އައްޝައިޚް ޝަފީޢު ޢަބްދުﷲ ޖާބިރަށް ނަޞޭޙަތް ދެއްވައިފި

ސައޫދީޢަރަބިއްޔާގެ މައްކާގައި މިވަގުތު މާސްޓާސް ހައްދަވަމުންގެންދަވާ އައްޝައިޚް ޝަފީޢު ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރަށް ނަޞޭޙަތެއް ދެއްވައިފިއެވެ.

ރާއްޖޭގައި ކެސިނޯ އެޅުމަށް ހޭބޯނާރާ މަސައްކަތް ކުރަމުންގެންދާ ޖާބިރުއަށް ޢިޝާރާތް ކުރައްވައި ޝައިޚް ޝަފީޢު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަނެއްގައި މުންކަރާތް ހިނގަމުން ދިއުމަކީ އެހެން މުންކަރާތްތައް ހިންގުމަށް ހުއްދަ ކުރާކަމެއް ނޫންކަމަށާއި އެއާ ޚިލާފަށް ހުރިހާ މުންކަރާތެއްވެސް މަދުކޮށް އެއްކޮށް ނައްތާލުމަކީ ވާޖިބެއްކަމަށެވެ.

ސޯޝަލް މީޑިއާގައި ވަރަށްބޮޑަށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޝަފީޢު ކުރެއްވި ޓްވީޓުގައި، ﷲއަށް ބިރުވެތިވުމަށް ޖާބިރުއަށް ގޮވާލައްވައި ނަޞޭޙަތްދެއްވާފައިވެއެވެ.

”މެމްބަރު ޖާބިރެވެ. ކެސިނޯ އެޅުމުގެ ޚިޔާލު ދީކޮށްލާށެވެ. ތަނެއްގައި މުންކަރާތް ހިނގަމުން ދިއުމަކީ އެހެން މުންކަރާތްތައް ހިނގުމަށް ހުއްދަ ކުރާކަމެއް ނޫނެވެ. އެއާ ޚިލާފަށް ހުރިހާ މުންކަރާތެއްވެސް މަދުކޮށް އެއްކޮށް ނައްތާލުމަކީ ވާޖިބެކެވެ. މާތްﷲ އަށް ބިރުވެތިވާށެވެ.“ ޝައިޚް ގެ ޓްވީޓުގައިވެއެވެ.