އަންހެނުން ޤާޟީކަމަށް އެރުވުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް: ޢިލްމުވެރިން

އަންހެނުން ޤާޟީކަމަށް އެރުވުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމްކަމެއްކަމަށް ވިދާޅުވެ ގިނަ ޢިލްމުވެރިންތަކެއް ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް 2 އަންހެނަކު އައްޔަންކުރުމަށް ބޭނުންވެ އެކަމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހީމް މުޙައްމަދު މިއަދު އެދިލައްވާފައިވާތީ ގިނަ ޢިލްމުވެރިންތަކެއްދަނީ އެކަމާ ދެކޮޅަށް އަޑު އުފުއްލައްވަމުންނެވެ. އަދި އަންހެނުން ޤާޟީކަމަށް އައްޔަނު ކުރުމާއިމެދު އިސްލާމީ ޝަރީޢަތުގައި އެކަން އޮންނަ ގޮތް ފާޅުކުރައްވަމުންނެވެ.

އަންހެނުން ޤާޟީކަމަށް އައްޔަނު ކުރުމާއިދެކޮޅަށް އަޑުއުފުއްލެވި ޢިލްމުވެރިންގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ރައީސް، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އެބޭފުޅާގެ ޓްވީޓާގައި މިއަދު ވިދާޅުވެފައިވަނީ އިސްލާމީ ދައުލަތެއްގެ އެންމެ އިސް ފަނޑިޔާރުންގެ މަޤާމަށް އަންހެނުން އިސްކުރުން ހުއްދަވެގެން ނުވާކަމަށެވެ. އަދި އެންމެ މާތް އެންމެ ޢިލްމުވެރި، އަދި އެންމެހައި މުސްލިމުންގެ މަންމައިންކަމުގައިވެފައިވި އަންހެން ކަނބަލުންނަށްވެސް އިސްލާމީ އުއްމަތުގެ އެންމެ މާތް ތިން​ޤަރުނުގައި ޤާޟީކަން ދެއްވާފައި ނެތް އިރު ދެން އެކަމުގައި އޮންނާނީ ކޮން ހެވެއްތޯ ވިދާޅުވެ ޝައިޚް ޢަބްދުﷲ ވަނީ ސުވާލު ކުރައްވާފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެފައިވަނީ އަންހެނުން ޤާޟީކަމަށް އިސްކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށާއި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އިސްނުކުރެއްވުމަށް އިބޫސޯލިޙުއަށް އިލްތިމާސް ކުރާކަމަށެވެ. އަދި މާތް ﷲ ބާވައިލެއްވި ޝަރީޢަތުގެ ކަންކަން މީސްތަކުންގެ އަތްތަކުން މުގުރަމުންގޮސްމެނުވީ ޤިޔާމަތް ނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުވިދާޅުވެފައިވަނީ ޝަރުޢީ ކަންކަމުގައި ލަފާ ހޯދަން އޮންނަ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއަކީ އަންހެނުން ޤާޟީކަމަށްލުން ހުއްދަ ނުވާނެކަމެއްކަމަށާއި އެންމެ މަތީ ބާރުން ފަތުވާ މަޖިލީހުގެ ފަތުވާއަށް ގޮންޖެހުމަކީ މުޅި އިސްލާމީ އުޞޫލުތަކާއި، ދީނީ ޢިލްމުވެރިންނަށް ޖެހި ޖޯކެއްކަމަށެވެ. އަދި އެއީ ދެއްކި ނުބައި ނަމޫނާއެއްކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް 2 އަންހެނަކު އައްޔަންކުރުމަށް ބޭނުންވެ އެކަމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހީމް މިއަދު އެދިލައްވާފައިވާތީ ސަރުކާރަށް ސަނާ ކިޔަމުން އަންނަ ބައެއް ޝައިޚުންވެސްވަނީ ރައީސް އިބްރާހީމްގެ މި ހުށައެޅުމާ ދެކޮޅުހައްދަވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

 932 total views