ކެސިނޯ އެޅުމަށް ހުއްދަ ދެވިގެން ނުވާނެ: އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު

ރާއްޖޭގައި ކެސިނޯ އެޅުމަށް ހުއްދަ ދެވިގެން ނުވާނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަބްދުﷲ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ކެސިނޯ އެޅުމަށް ހުއްދަ ދިނުމަކީ މާތް ﷲ ޙަރާމް ކުރެއްވިކަމެއް ރާއްޖެއަށް އަލަށް ތަޢާރަފް ކުރުންކަމަށާއި އެއީ މުޅި ދިވެހި ޖީލުގެ ޙައްޤުގައި ހިންގޭ ބޮޑުވެގެންވާ ޖަރީމާއެއްކަމަށެވެ.

”ރާއްޖޭގައި ކެސިނޯ އެޅުމަށް ހުއްދަ ދެވިގެން ނުވާނެ. މާތް ﷲ ޙަރާމް ކުރެއްވިކަމެއް އަލަށް ރާއްޖެއަށް ތަޢާރަފް ކުރުމަކީ މުޅި ދިވެހި ޖީލުގެ ޙައްޤުގައި ހިންގޭ ބޮޑުވެގެންވާ ޖަރީމާއެއް. ފާފައެއް އަލަށް ތަޢާފަރްކޮށްފި މީހަކަށް އެކަމުގައި ދެންފަހުން ބައިވެރިވާ އެންމެންގެ ފާފަވެސް ބޮލުގައި އެޅޭނެ“. ޝައިޚް ޢަބްދުﷲ ގެ ޓްވީޓުގައި ވެއެވެ.

ޝައިޚް ޢަބްދުﷲ މިފަދައިން ޓްވީޓުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރު ޢަބްދުﷲ ޖާބިރު، ރާއްޖޭގައި ކެސިނޯ އެޅުމަށްޓަކައި މަޖިލީހަށް ގަރާރެއް ހުށަހަޅާނެކަމަށް ބުނެފައިވަނިކޮށެވެ. ’އައްޑޫލައިވް‘ އަށް ދިން އިންޓަވިއުއެއްގައި ޖާބިރު ބުނެފައިވަނީ ރާއްޖޭގައި ކެސިނޯ އެޅުމުން އާމްދަނީގެ ގޮތުގައި 6 ބިލިއަން ޑޮލަރު މަހެއްގެ މައްޗަށް ލިބިގެންދާނެ ކަމަށެވެ.

 840 total views