ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ފޯރަމެއް ބާއްވަނީ

ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ފޯރަމެއް ބޭއްވުމަށް ޖަމްޢިއްޔަތުއްސަލަފުން ނިންމައިފިއެވެ.

”ޕެރިލްސް އޮފް ޓެރަރިޒަމް ގެ ނަމުގައި ބާއްވާ މި ފޯރަމްގެ މަޤުޞަދަކީ ޓެރަރިޒަމްގެ ނުރައްކާތެރިކަން ޢާންމުންނަށް ހާމަކޮށްދިނުމާއި، މާތްވެގެންވާ އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާ މި މައުޟޫޢާ ގުޅުންހުރި ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދިނުން. އަދި އިސްލާމްދީނުގެ ނަމުގައި އެކިއެކި ޖަމާޢަތްތަކުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ އިސްލާމް ދީނުގަ އެކަމަށް އެއްވެސް ޙުއްޖަތެއް އޮވެގެން ހިންގާ ޢަމަލުތަކެއް ނޫންކަން މީސްތަކުންނަށް ހާމަކޮށްދިނުން“ ފޯރަމް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިއެވެ.

މި ފޯރަމް އާއި ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ އިތުރަށް ވިދާޅުވީ ”އަޅުގަނޑުމެން މިހާރު މިވަނީ ވީޑިޔޯ މެސެއްޖްތަކެއް ލޯންޗް ކޮށްފަ، މިޙަރަކާތުގައި ރާއްޖޭގެ ޝައިޚުންގެ ތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފަ. މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަކާއި ތާރީޚު، ކައިރި މުސްތަޤުބަލެއްގައި ހާމަކުރާނަން އިންޝާﷲ. އަދި ’ސަލަފް އެންޓި ޓެރަރިޒަމް ކެންޕެއިން‘ ގެ މެސެޖްތައް ޖަމްޢިއްޔާގެ މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ގެނެސްދޭނަން އިންޝާﷲ.“ ކަމަށެވެ.

ފޯރަމަށް ތައްޔާރުވުމުގެ ގޮތުން ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ވީޑިއޯ ކްލިޕްތަކެއް މިހާރުދަނީ ނެރެމުންނެވެ. ތަފާތު ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ މި ވީޑިއޯ ކްލިޕްތައް ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް، ފޭސްބުކް، އިންސްޓަގްރާމް އަދި ޖަމްޢިއްޔަތުއްސަލަފުގެ ޕަބްލިކް ވައިބާގްރޫޕުންދަނީ ރިލީޒް ކުރަމުންނެވެ. މީގެކުރިންވެސް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސަލަފް ފޯރަމްގެ ޒަރީއާއިން މުހިންމު އެތައް މަޢުލޫމާތުތަކެއްވަނީ ގެނެސްދީފައެވެ. މިފަހަރުގެ ފޯރަމްގައިވެސް ދީނީ ޢިލްމުވެރިންގެ އަގުހުރި މަޢުލޫމާތުތަކެއް ގެނެސްދޭނެކަމަށް ޝައިޚް ވިދާޅުވިއެވެ. 

 732 total views