ސިނގިރޭޓު ބުއިމަކީ ޙަރާމް ކަމެއް: އައްޝައިޚް މުޖްތަބާ ޙަމީދު

ސިނގިރޭޓު ބުއިމާއި އެ ވިއްކުމާއި އަދި އޭގެން ފައިދާ ލިބިގަތުމަކީ ޙަރާމްކަމެއްކަމަށް އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ރޭ ގެނެސްދިން ’އޮނަތިރީސްމިނެޓް‘ ގެ 99 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ ސިނގިރޭޓު އުފައްދާ މީހުންނާއި، އެ ބޯ މީހުންނާއި ނުބޯ މީހުންވެސް އަދި ހުރިހާ ޑޮކްޓަރުންވެސް ސިނގިރޭޓަކީ އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއްކަމާއި އޭގައި ވިހަ މާއްދާތައް އެކުލެވޭކަމަށް އިއްތިފާޤުވެފައިވާތީ ސިނގިރޭޓަކީ ކަނޑައެޅިގެން ޙަރާމް އެއްޗެއްކަމަށެވެ. އަދި ސިނގިރޭޓަކީ ޙަރާމް އެއްޗެއްކަމަށާއި އެ ވިއްކައިގެން ލިބޭ ލާރިވެސް ޙަރާމްވާނެކަމަށް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ފަތުވާ ދެއްވާފައިވާކަމަށާއި ދީނީ އެތައް އިރުޝާދުތަކެއްގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޙަރާމްކަމެއްކަން ވަރަށްސާފުކޮށް އެނގިގެންދާކަމަށެވެ.

”އިސްލާމްދީނުގެ އާއްމު ޤަވާޢިދުގެ ދަށުން އިންސާނުންނަށް ގެއްލުންދޭ ކޮންމެ އެއްޗެއް ޙަރާމް ވާނެ. އިސްލާމްދީނަކީ ގެއްލުން ދިނުމާއި އަދި ގެއްލުން ލިބިގަތުން ޙަރާމް ކުރައްވާފައިވާ ދީނެއް. ގަސްތުގައި ތިމާގެ ހަށިގަނޑަށް ގެއްލުންދޭން ޒަހަރު ބުއިމަކީ ޙަރާމްކަމެއް. ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ޖަމްޢިއްޔާ ޑަމްލިއު.އެޗް.އޯ ގެ ދިރާސާތަކުން އެބަ ދައްކާ ސިނގިރޭޓުގައި ވިހަ އެތައް މާއްދާއެއް އެކުލެވޭކަމަށް. މިހުރިހާކަމެއް މިހެން ހުރުމުން ސިނގިރޭޓަކީ ޙަރާމް އެއްޗެއްކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭ“ ޝައިޚް ވިދާޅުވިއެވެ.

’ސިނގިރޭޓު ޙަރާމްވީ ކީއްވެ؟‘ މި މައުޟޫއަށް ވާހަކަފުޅު ދައްކަވުން ޝައިޚް މުޖްތަބާ ވިދާޅުވީ ޚާއްސަކޮށް މާލެފަދަ މީހުން ގިނަކަމުން ތޮއްޖެހިފައިވާ ރަށެއްގައި މަގުތައްމަތީގައި މީހުންގެ މޫނަށް ދުން ބުރުވަމުން، ސިނގިރޭޓު ބޮމުން ދިއުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއްކަމަށާއި އެއީ އޭގެ ސަބަބުން އެތައް މައިންނަކަށް، އަދި އެތައް ކުޑަކުދިންނަކަށް އޭގެ އުނދަގޫ ފޯރަމުންދާ ބޮޑު މުސީބާތެއްކަމަށެވެ. އަދި މިކަމަކީ ހަމަ މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާކަމެއްކަމަށް އައްޝައިޚް މުޖްތަބާ ޙަމީދު ފާހަގަ ކުރެއްވި އެވެ.