް ފުރައިފިއެވެ. 

މިމަހުގެ 16 އިން 24 އަށް (ޝައްވާލު 13 އިން 24 އަށް) އޮންނަ މިޙަރަކާތުގައިރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުންވަނީ ބައިވެރިވެފައެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމާއި ދަޢުވަތުގެ ކަންކަމުގައި ޙަރަކާތްތެރިވާ 17 ބޭފުޅަކު ބައިވެރިވާ ”މައްކާ ދަރުތުރު“ ގައި ޢިލްމީ ގޮތުންނާއި ފަންނީގޮތުން އެކިއެކި ދަރުސްތަކާއި ޙަރަކާތްތައް ކުރިޔަށް ގެންދެވޭނެއެވެ.

މިވޯކްޝޮޕްއަކީ ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ދަށުން މައްކާގައި ދަޢުވަތުގެ އެކިއެކި ކަންކަން ފިލަރެސްކުރާ ”އަލްމަކްތަބުއްތަޢާވުނީ ލިލްދަޢުވަތި ވަލްއިރުޝާދި“ އާއި ޖަމްޢިއްޔަތުއްސަލަފާ ގުޅިންގެން ހިނގާ ޕްރޮގުރާމެކެވެ. 

މިދަތުރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްގެ ލަނޑުދަނޑިތަކުގެ ތެރޭގައި، ޢިލްމީ، ތަރުބަވީ، ދަޢަވީ ދާއިރާތަކުން ބައިވެރިންގެ ހުނަރާއި ޤާބިލުކަން އިތުރު ކުރުމާއި، އިތުބާރު ހުރި ބޮޑެތި ޢިލްމުވެރީންނާއި، ދާއިރާގައި ޙަރަކާތްތެރިވާ ބޮޑެތި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅުން ބަދަހިކުރުމާއި، ދާއިރާގެ ތަޖުރިބާކާރުންނާއި ގުޅިގެން ރާއްޖޭގެ ތަޢުލީމާއި އިޖްތިމާޢީ ކަންކަން ވިލަރެސްކޮށް ހިންގާނޭގޮތުގެ ހުނަރު އުނގަންނައި ދިނުން ހިމެނެއެވެ.

މިއަހަރުގެ ”މައްކާ ދަތުރުގައި“ވެސް ދަތުރުގެ ބައިވެރިން ޢުމުރާގެ އަޅުކަން އަދާކުރުމުގެ އިތުރުން މައްކާގެ އެކިއެކި ޖަމްޢިއްޔާތަކާ ބައްދަލު ކުރުމާއި، މައްކާގެ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމާއި، ޝެއިޚުންގެ ބައެއް ދަރުސްތަކުގައި ބައިވެރިވުމާއި، މަދީނާއަށް ޒިޔާރަތްކުރުން ހިމެނެއެވެ.