ޖަމްޢިއްޔަތުއްސަލަފުން 15 މިސްކިތެއްގައި މިރޭ ދަރުސް ބާއްވަނީ

ބަރަކާތްތެރި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުމަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރާއްޖޭގެ 15 މިސްކިތެއްގައި މިރޭ ދަރުސްތަކެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މިރޭ ޢިޝާނަމާދަށް ފަހު މާލޭގެ 12 މިސްތަކާއި އަތޮޅުތެރޭގެ 3 ރަށެއްގެ މިސްކިތެއްގައި ދަރުސް ދިނުން އޮންނާނެކަމަށް މިދަރުސްތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ސަލަފުގެ އިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް ޝިހާމު މުޙައްމަދު މަޢުލޫމާތު ދެއްވިއެވެ.

”މިފަހަރު އަޅުގަނޑުމެން މާލޭގެ 12 މިސްކިތެއްގެ އިތުރުން ށ.ކަނޑިތީމް ރަ.ހުޅުދުއްފާރު އަދި ސ.މީދުގައި މިދަރުސްތައްވެސް ބާއްވާގޮތަށް ހަމަޖެހިފައި މިވަނީ. ދެން މީގެއިތުރުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކުގައިވެސް ހަމަ އެއްވަގުތެއްގައި މިދަރުސް ކުރިޔަށްދާނެއެވެ. މި ހުރިހާ ޝައިޚުންވެސް ވާހަކަފުޅު ދައްކަވާނީ ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ މާތްކަމާއިގުޅޭގޮތުން“  އައްޝައިޚް ޝިޙާމު މުޙައްމަދު ވިދާޅުވިއެވެ.

މާލޭގައި މި ދަރުސްތައް ކުރިޔަށްދާނީ ވިޔަފާރިވެރިންގެ މިސްކިތް، ނޫރުމިސްކިތް، ޝަހީދު ޢަލީ މިސްކިތް، ޖަލާލުއްދީނު މިސްކިތް، ދުނބުރި މިސްކިތް، ޒިޔާރަތް މިސްކިތް، ބަރުބަރީ މިސްކިތް، އިބްރާހިމް މިސްކިތް، އިސްކންދަރު މިސްކިތް، ފަނޑިޔާރު މިސްކިތް އަދި ފުރުޤާން މިސްކިތުގައެވެ. މީގެ އިތުރުން ވިލިމާލޭ މަސްޖިދުލް އިޚްލާޞް އާއި ހުޅުމާލެ ވަގުތީމިސްކިތުގައިވެސް މިދަރުސް ކުރިއަށް ދާނެއެވެ.

މާލޭގެ ފުރުޤާނު މިސްކިތުގައި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރު އެވެ. މިދަރުސް ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.