ޢާޝޫރާ ދުވަހުގެ ރޯދަ


الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين


ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. [1] އެދުވަހު ރޯދަހިފުމަކީ ސުންނަތެކެވެ. [2] އެދުވަހާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(صحيح) ((وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ))

[أخرجه مسلم , كتاب: الصيام ، باب: اسْتِحْبَابِ صِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، الرقم: ١٩٦ – (١١٦٢)]

މާނައީ: “އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”


ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި އެންމެ މޮޅުއިތުރު ގޮތް


ޢާޝޫރާ ދުވަހުގެ ރޯދަހިފުމުގައި އެންމެ ރަނގަޅު ގޮތަކީ:

މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި (ތާސޫޢާ ދުވަހާއި) 10 ވަނަ ދުވަހު (ޢާޝޫރާ ދުވަހު) ރޯދަ ހިފުމެވެ. [3]

މުޙައްރަމު މަހުގެ 9 ވަނަ ދުވަހު ރޯދަ ހިއްޕެވުމަށް ނަބިއްޔާ صلى الله عليه وسلم އުންމީދުކުރެއްވި ނަމަވެސް، އެކަލޭގެފާނު އަވަހާރަވެފައިވަނީ ޖެހިގެން އައިއަހަރު އެދުވަހާ ބައްދަލުނުވެއެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“ރަސޫލުﷲ صلى الله عليه وسلم، ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވާ އަދި އެދުވަހު ރޯދަ ހިއްޕެވުމަށް އަމުރުކުރެއްވި ހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން އެއީ ޔަހޫދީންނާއި ނަޞާރާއިން މަތިވެރިކުރާ ދުވަހެކެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.”

(صحيح) ((فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللهُ صُمْنَا الْيَوْمَ التَّاسِعَ))

[أخرجه مسلم ، كتاب: الصيام ، باب: صوم يوم عاشوراء ، الرقم: ١٣٣ – (١١٣٤)]

މާނައީ: “ފަހެ ޖެހިގެން އަންނަ އަހަރު – إِنْ شَاءَ اللهُ – ނުވަވަނަ ދުވަހު އަހަރެމެން ރޯދަ ހިފާނަމެވެ.”

އެކަލޭގެފާނު (އެބަހީ: އިބްނު ޢައްބާސް رضي الله عنهما) ވިދާޅުވިއެވެ. “ފަހެ ޖެހިގެން އައި އަހަރު އައުމުގެ ކުރިން ރަސޫލުﷲ صلى الله عليه وسلم އަވަހާރަވެއްޖެއެވެ.”


މުޙައްރަމު މަހުގެ 9، 10، 11 މި ތިން ދުވަހު ރޯދަ ހިފުން


މުޙައްރަމު މަހުގެ 9، 10، 11 މި ތިން ދުވަހު ރޯދަ ހިފުމަށް ބާރު އަޅާ ޙަދީޘްއަކީ ޞައްޙަ ޙަދީޘްއެއް ނޫނެވެ.

މިޙަދީޘްގައި އައިސްފައިވަނީ:

 (ضعيف) ((صُومُوا يومَ عَاشُورَاء وَخَالِفُوا فِيهِ الْيَهُودَ، صُومُوا قَبْلَهُ يَوْمًا وَبَعْدَهُ يَوْمًا))

[رواه احمد وابن خزيمة وابن عدي في الكامل والبيقهي بسند ضعيف [4]، وضعفه الألباني في ضعيف الجامع الصغير وزياداته برقم: (٣٦٠٥)]

މާނައީ: “ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަ ހިފާށެވެ. އަދި ޔަހޫދީންނާ ޚިލާފުމަށް އެދުވަހުގެ ކުރީދުވަހުއާއި ފަހު ދުވަހުވެސް ރޯދަ ހިފާށެވެ.”

ނަމަވެސް ހަނދުބެލުމުގައި އޮޅުމެއް އަރާފާނެކަމުގެ ބިރަށްޓަކައި ނުވަތަ ކަލަންޑަރުގައިވާ ގޮތަށް މުޙައްރަމު މަހުގެ ދުވަސްތަކަށް ބަލައިގެން ރޯދަހިފައިފިނަމަ ޢާޝޫރާދުވަހާ ދިމާނުވެދާނެކަމަށް ބިރުހީވާނަމަ ރައްކާތެރިކަމުގެ ގޮތުން 9، 10، 11 މި ތިން ދުވަހު ރޯދަ ހިފިދާނެއެވެ. އެހެނީ މުޙައްރަމު މަހަކީ ރޯދަހިފުން ގިނަކުރުމަށް ހިތްވަރުދެވިފައިވާ މަހެކެވެ. [5]

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

(صحيح) ((أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ))

[ رواه مسلم ، كتاب: الصيام ، باب: فضل صوم المحرم ، الرقم: ٢٠٢- (١١٦٣)]

މާނައީ: “ރަމަޟާން މަހަށްފަހު އެންމެ އިތުރުކަންބޮޑުވެގެންވާ ރޯދައަކީ  ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވާ މުޙައްރަމު މަހުގެ ރޯދައެވެ.”

والله أعلم.

وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.

_________________________________



[1] ބައްލަވާ: نيل الأوطار بتحقيق صبحي حلاق (8/409).

[2] ބައްލަވާ: مجموع الفتاوى لإبن تيمية (25/167).

[3] ބައްލަވާ: مجموع الفتاوى لإبن تيمية (25/167).

[4] ބައްލަވާ: نيل الأوطار بتحقيق صبحي حلاق (8/406-407).

[5] ބައްލަވާ: المغني لابن قدامة (3/178) އަދި ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله ގެ ފަތުވާ.

 172 total views